ސަރުކާރުގެ ބައެއް ވަޒީރުންގެ ކާރުކޮޅުތަކަށް ބަޔަކު ސްޕްރޭ ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝާލު ވިދާޅުވީ ތިން ވަޒީރެއްގެ ކާރުކޮޅަކަށް ރޭގެ ވަގުތެއްގައި ބަޔަކު ދަވާދު ސްޕުރޭ ކޮށްފައިވާ ކަމަށެވެ. އެގޮތުން ނަމްބަރު ބޯޑުތައް ސްޕްރޭކޮށް ހަދާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ ތިން ކާރަކަށް ސްޕްރޭ ކުރުމުގެ އިތުރުން އިތުރު އެއްވެސް ގެއްލުމެއް ދީފައިނުވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ކާރުކޮޅުތަކުގައި ސްޕްރޭ އިން ލިޔެފައި ވަނީ "ޓެކްސީ" އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ ސްޕްރޭ ކޮށްފައި ވަނީ ޖަމާލުއްދީން ސްކޫލް ކައިރީ ޕާކްކޮށްފައި އޮތް ކާރަކާއި އާޓިފިޝަލް ބީޗް ސަރަހައްދުގައި ޕާކްކޮށްފައި އޮތް ދެ ކާރަކަށް ކަމަށެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.