04 Sep 2017, 18:49
މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ކިރްގިސްތާނުން މިޔަންމާއާ ދެކޮޅަށް ކުޅެން އޮތް އޭޝިއަން ކަޕް ކޮލިފައިން މެޗު ނުކުޅެން އެ ގައުމުގެ ފުޓްބޯޅަ ފެޑްރޭޝަނުން ނިންމައިފިއެވެ.
ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގަމުންދާ ކަންތައްތަކާ ގުޅިގެން މިޔަންމާއާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅެން އޮތް މެޗު ކެންސަލް ކޮށްފައިވަނީ އެކަމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެއެވެ. އަދި މި ދުވަސްކޮޅު މިޔަންމާއާ ދެކޮޅަށް މެޗެއް ކުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ވެސް ކިރްގިސްތާނުގެ ފުޓްބޯޅަ ފެޑްރޭޝަނުން ވަނީ ބުނެފައެވެ.
މެޗު ކެންސަލް ކޮށްފައިވަނީ މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗަށް ދެކޮޅު ހެދުމުގެ ގޮތުން އިހްތިޖާޖް ކުރުމަށް ކިރްގިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލާފައި ވަނިކޮށެވެ.
ކިރްގިސްތާނު ފުޓްބޯޅަ ފެޑްރޭޝަނުގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވެފައިވަނީ މެޗު ކެންސަލް ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ސްޕާ އިސަކޮވް އަންގަވާފައިވާތީ އެގޮތަށް ނިންމާ މިޔަންމާ އަދި އޭއެފްސީއަށް އެކަން އަންގާފައިވާނެ ކަމަށާއި ފަހުގެ ތާރީހެއްގައި އެހެން ގައުމެއްގައި އެ މެޗު ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މިޔަންމާގައި މިހާރު ހިނގަމުންދާ ކަންތައްތަކުގައި މިޔަންމާގެ ސިފައިންނާއި ބުދިސްޓުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް މިހާތަނަށް 27،400 ރޮހިންޔާ މުސްލިމުން ބަންގްލަދޭޝަށް އެތެރެވެފައެވެ. އަދި އިތުރު 20،000 ރޮހިންޔާ މުސްލިމުން ދެ ގައުމުގެ ބޯޑަރު ދެމެދުގައި ތާށިވެފައި ތިބި ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.