04 Sep 2017, 17:23
މުއްދަތު ހަމަވިއިރުވެސް ދައުވާ ނުކުރުމުން މީހަކަށް ވަޅިން ހަމަލާދިނުމަށްފަހު ފޭރުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ކުށުން ބަރީއަތްވެއްޖެ އެވެ.
އެ މައްސަލައަކީ ވިލިމާލޭ މަގަކުން ހިނގާފައި ދިޔަ މީހަކަށް އޮޅުވާލައިގެން ގެއަކަށް ވެއްދުމަށްފަހު، ވަޅިން ހަމަލާދީ އޭނާގެ އަތުން ފޭރުނު މައްސަލައެވެ.
މީގެ ދެ މަސް ކުރިން ފެށިގެން އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ބަންދުގައި ތިބޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާތާ 30 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހެއެވެ. ނަމަވެސް އެ މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައަކަށްވާނަމަ، ފުލުހުން އެދުމުން ތަހުގީގު ފުރިހަމަކުރަން އިތުރު މުއްދަތެއް ޕްރޮސިކިއުޓާ ޖެނެރަލް ދޭންވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި އެގޮތުން އެންމެގިނައިން ދެވޭނީ 30 ދުވަސް ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. ވަޅިން ހަމަލާދިނުމަށްފަހު ފޭރިގެންފައިވާތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދިޔައީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައެވެ.
އެ މައްސަލާގައި 30 ދުވަހުގެ ތެރޭގައި ތަހުގީގު ފުރިހަމަނުކުރެވޭތީ ފުލުހުން އެދިގެން އިތުރު 10 ދުވަސް ޕްރޮސިކިއުޓާ ޖެނެރަލް ވަނީ ދީފައެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު، ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާއިއިނުވެއެވެ. އަދި މުއްދަތު އިތުރުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އަށް ހުށަހަޅާފައެއް ވެސް ނުވެއެވެ. އިއްޔެ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކަމުގެ މައްޗަށް ރިއާޔަތްކޮށް އެ ދެ މީހުން ވަނީ ދޫކޮށްލާފައެވެ.
ޖިނާއީ އިޖުރާއަތު ގާނޫނުގައިވާގޮ ތުން އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ދެން ދައުވާއެއް ނުކުރެވޭނެއެވެ.
އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.