ޓައިޕޭ (ސެޕްޓެމްބަރު 4): ޓައިވާނުގެ ރައީސާ ސައި އިންގް ވެންއަށް އޮތް ތާއީދު ދަށްވުމާ ގުޅިގެން ބޮޑުވަޒީރު ލިން ޗުއާން އިސްތިއުފާ ދެއްވައިފި އެވެ.

ޓައިވާނުގައި ރައީސުންގެ މަގުބޫލުކަން ކުޑަވުމުން އާ ބޮޑުވަޒީރު އައްޔަން ކުރުމަކީ އާއްމު ކަމެކެވެ. އަދި ރައީސާ ސައިގެ މަގުބޫލުކަން 29.8 ޕަސެންޓަށް ދަށްވެފައިވާ ކަން މިދިޔަ މަހު ހާމަވުމާ ގުޅިގެން ބޮޑުވަޒީރު ލިން އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު ވަނީ ޕްރެޝަރުކޮށްފަ އެވެ.

ރައީސާ ސައި މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރު އޭނާގެ މަގުބޫލުކަން އޮތީ 70 ޕަސެންޓުގަ އެވެ.

ލިން ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ ރައީސާ ސައިއަށް އޭނާގެ ޓީމް އަނެއްކާވެސް ހަމައަކަށް އެޅުވުމަށް ފުރުސަތު ދެއްވުމަށެވެ. ސައި ދަނީ 2020 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ތައްޔާރުވަމުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ޓައިވާނުގައި އޮންނަ ސިސްޓަމުގެ ދަށުން ބޮޑުވަޒީރަށް ވުރެ ރައީސްގެ ބާރުގަދަ އެވެ. އެގޮތުން ކޮމާންޑާ އިން ޗީފްގެ މަގާމާއި ދައުލަތުގެ ވެރިޔާގެ މަގާމު ރައީސަށް ދީފައިވާ އިރު ބޮޑުވަޒީރަށް ވަނީ ކެބިނެޓު ހިންގުމުގެ މަސްއޫލިއްޔަތު ދީފަ އެވެ.

ޓައިވާނުގެ ރިޔާސީ ގަނޑުވަރުން ވަނީ ވީހާވެސް އަވަހަކަށް އާ ބޮޑުވަޒީރަކު އައްޔަން ކުރާނެ ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)