ޗައިނާގައި ކުރިއަށްދާ "ސެމިނާ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޮ ސިވިލް ސާވަންޓްސް އޮފް މޯލްޑިވްސް"ގައި ބައިވެރިވުމަށް ދިވެހި ސިވިލް ސާވިސްގެ ވައުފެއް ޗައިނާއަށް އިއްޔެ ފުރައިފިއެވެ.

ޗައިނާގައި މުވައްޒަފުންނަށް ތަމްރީނުދީ ގާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމަށްވާ "ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސް"ގެ ދައުވަތަކަށް ރާއްޖެއިން ދިޔަ ވަފުދުގައި ހިމެނެނީ ސިވިލް ސާވިސް ކޮމިޝަނުގެ ބައެއް މުވައްޒަފުންނާއި ދައުލަތުގެ ބައެއް އެހެން އިދާރާތަކުގެ މުވައްޒަފުންނާއެކު ޖުމްލަ 30 މުވައްޒަފުންނެވެ.

ޗައިނީސް އެކެޑަމީ އޮފް ގަވަނަންސް އަދި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބާއްވަމުން އަންނަ މިއީ ހަތް ވަނަ ސެމިނާއެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 25 އާ ހަމައަށް ކުރިއަށްދާ އެ ސެމިނާރުގައި ޗައިނާގެ ސިވިލް ސަރވިސްއާ ބެހޭގޮތުންނާއި ޗައިނާއަށް ތަރައްގީ ގެނެވުނު ގޮތާއި ޗައިނާގައި ކާމިޔާބު ކަމާއެކު ހިނގާ އިގުތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ސިޔާސަތުތަކާ ބެހޭގޮތުން މައުލޫމާތު ދޭނެއެވެ.