ބެއިޖިން(ސެޕްޓެމްބަރު 4): އިގުތިސާދީ ގޮތުން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތައް ހިމެނޭ ބްރިކްސް ސަމިޓުން ކޮންމެ އަހަރަކު ބާއްވާ ބައްދަލުވުންތައް ޗައިނާގައި މިއަދު ފަށައިފި އެވެ.

ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ ބްރިކްސް ސަމިޓުގައި ބައިވެރިވުމަށް އެގައުމުތަކުގެ ލީޑަރުން އިއްޔެ ވަނީ ޗައިނާއަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެކުނު އެފްރިކާގެ ރައީސް ޖެކަބް ޒޫމާ، ޗައިނާގެ ރައީސް ޝީ ޖިންޕިން، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަދި ބްރެޒިލްގެ ރައީސް މިޝޭލް ޓެމާ ހިމެނެ އެވެ.

މީގެ އިތުރުން ޗައިނާ އިން ވަނީ ސަމިޓުގައި މެހުމާނުންގެ ގޮތުގައި ބައިވެރިވުމަށް މިސްރު، ކެންޔާ، ތަޖިކިސްތާން، މެކްސިކޯ އަދި ތައިލޭންޑަށް ދައުވަތުދީފަ އެވެ.

ބްރިކްސް ސަމިޓް ފައްޓަވައިދެއްވަމުން ޗައިނާގެ ރައީސް ޝީ ވަނީ ސަމިޓުގައި ހިމެނޭ ގައުމުތަކުގެ ތަރައްގީއަށް އަލި އަޅުވާލައްވައިފަ އެވެ.

"ފާއިތުވި 10 އަހަރު ތެރޭގައި މިފަސް ގައުމުގެ ޖީޑީޕީ ވަނީ 179 ޕަސެންޓަށް އިތުރުވެފައި. އަދި ވިޔަފާރި 94 ޕަސެންޓަށް އިތުރުވެ، އާބާދީ ވަނީ 28 ޕަސެންޓަން އިތުރުވެފައި. އޭގެ ސަބަބުން ދުނިޔޭގެ އިގުތިސާދު ހަމަޔަކަށް އެޅުމަށާއި ކުރިއެރުމަށް މަގުފަހިވެ، ތިން ބިލިއަނަށް ވުރެ ގިނަ މީހުންނަށް އޭގެ ފައިދާ ލިބިފައިވޭ،" ރައީސް ޝީ ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: ޓުވިޓާ

އަދި ބްރިކްސް ސަމިޓުން އިސްކަން ދޭނީ ހުރިހާ ގައުމުތަކުން އެއްބައިވެ ދުނިޔޭގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވި އެވެ.

ބްރިކްސް ސަމިޓުގައި ޗައިނާ އާއި އިންޑިއާގެ ލީޑަރުން ބައްދަލު ކުރެއްވީ ދެގައުމު ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ޑޮކްލާމުގައި މަސްރަހު ހޫނުވި ފަހުންނެވެ. ޑޮކްލާމްއަކީ އެސަރަހައްދުގެ މިލްކުވެރިކަމާ ބެހޭ ގޮތުން ޗައިނާ އާއި ބޫޓާނާ ދެމެދު ދެބަސްވުންތައް އުފެދިފައިވާ ސަރަހައްދެކެވެ.

ޑޮކްލާމާ ބެހޭ ގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ޗައިނާ އާއި އިންޑިއާއާ ދެމެދު ދެބަސްވުންތައް އުފެދުނީ ޑޮކްލާމްގައި ޗައިނާ އިން މަގެއް ހަދަން ފެށުމުން އިންޑިއާ ސިފައިން އެކަމަށް ހުރަސް އެޅުމުންނެވެ. އިންޑިއާ އިން އެފަދައިން އަމަލު ކުރީ ބޫޓާނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އިންޑިއާއިން ބުނެ އެވެ.

އޭގެ ސަބަބުން އިންޑިއާ އާއި ޗައިނާ އިން ވަނީ އެސަރަހައްދަށް ސިފައިން ފޮނުވައިފަ އެވެ. އަދި ދެގައުމުގެ ސިފައިން ފަހަތަށް ޖެހުނީ އޭގެ ގާތްގަނޑަކަށް ތިން މަސް ފަހުން މިދިޔަ ހަފްތާ ތެރޭގަ އެވެ.