މިޔަންމާގެ ހެލްތު މިނިސްޓަރު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައިވާކަން އިތުބާރުހުރި ފަރާތަކުން 'ސަން' އަށް ކަށަވަރު ކޮށްދީފިއެވެ.

މިޔަންމާގެ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މިޔަންޓް ޓްވީ ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިއޮތީ އަންނަ ބުދަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސައުތު އީސްޓް އޭޝިއާ ރީޖަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިޔަންމާގެ ހެލްތު މިނިސްޓަރު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައިވާއިރު، މިޔަންމާގެ ރޮހިންޔާގެ މުސްލިމުންނާމެދު އެ ގައުމުގެ ސަރުކާރުން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާ ގުޅިގެން، މިޔަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ރާއްޖެއިން ވަނީ ކަނޑާލާފައެވެ.

ނަމަވެސް ސަންއަށް މައުލޫމާތު ދިން މަސްދަރުން ބުނި ގޮތުގައި، ދިވެހި ސަރުކާރުން ރޭ ނިންމެވި އެ ނިންމެވުމުގެ ކުރިން ވެސް މިޔަންމާގެ ހެލްތު މިނިސްޓަރު ވަނީ ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައެވެ.

މިޔަންމާގެ އިތުރުން އިންޑިއާގެ ހެލްތު މިނިސްޓަރު ވެސް ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށް، އެ މިނިސްޓްރީގެ އޮފިޝަލުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އެ ފަރާތުގެ ބަހެއް ލިބޭގޮތް ނުވެފައެވެ.

ހުޅަނގު އިރުމަތީ އޭޝިއާގެ ސިއްހީ ކަންތައްތަކާ މަޝްވަރާ ކުރުމަށް ބާއްވަމުން އަންނަ ޑަބްލިއުއެޗްއޯ ސީރޯ ކޮމެޓީގެ 70 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވާނީ އަންނަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

ސީރޯ ކޮމެޓީގައި ޖުމްލަ 11 މެމްބަރު ގައުމެއް ހިމެނެއެވެ. އެއީ ރާއްޖެއާއެކު ބަނގުލަދޭޝް، ބޫޓާން، ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ (އުތުރު ކޮރެއާ)، އިންޑިއާ، އިންޑޮނޭޝިއާ، މިޔަންމާ، ނޭޕާލް، ސްރީ ލަންކާ، ތައިލޭންޑް އަދި ޓިމޯ ލެސްޓެ އެވެ.

އެ ގައުމުތަކުގެ ތެރެއިން އުތުރު ކޮރެއާ އަދި ސްރީ ލަންކާގެ ހެލްތު މިނިސްޓަރުން ސީރޯ ކޮމެޓީ ބައްދަލުވުމަށް ރާއްޖެ ވަޑައިގަންނަވާނެ ކަން އެގައުމު ތަކުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.