04 Sep 2017, 14:06
މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގެއްލިގެން ހޯދަމުންދިޔަ ދެވަނަ ހައްޖުވެރެޔާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސްފައިވާ ޅ. ނައިފަރު އުމުރުން 71 އަހަރުގެ އަބްދުއްލަތީފު އަލީ އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ގެއްލުނު އަބްދުއްލަތީފް ފެނިފައިވަނީ ހަރަމްފުޅާ މާ ދުރު ނޫން ހިސާބަކުން ކަމަށެވެ. އޭނާ ފުނުނުއިރު ހާލު ރަނގަޅު ކަމަށްވެސް ވެއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ވަނީ މެޑިކަލް ޗެކަޕެއް ހަދާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަންނާނީ އަންނަ ބުދަ ދުވަހުގެ ރޭ އިރާކޮޅު 7:25ގައި ކަމަށެވެ.
ބުދަ ދުވަހުގެ ރޭ ރާއްޖެ އަންނާނީ ޒައީމާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ 96 މީހުންނެވެ.
ސިސިލްފަރު ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ 96 މީހުން އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރެ އެވެ. އަލް ހަރަމައިން ގްރޫޕުގެ 98 ހައްޖާޖީން ރާއްޖެ އަންނާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ދިވެހި ހައްޖު ކޯޕަރޭޝާންގެ ހަވާލުގައި މިއަހަރު 993 މީހުން ހައްޖަށް ދިޔައިރު، އެމީހުން ރާއްޖެ އަންނާނީ އަށް ވަނަ ދުވަހާއި 10 ވަނަ ދުވަހާއި 11 ވަނަ ދުވަހާއި 22 ވަނަ ދުވަހާއި 26 ވަނަ ދުވަހު އަދި 29 ވަނަ ދުވަހުގަ އެވެ.