އަމިއްލައަށް ބްރެޒިލަށް ''އަރުވާލެވިގެން'' ހުރި ޗެލްސީގެ ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާ އެނބުރި ލަންޑަނަށް ދިއުމަށް އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުން އެދިއްޖެއެވެ.

ދަ މެއިލްގައި ބުނެފައި ވާގޮތުން، އެތުލެޓިކޯއިން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރގައި ކޮސްޓާ އަލުން އެތުލެޓިކޯއަށް ގެންނަން ބޭނުން ނަމަ، އޮމާންކަމާއެކު އެކަން ހައްލުކުރެވޭނީ، މިހާރު އޭނާ ގޮތްދޫކޮށް، އެނބުރި ޗެލްސީއާ ގުޅިގެންނެވެ.

ޗެލްސީގެ ކޯޗު، އެންޓޯނިއޯ ކޮންޓޭގެ ފުރަތަމަ 11އިން ކޮސްޓާއަށް ޖާގަ ނެތްކަމަށް ބުނި ހިސާބުން ފެށިގެން، އޭނާ ވަނީ ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލައި، އަދި ކޮބަހަމްއަށް ދިއުމަށް ވެސް ދެކޮޅު ހަދައިފައެވެ.

މިފަހަރުގެ ޓްރާންސްފަރ ވިންޑޯ މިދިޔަ ހުކުރު ދުވަހު ބަންދުވެގެން ދިޔައިރު ވެސް ކޮސްޓާއަށް ވަކިގޮތެއް ނިންމިފައި ނުވާތީ މިހާރު އޭނާގެ މައްސަލަ ވަނީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.

ކޮސްޓާ ދޫކޮށްލަން ޗެލްސީން ހުށަހަޅާފައިވާ، 50 މިލިއަން ޕައުންޑުގެ ފީއަށް އެތުލެޓިކޯއިން އެއްބަސް ވެފައި ނުވާއިރު، އެޓީމުން އޭނާއަށް ދޭނޭ އެންމެ މަތީ އަގަކީ 40 މިލިއަން ޕައުންޑުކަމަށްވަނީ ބުނަފައެވެ.

ޗެލްސީއަށް މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް، ގިނަ ލަނޑު ތަކެއް ޖަހައިދިން ފޯވާޑުގެ ނަން ކޮންޓޭގެ ފުރަތަމަ 11ގައި ހިމެނިފައި ނުވިނަމަވެސް، އެޓީމުން ޕްރިމިއަރ ލީގަށް ނަގާފައިވާ 25 ކުޅުންތެރީންގެ ސްކޮޑުގައި ކޮސްޓާ ހިމަނާފައި ވެއެވެ.