04 Sep 2017, 15:06
ރޮހިންޔާގެ މުސްލިމުންނަށްދޭ ހަމަލާތަައް ސެންސަރުކޮށް ރަނގަޅަށް ނުގެނެސްދޭތީވެ، މިޔަންމާގެ ބީބީސީ ގޮފިން އެގައުމުގެ ޓީޥީ ޗެނަލެއްކަމަށްވާ އެމްޓީއެންޓީވީއާ އެކު ހަދައިފައިވާ އެއްބަސްވުން އުވާލައިފި އެވެ.
ބީބީސީއާ ހަވާލާދީ އޭއެފްޕީ އިން މިއަދު ބުނީ އެއްބަސްވުން އުވާލީ މިޔަންމާގެ ޓީވީ ޗެނަލާއި ބީބީސީ އިން ރޮހިންޔާގެ ވާހަކަ ގެނެސްދޭން ބޭނުންވާ ގޮތާމެދު ހިޔާލު ތަފާތުވެގެން ކަމަށެވެ.
ބީބީސީން އެއްބަސްވުން އުވާލި އިރު ސުލްހައިގެ ނޯބަލް އިނާމު ހާސިލްކުރައްވައިފައިވާ މިޔަންމާގެ ލީޑަރު އައުން ސެން ސޫޗީ ދާދިފަހުން ވަނީ އެ ގައުމުގެ ނޫސްވެރިންނަށް ރޮހިންޔާ މުސްލިމުންނާ އެއްކޮޅަށް ވާހަކަ ނުދެއްކޭނެ ކަމަށް ބުނެފަ އެވެ.
ސުޗީއަކީ މިޔަންމާގައި ކުރިން ވެރިކަން ކުރަމުންއައި ސިފައިންގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅާ އެވެ.
ބީބީސީ ބަރުމާއަކީ ބަރުމާގައި ވަރަށް މަޝްހޫރު ނިއުސް ޗެނަލެކެވެ. މިހާރު ވެސް އެގައުމުގެ 3.7 މިލިއަން މީހުންނަކީ އެޗެނަލް ގަވައިދުން ބަލާ މީހުންނެވެ.
ބީބީސީ އިން ބުނި ގޮތުގައި ރޮހިންޔާ މުސްލިމުންނާ ބެހޭ ގޮތުން ހަދައިފައިވާ ކިތަންމެ ޕްރޮގްރާމެއް މި އަހަރުގެ މާޗުން ފެށިގެން އެމްޓީއެންޓީވީ އިން ވަނީ ސެންސަރުކޮށް އަދި ދެއްކުމަށް ވެސް ދެކޮޅު ހަދައިފަ އެވެ.
"އަހަރުމެންނާ އެކު ޕާޓްނާޝިޕް ހަދައިފައިވާ ޗެނަލަކުން ދައްކާ ޕްރޮގްރާމްތައް ސެންސަރުކޮށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އޭގެ ސަބަަބުން ބަލުންތެރިންގެ އިތުބާރު ގެއްލޭނެ." ބީބީސީ ބަރުމާ ވެބްސައިޓްގައި ނެރެފައިވާ ބަޔާނެއްގައި ބުންޏެވެ.
އެ މައްސަލާގައި އެމްޓީއެންޓީވީ އިން ބުނީ މައްސަލަޖެހުނީ އެޗެނަލުން "ރޮހިންޔާ"ގެ ނަން މުހާތަބު ކުރުމަށް ދެކޮޅު ހެދުމުން ކަމަށެވެ.
މިޔަންމާ ސަރުކާރާއި އަދި މީޑިއާތަކުން ރޮހިންޔާ މުސްލިމުންނާ މުހާތަބް ކުރަނީ "ބަންގާޅިން"ގެ ނަމުންނެވެ. މިޔަންމާ ސަރުކާރުން ބުނާ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ މީހުންނެވެ.
ރޮހިންޔާ މުސްލިމުންނާ ދެކޮޅަށްދޭ ހަމަލާތައް އެންމެ ފުރަތަމަ ފެށުނީ 2012 ވަނަ އަހަރު އެވެ. މިޔަންމާގެ ބުޑިސްޓުންނާ މުސްލިމުންނާ ދެމެދު ފެށުނު ހަމަނުޖެހުން ފެށުނު ފަހުން ދޭތެރެ ދޭތެރެއިން މައްސަލަ ހޫނުވެގެންދެ އެވެ.
މިފަހަރު މައްސަލަ ހޫނުވީ މިދިޔަ އޮގަސްޓު މަހު މިޔަންމާގެ ސިފައިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހާއްސް އޮޕަރޭޝަނެއް ފެށުމުންނެވެ. އޮޕަރޭޝަން ފެށިތަނާ ވަރަށް ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝްގެ ތެރެއަށް ވަދެފަ އެވެ.
މިޔަންމާގެ ސަރުކާރުން ބުނީ އެ އޮޕްރޭޝަން ފެށީ ދާދި ފަހުން ރޮހިންޔާ އިން އުފެއްދި "އަރަކާން ރޮހިންޔާ ސެލްވާޝެން އާމީ (އަރުސާ)" އިން ދިން ހަމަލާތަކެއްގައި މިއަންމާގެ 100 ސިފައިން މަރުވުމުންނެވެ.
މީޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި މިޔަންމާގެ ސިފައިން ވަނީ އަލަށް ފެށި އޮޕަރޭޝަނުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ. އަދި އެ އޮޕަރޭޝަނުގައި ބޮޑެތި މެޝިން ބަޑިތައް ބޭނުންކޮށްގެން ރޮހިންޔާ މުސްލިމުންގެ ގެދޮރުތައް ސުންނާފަތި ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްތަކުގައި ބުންޏެވެ.
އދ. އިން ނެރެފައިވާ ރިޕޯޓުގައި ވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ވަރަށް ރަނގަޅަށް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ރޮހިންޔާ މުސްލިމުން މެރުމާއި އިއްފަތްތެރިކަން ފޭރުމާއި، އަނިޔާ ކުރުމާއި ގެއްލުވާލުން ވެސް ހިމެނެ އެވެ. ރޮހިންޔާގެ ރެޕްރެޒެންޓޭޓިވްސް އިން އަންދާޖާ ކުރާގޮތުގައި މިޔަންމާ ސިފައިން އޮޕަރޭޝާން ފެށިފަހުން 400 މުސްލިމުން ވަނީ މަރައިލައިފަ އެވެ.
،މިޔަންމާގެ ސަރުކާރުން ވަނީ އދ.ގެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އދ.ގެ ތަހުގީގީ ޓީމްތަކުން މިޔަންމާއަށް ވަނުމަށް ވިސާ ދިނުމަށް ވެސް ދެކޮޅުހަދައިފަ އެވެ.
އދ. އާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި މިއާންމާގެ ސިފައިންނާއި ބުޑިސްޓުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް މިހާތަނަށް 27،400 ރޮހިންޔާ މުސްލިމުން ބަންގްލަދޭޝަށް އެތެރެވެފަ އެވެ. އަދި އިތުރު 20،000 ރޮހިންޔާ މުސްލިމުން ދެގައުމުގެ ބޯޑަރު ދެމެދުގައި ތާށިވެފައި ތިބި ކަމަށް ވެސް އދ. އިން ބުންޏެވެ.