ދިއްލީ (ސެޕްޓެމްބަރު 4): އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީއަށް ފަހު އެ ގައުމުގައި ފުރަތަމަ ފަހަރަށް ޑިފެންސް މިނިސްޓަރުގެ މަގާމަށް އަންހެނަކު އައްޔަންކޮށްފި އެވެ.

އިންޑިއާގެ ކެބިނެޓަށް ގެނައި ބަދަލުތަކަކާ އެކު ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރި ނިރްމަލާ ސިތާރަމަން ކުރިން ހުންނެވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ކޮމާސް އެންޑް އިންޑަސްޓްރީގެ މަގާމުގަ އެވެ. އަދި އޭނާ ވަނީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނުގެ މަގާމު ވެސް ކުރިން އަދާ ކުރައްވައިފަ އެވެ.

ސިތާރަމަން ވިދާޅުވި ގޮތުގައި އޭނާ އެ މަގާމަށް އައްޔަން ކުރުމުން ފެނިގެންދަނީ އިންޑިއާގެ މުޖުތަމައުގައި އަންހެނުންނަށްދޭ ދަރަޖަ މަތިވަމުންދާ ކަމެވެ. އަދި އޭގެ ސަބަބުން އޭނާއަށް ލިބެމުންދާ ފާޑު ކިޔުންތަކަށް ބިރުނުގަންނަ ކަމަށާއި އެފާޑުކިޔުންތައް އަޑު އަހައި، އޭނާގެ މަސައްކަތް އިތުރަށް ރަނގަޅު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ސިތާރަމަންއަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ މިދިޔަ ޖުލައި މަހާ ޖެހެންދެން ހަތަރު މަސް ވަންދެން އެ ގައުމުން މުދާ އެކްސްޕޯޓު ކުރާ މިންވަރު ދަށްވެފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި އިންޑިއާ އާއި ޕާކިސްތާނާ ގުޅޭ ބޯޑަރުގެ އިތުރުން އެގައުމާއި ޗައިނާއާ ގުޅޭ ބޯޑަރުގައި މަސްރަހު ހޫނުވެފައި ވަނިކޮށް، ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރަން ޖެހެނީ އޭނާ އަށް ވުރެ ބޮޑަށް އެ ދާއިރާއިން ތަޖުރިބާ ހުރި މީހެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ސިތާރަމަންގެ ކުރިން ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އަރުން ޖައިތްލީ ވަނީ އޭރު ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި މިހާރު އިންޑިއާގެ ކޯޕަރޭޓް އެފެއާސްގެ މިނިސްޓަރު ކަމަށް އައްޔަންކޮށްފައިވާ ޖައިތްލީ ވަނީ ސިތާރަމަން އަކީ ގާބިލު މިނިސްޓަރެއް ކަމަށް ވިދާޅުވެ އޭނާއަށް ތައުރީފު ކުރައްވައިފަ އެވެ.

އިންޑިއާގެ ކެބިނެޓުގައި މިހާރު ތިބި 27 މިނިސްޓަރުންގެ ތެރެއިން ހަތް މިނިސްޓަރުންނަކީ އަންހެނުންނެވެ. އެއީ ފާއިތުވި 10 އަހަރު ތެރޭގައި އިންޑިއާގެ ކެބިނެޓަށް އަންހެން މިނިސްޓަރުންގެ އަދަދު އެހާވަރަށް އެރި ފުރަތަމަ ފަހަރެވެ. (ޓައިމްސްއޮފްއިންޑިއާ)