04 Sep 2017, 13:16
މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރި ދިވެހި ހައްޖާޖީން ރާއްޖެ އަންނަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިއަހަރު ރާއްޖެއަށް 2000 ހައްޖު ކޯޓާ ލިބުނު ނަމަވެސް ރާއްޖެއިން ހައްޖަށް ގޮސްފައި ވަނީ 1300 މީހުންނެވެ.
އޭގެ ތެރެއިން 1000 ކޯޓާ ރާއްޖެއަށް ލިބުނީ ފުރަތަމަ ލިބުނު 1000 ކޯޓާއަށް ހައްޖުވެރިން ސައުދީ އަށް ފުރިފަހުންނެވެ. ހައްޖުގެ އަޅުކަމަށް ކުރު މުއްދަތަކަށް ވެފައި އޮތްވައި ލިބުނު ހައްޖު ކޯޓާއަށް ރާއްޖެއިން ހައްޖަށް ދިޔައީ 300 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަންނާނީ އަންނަ ބުދަ ދުވަހުގެ ރޭ އިރާކޮޅު 7:25ގައި ކަމަށެވެ.
ބުދަ ދުވަހުގެ ރޭ ރާއްޖެ އަންނާނީ ޒައީ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ 96 މީހުންނެވެ.
ސިސިލްފަރު ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ 96 މީހުން އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރެ އެވެ. އަލް ހަރަމައިން ގްރޫޕުގެ 98 ހައްޖާޖީން ރާއްޖެ އަންނާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ދިވެހި ހައްޖު ކޯޕަރޭޝާންގެ ހަވާލުގައި މިއަހަރު 993 މީހުން ހައްޖަށް ދިޔައިރު، އެމީހުން ރާއްޖެ އަންނާނީ އަށް ވަނަ ދުވަހާއި 10 ވަނަ ދުވަހާއި 11 ވަނަ ދުވަހާއި 22 ވަނަ ދުވަހާއި 26 ވަނަ ދުވަހު އަދި 29 ވަނަ ދުވަހުގަ އެވެ.
މި އަހަރު ރާއްޖެއިން އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.