26 Jul 2011, 13:17
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް އީރާން ކުޅޭ ދެ ވަނަ ލެގުގެ މެޗަށް މިއަދު ހެނދުނު އީރާންގެ ޤައުމީ ޓީމް މާލެ އައިސްފި އެވެ.
އީރާންގެ ޤައުމީ ޓީމް މާލޭގައި ތިބުމަށް ހަމަޖެހިފައި ވަނީ ނަސަންދުރަ ޕެލަސް ހޮޓަލްގައެވެ. މިއަދު މާލެއާ އީރާން ޓިމުގައި ކުޅުންތެރިންނާއި ކޯޗާ އަދި އޮފިޝަލުންނާއެކު ޖުމްލަ 40 އަށް އަރަ އެވެ.
ރާއްޖޭގެ ޤައުމީ ޓީމާ ދެ ކޮޅަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަށް އީރާން ނުކުނައިރު، އެޓީމް ވަނީ ފުރަތަމަ ލެގުގައި ކުޅުނު މެޗުން ރާއްޖެ 4-0 ލަނޑުން ބަލިކޮށްފަ އެވެ.
ފުރަތަމަ ލެގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އީރާންގެ ވެރިރަށް ތެހެރާންގެ އާޒާދު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ރާއްޖޭގެ ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، އީރާންގެ ފުރަތަމަ ގޯލް ރާއްޖޭގެ ގޯލްދާނގަޑުގައި ތަތްކޮށްލީ މެޗްގެ ތިން ވަނަ މިނެޓްގައި ފޯވާޑް ކަރީމް އަންސާރީ އެވެ. މެޗްގައި އީރާނުން ރާއްޖެ ކޮޅަށް ޖެހި އަނެއް ތިން ލަނޑު ޖަހާފައި ވަނީ ދެ ވަނަ ހާފުގައެވެ.
ފުރަތަމަ ބުރުން މޮޅުވާ އަށް ޓީމާ އެކު ދެވަނަ ބުރުން ޖާގަ ދީފައިވާ 22 ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިހާރު ވަނީ ބަލިވެފައިވުމުން ބުރާސްފަތި ދުވަހުގެ ރޭ އީރާން ބަލިކުރަން ރާއްޖެއަށް މަޖުބޫރެވެ. ރާއްޖެ އޮތީ މަރު ނުވަތަ ދިރުމެވެ.
ތިން ވަނަ ބުރަށް ދިއުމުގެ ފުރުޞަތު ރާއްޖެއަށް ހަނިވެފައި ވާއިރު، ބުރާސްފަތި ދުވަހުގެ މެޗުން ރާއްޖެ މޮޅުވަންޖެހޭނީ 5-0 ލަނޑުންނެވެ. އެނަތީޖާ ރާއްޖެއަށް ނެރެވިއްޖެ ނަމަ މުބާރާތުގެ ތިން ވަނަ ބުރަށް ރާއްޖެ ކޮލިފައިވާނެއެވެ.
ތިން ވަނަ ބުރުގެ ނުވަތަ ފުރަތަމަ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނީ 15 ޓީމަކަށެވެ. ތިން ވަނަ ބުރުގައި މި 15 ޓީމާއި ސީޑުކޮށްފައިވާ ގަދަ ފަސް ޓީމު ފަސް ގުރޫޕަކަށް ބަހާލުމަށް ފަހު ހޯމް އެންޑް އަވޭ އުސޫލުން ގުރޫޕް މެޗުތަކެއް ކުޅޭނެ އެވެ.
ގްރޫޕް ސްޓޭޖްގެ މި ބުރުން ކޮންމެ ގްރޫޕެއްގެ އެކަކާއި ދެ ވަނަ ޓީމު ދެ ވަނަ ގްރޫޕް ސްޓޭޖަށް ދާނެ އެވެ. މިއީ އޭޝިއާގެ ކޮލިފައިންގެ ހަވަރު ވަނަ ބުރެވެ. މި ބުރަށް ކޮލިފައިވާ 10 ޓީމު ދެ ގުރޫޕަކަށް ބަހާލުމަށް ފަހު، ހޯމް އެންޑް އަވޭ އުސޫލުން ކުޅެ ކޮންމެ ގްރޫޕަކުން އެއް ވަނަ އާއި ދެ ވަނަ ޓީމު ވޯލްޑް ކަޕަށް ހޮވޭނެ އެވެ. އަދި ދެ ގުރޫޕުން ތިން ވަނަ އަށް ދާ ދެ ޓީމު ފަސް ވަނަ ބުރުގައި ވާދަކުރާނީ ވޯލްޑް ކަޕުގެ ޖާގައެއް ލިބޭ ޕްލޭއޮފް މެޗުން ފުރުސަތު ހޯދުމަށެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުން ރާއްޖެ ކެޓީ ޔަމަނާ ވާދަކޮށް ދެ މެޗުގެ އެގްރިގޭޓުން 3-2 އިން ބަލިވެގެންނެވެ. ފުރަތަމަ ލެގުގައި ޔަމަނުގައި ރާއްޖެ 3-0 އިން ބަލިވިއިރު މާލޭގައި ރާއްޖެ މޮޅުވީ 2-0 އިންނެވެ.
ބުރާސްފަތި ދުވަހުގެ މެޗަށް ރާއްޖެ އިރާނާ ދެކޮޅަށް ނިކުނައިރު، ދިވެހި ޓީމްގެ ތާރީހުގައި އަދި މިވީހާތަނަށް އިރާނާއެކު ރާއްޖެ ކުޅެފައި ވަނީ ޖުމްލަ ފަސް މެޗެކެވެ. މީގެ ކުރިން އީރާން ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާގައި ކުޅުނު މެޗުގައި ރާއްޖެ ކޮޅަށް 17 ލަނޑު ޖަހައިފަ އެވެ. އަދި އެއީ އޭރު ދުނިޔޭގެ ރެކޯޑެކެވެ. އަދި އީރާނުގައި ކުޅުނު ދެވަނަ މެޗުގައި ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖެހި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި 2000 ވަނަ އަހަރު ސީރިއާގައި ކުޅުނު މެޗުގައި އީރާން އަތުން ރާއްޖެ ބަލިވީ 8-0 އިންނެވެ. އަދި އީރާނުގައި ކުޅުނު ދެވަނަ މެޗުން ރާއްޖެ ބަލިވީ 3-0 އިންނެވެ.
ދުނިޔޭގެ ރޭންކިންގައި އީރާން 50 ވަނާގައި އޮތް އިރު ރާއްޖެ އޮތީ 151 ވަނާގައެވެ.