19 May 2010, 10:08
14:30
ފުނައްޑޫގެ މައްސަލާގައި ހައިކޯޓުން ވަކި ގޮތަކަށް ނިންމަންދެން އެ މައްސަލާގައި މަދަނީ ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރެއް ނެރެފި އެވެ.
ހައިކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސުން ފުނައްޑޫއަށް ނަގާފައިވާ ކްރެޑިޓް ފެސިލިޓީޒް ނުދައްކައިގެން ފުނައްޑޫގެ މައްޗަށް މަދަނީ ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އިއްޔެ އަމުރެއް ނެރެފައި ވަނީ ދައުވާ ލިބޭ ފަރާތުން އެމައްސަލަ އިސްތިޢުނާފަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ހައިކޯޓުން ނެރެފައިވާ އެ އަމުރުގައި ބުނެފައި ވަނީ ފުނައްޑޫގެ މައްޗަށް މަދަނީ ކޯޓުން ކޮށްފައިވާ ޙުކުމާ ގުޅިގެން ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކިގޮތެއް ނިންމަވަންދެން ފުނައްޑޫގެ މައްޗަށް މަދަނީ ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށްވެސް ހައިކޯޓުގެ އެ އަމުރުގައިވެ އެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން ބޭންކް އޮފް މޯލްޑިވްސުން ނަގާފައިވާ ފަސް ކްރެޑިޓް ފެސިލިޓީއަށް ވާ 118 މިލިއަން ރުފިޔާ އާއި އެ ކްރެޑިޓް ފެސިލިޓީތައް ލިބިގަތުމަށްޓަކައި ވެފައިވާ އެއްބަސްވުމާއި، ދައްކަންޖެހޭ ޖޫރިމަނާ އާއި އިންޓަރެސްޓަށްވާ ފައިސާ، އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް މަދަނީ ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ ފައިސާ އެއް އަހަރު ތެރޭގައި ނުދައްކައިފިނަމަ، ރަހުނުކޮށްފައިވާ ތަކެއްޗާއި، ތަންތަނާއި، އުޅަނދުތަކުގެ މިލްކުވެރިކަމުގެ ހައްގާއެކު 15 ދުވަހުގެ ތެރޭގައި ބީއެމްއެލްއާ ހަވާލުކުރުމަށް ވެސް މަދަނީ ކޯޓުގެ ހުކުމްގައިވެ އެވެ.