04 Sep 2017, 13:05
ބާސެލޯނާގެ ތަރި ލިއޮނަލް މެސީ، އެ ކްލަބާއެކު އެއްބަސްވުން އާ ނުކުރާނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މާނައަކީ އެއްބަސްވުން އާ ނުކޮށްފި ނަމަ ފްރީ އޭޖެންޓެއްގެ ގޮތުގައި މެސީއަށް ބާސާ ދޫކޮށް ދެވޭނެއެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ އޮންޑަ ސޭރޯ އިން ރިޕޯޓުކޮށްފައި ވާގޮތުން، ލަ ލީގާ ކްލަބުގައި އިތުރަށް ދެމީހުންނަން މެސީ މިހާރު ބޭނުމެއް ނޫނެވެ.
އުމުރުން 30 އަހަރު ގެ އާޖެންޓީނާ ފޯވާޑް ވަނީ، ބާސާއާއެކު އާ އެއްބަސްވުމެއް އެކުލަވައިލުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައެވެ. ނުވެ އޮތްކަމަކީ އެއްބަސްވުމުގައި ސޮއިކުރުމެވެ. މިއީ ބާސާއާއި އެ ކްލަބުގެ ސަޕޯޓަރުންނަށް ވެސް މިހާރު ވަރަށް ހިތް ނުތަނަވަސްކަމަކަށް ވަނީ ވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން މެސީ އެންމެ ބޮޑަށް މާޔޫސްވީ، ނިމިދިޔަ ޓްރާންސްފަރ ވިންޑޯގައި ބާސާއިން ކަންތައް ކުރި ގޮތުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީއަށް ނޭމާ ދޫކޮށްލުން ހިމެނެއެވެ.
މެސީގެ މައްސަލައިގައި ބާސާއާއި އެ ކްލަބުގެ ފޭނުންގެ މެދުގައި ކަންބޮޑުވުން އިންތިހާއަށް ގޮސްފައި ވީނަމަވެސް، އެ ކްލަބުގެ ޑައިރެކްޓަރ އޮފް ޕްރޮފެޝަނަލް ސްޕޯޓްސް އަލްބަޓް ސޮލަރ ވަނީ އެންމެން ހިމޭންކަމާއެކު އިންތިޒާރުކުރުމަށް އެދިފައެވެ.
އޭނާ ބުނީ، ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ހައްލުވާނޭކަމުގެ ޔަގީންކަން ކްލަބުގެ ސަޕޯޓަރުންނާއި އެހެނިހެން ފަރާތްތަކަށްވެސް ދޭކެމަށެވެ.
"ދެފަރާތުން އެއްބަސްވުމުގައި ސޮއިކުރުމާއެކު އެކަން އިއުލާނުކުރާނެ. މިހާރު ނުނިމި އޮތީ ހަމައެކަނި ރަސްމީ ބައި،" މެސީގެ އެއްބަސްވުން އާކުރުމާ ގުޅޭގޮތުން އަލްބަޓް ބުންޏެވެ.
"މިކަމުގައި އެއްވެސް މައްސަލައެއް ނޫޅޭ، ވަރަށް އަވަހަށް މިކަން ނިމޭނެ. ކަންކަން ދާނީ އެޖެންޑާގައި ވާގޮތަށް. އަހަރެން ބޭނުންވަނީ ބާސެލޯނާގެ މެންބަރު ހަމަޖެހިގެން ތިބުން."