04 Sep 2017, 12:23
ފްރާންސް ދޫކޮށް ދިއުމުގެ ކުރިން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ އެކު ތާރީހުން ޖާގަ ހޯދަން ބޭނުންވާ ކަމަށް ކީލިއާން އެމްބާޕޭ ބުނެފި އެވެ.
އުމުރުން 18 އަހަރުގެ ފްރާންސް ފޯވަޑް އެމްބާޕޭ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މިދިޔަ ސީޒަނުގައި މޮނާކޯއާ އެކު ހޯދި ކާމިޔާބަށްފަހު އެވެ. މިދިޔަ ސީޒަނުގައި ފްރާންސް ލީގު ޗެމްޕިއަންކަން ހޯދި މޮނާކޯއަށް އޭނާ ވަނީ 26 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ފްރާންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް މޮނާކޯ ގެންގޮސްދިނުމުގައި ވެސް އެމްބާޕޭ އިސް ދައުރެއް އަދާކޮށްފައިވެ އެވެ.
މިދިޔަ ސީޒަނުގައި އެމްބާޕޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މަސައްކަތް ކުރަން ފެށި އެވެ. އެ ކްލަބުތަކުގެ ތެރޭގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އަދި އާސެނަލް ފާހަގަކޮށްލެވެ އެވެ.
އެ ކްލަބުތަކުން އެމްބާޕޭއަށް ބޮޑެތި އަގުތަކެއް ހުށަހެޅި ނަމަވެސް، އޭނާ ނިންމީ ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއާ ގުޅުމަށެވެ. މޮނާކޯއާ އެކު ވެފައިވާ އެ އެއްބަސްވުމުގައިވާ ގޮތުން، މި ސީޒަން ނިމުމުން 180 މިލިއަން އަގަކަށް ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ޕީއެސްޖީއަށް އޭނާ ގެންދެވޭނެ އެވެ.
"މޮޅެތި ކުޅުންތެރިން ތާރީހުން ޖާގަ ހޯދަނީ އަމިއްލަ ގައުމުގައި. ހަ މަސް ފަހުން ފްރާންސް ދޫކޮށް ގޮސްފި ނަމަ، އަހަރެންނަށް އެ ގެނެވެނީ މާޔޫސްކަން. ޕީއެސްޖީއަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބަށް ވުމަށް މަސައްކަތްކުރާ ކްލަބެއް. މިއީ ހުރިހާ މުބާރާތެއްގައި ވާދަކުރަން ބޭނުންވާ ކްލަބެއް. ޕީއެސްޖީއާ އެކު ތާރީހުގެ ތެރެއިން ޖާގަ ހޯދުމަށް އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" އޭނާ ބުންޏެވެ.
ދުނިޔޭގެ ރެކޯޑު އަގަކަށް (222 މިލިއަން ޔޫރޯ) ބާސެލޯނާއިން ޕީއެސްޖީއާ ގުޅުނު ބްރެޒިލް ތަރި ނޭމާއާ ގުޅޭ ގޮތުން ވެސް އެމްބާޕޭ ވަނީ ވާހަކަ ދައްކައިފަ އެވެ. އެމްބާޕޭ ބުނީ، ނޭމާއާ އެކު ކުޅެން ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށާއި ޕީއެސްޖީގައި ނޭމާ ހިމެނޭތީ އެއީ ވެސް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެ ކަމަށެވެ.