މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން އިންތިޒާމްކޮށްގެން ބާއްވާ 25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ސެމީގެ ޖާގަތައް ހޯދާފައި ވަނީ ކިންގްސް ބީސީއާއި ރެޕްޓާސް ބީސީއާއި ޓީރެކްސް ބީސީ އަދި ދަ ބައުސްއެވެ.

އެ މުބާރާތުގެ ގްރޫޕް އެކެއްގެ އެއްވަނަ ހޯދި ކިންގްސް ބީސީއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނަ ހޯދި ރެޕްޓާންސް ބީސީއަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އެ ގްރޫޕްގެ ތިންވަނާގައި ނިންމާލި ސްޓިންގާސް ބީސީއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ ފުލުގައި ނިންމާލި ރެޑްވިންގްސް ބީސީއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

އެ މުބާރާތުގެ ގްރޫޕް ދޭއްގެ އެއްވަނަ ހޯދި ޓީރެކްސް ބީސީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ ހޯދި ދަ ބައުސްއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އެ ގްރޫޕްގެ ތިންވަނާގައި ނިންމާލި ކްލަބު އެޗްޑީސީއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ ފުލުގައި ނިންމާލި އެލްކިޔު ސްޕޯޓްސްއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

އެ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމަ އެވެ. މާދަމާ ހަވީރު 4:30ގައި ކުޅޭ ސެމީގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެއްވަނަ ހޯދި ކިންގްސް ބީސީއާއި ގްރޫޕް ދޭއްގެ ދެވަނަ ހޯދި ދަ ބައުސްއެވެ. މާދަމާ ރޭ 8:30ގައި ކުޅޭ ސެމީގައި ބައްދަލުކުރާނީ ގްރޫޕް ދޭއްގެ އެއްވަނަ ހޯދި ޓީރެކްސް ބީސީއާއި ގްރޫޕް އެކެއްގެ ދެވަނަ ހޯދި ރެޕްޓާސް ބީސީ އެވެ.