މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށްދޭ ހަމަލާތަކާ ދެކޮޅަށް ޖަރުމަނުވިލާތުގެ ބާލިންގައި މުސްލިމުން އަޑުއުފުލައި މުޒާހަރާކޮށްފި އެވެ.

ބާލިންގައި ހުންނަ މިޔަންމާގެ އެމްބަސީގެ ކުރިމަތީގައި ކުރި މުޒާހަރާގައި ވަނީ މިޔަންމާގައި ހިނގަމުންދާ ގަތުލުއާންމު ވަގުތުން ހުއްޓާލުމަށް ގޮވައިލައިފަ އެވެ.

ޖަރުމަނުވިލާތުގައި ދިރިއުޅޭ ތުރުކީ ނަސްލުގެ މީހުންނާއި އަދި އެހެނިހެން އެންޖީއޯތަކުން އިސްނަގައިގެން ކުރިއަށް ދިޔަ މުޒާހަރާގައި މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ރޮހިންޔާ މުސްލިމުން މިޔަންމާގައި ދިރިއުޅޭމުން ދަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އަދި އިންސާނުން އުޅެން ހެޔޮ ނުވާ ހާލަތެއްގައި ކަމަށެވެ.

އަދި ބުނީ މިޔަންމާގެ މުސްލިމުންނަށް އަޅާލާނެ ބަޔަކު ނެތް ކަމަށާއި އަދި އެމީހުންނަށް އެހީވުމަށް ގޮވައިލި އެވެ.

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށްދޭ ހަމަލާތައް އެންމެ ފުރަތަމަ ފެށުނީ 2012 ވަނަ އަހަރު އެވެ. މިޔަންމާގެ ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ފެށުނު ހަމަނުޖެހުންތަކުގައި ފަހުން ދޭތެރެ ދޭތެރެއިން ވަރަށް ބޮޑަށް މައްސަލަ ހޫނުވެގެންދެ އެވެ.

މިފަހަރު މައްސަލަ ހޫނުވީ މިދިޔަ އޮގަސްޓް މަހު މިޔަންމާގެ ސިފައިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފެށުމުންނެވެ. އެ އޮޕަރޭޝަން ފެށިފަހުން ވަރަށް ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝްގެ ތެރެއަށް ވަދެފަ އެވެ.

މީޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި މިޔަންމާގެ ސިފައިން ވަނީ އަލަށް ފެށި އޮޕަރޭޝަނުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ. އަދި އެ އޮޕަރޭޝަނުގައި ބޮޑެތި މެޝިން ބަޑިތައް ބޭނުންކޯށްގެން ރޮހިންޔާ މުސްލިމުންގެ ގެދޮރުތައް ސުންނާފަތި ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްތަކުގައި ބުންޏެވެ.

އދ. އިން ނެރެފައިވާ ރިޕޯޓުގައި ވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ވަރަށް ރީއްޗަށް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ރޮހިންޔާ މުސްލިމުން މެރުމާއި އިއްފަތްތެރިކަން ފޭރުމާއި، އަނިޔާ ކުރުމާއި ގެއްލުވާލުން ވެސް ހިމެނެ އެވެ. ރޮހިންޔާގެ ރެޕްރެޒެންޓޭޓިވްސް އިން އަންދާޖާ ކުރާގޮތުގައި މިޔަންމާ ސިފައިން އޮޕަރޭޝަން ފެށިފަހުން 400 މުސްލިމުން ވަނީ މަރައިލައިފަ އެވެ.