04 Sep 2017, 10:50
ވޯލްޑް ކަޕް ކޮލިފައިންގައި ކުޑަކުޑަ ލަގްސެންބާގް އަތުން އެއްވަރުވެ ފްރާންސަށް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޑިޑިއެ ޑިޝެމްޕްސްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ފްރާންސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވާދަވެރި ނެދަލޭންޑް ފަސޭހަ ކަމާއެކު 0-4 އިން ބަލިކޮށްފައެވެ. މިހެންކަމުން ފީފާ ވޯލްޑް ރޭކިންގައި ފްރާންސަށް ވުރެ 126 މަގާމު ދަށުގައި އޮތް ލަގްސެންބާގު ކައިރިން ބޮޑު ތަފާތަކުން މޮޅުވާނެ ކަމަށް އެންމެން ވެސް އުންމީދު ކުރިއެވެ.
ފްރާންސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މިޑްފީލްޑަރު ޕައުލް ޕޮގްބާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލްގެ މަތީ ދަނޑީގައި ޖެހި ސަލާމަތް ވެފައެވެ. މީގެ އިތުރުން ލަގްސެންބާގްގެ ކީޕަރު ޖޯނަތަން ޖޮއުބާޓް ވަނީ މުހިންމު ސޭވްތަކެއް ވެސް ކޮށްފައެވެ.
ގްރޫޕު އޭ ގެ އެއްވަނައިގަ އަދިވެސް އޮތް ފްރާންސް ރޭގެ މެޗުން މޮޅަކާއެކު ވޯލްޑް ކަޕަށް ކޮލިފައި ވުމުގެ ފުރުސަތު އޮތް އިރު، ދެވަނައިގަ އޮތް ސްވީޑަން ވަނީ ރޭ ބެލަރޫސް 0-4 އިން ބަލިކޮށް ގްރޫޕުގެ އެއްވަނައިގައި އޮތް ފްރާންސާ، ޕޮއިންޓެއް ގާތަށް ޖެހިލާފައެވެ. މި ގްރޫޕުގެ އެއްވަނަ ހޯދުމުގެ ފުރުސަތު ފްރާންސް އަދި ސްވިޑެންގެ އިތުރުން ނެދަލޭންޑްސް އަށާއި ބަލްގޭރިއާއަށް ވެސް އެބައޮތެވެ.