04 Sep 2017, 10:40
ޓޯކިޔޯ(ސެޕްޓެމްބަރު 4): ޖަޕާނުގެ އަމީރާ މާކޯ ޝާހީ އާއިލާއަށް ނިސްބަތް ނުވާ މީހަކާ ކައިވެނި ކުރައްވަން އުޅުއްވާކަން ރަސްމީކޮށް އިއުލާންކުރައްވައިފި އެވެ.
ޖަޕާނުގެ ގާނޫނުގައިވާ ގޮތުން ޝާހީ އާއިލާއަށް ނިސްބަތްވާ އަންހެނަކު އާދައިގެ މީހަކާ ކައިވެނި ކުރުމުން އޭނާގެ ޝާހީ ހައިސިއްޔަތު ދޫކޮށްލަން ޖެހޭނެ އެވެ. ނަމަވެސް ޝާހީ އާއިލާގެ ފިރިހެނުން އެފަދައިން އަމަލު ކުރަން ޖެހޭ ކަމަށް ބުނެފައި ނުވުމުން އެގާނޫނަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
ޖަޕާނުގެ އެމްޕެރާ އަކިހީޓޯއަށް ކާފަ ވިދާޅުވާ، އުމުރުން 25 އަހަރުގެ މާކޯ ވިދާޅުވި ގޮތުގައި އޭނާ ކައިވެނި ބައްލަވައިގަތުމާ އެކު ޝާހީ ބާރުތައް ދޫކޮށްލައްވާނެކަން އެންމެ ކުޑައިރު ވެސް އެނގިވަޑައިގަންނަވަ އެވެ.
މާކޯ ކައިވެނި ބައްލަވައިގަންނަވަނީ އޭނާ ޓޯކިޔޯގެ އިންޓަނޭޝަނަލް ކްރިސްޓިއަން ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވަނިކޮށް ދިމާވި ކެއި ކޮމުރޯއާ އެވެ. އުމުރުން 25 އަހަރުގެ ކޮމުރޯ އަކީ ލޯ ފާމެއްގެ މުވައްޒަފެކެވެ.
ޕްރިންސް އަކިޝީނޯގެ އެންމެ ދޮށީ ދަރިކަނބަލުން ކަމަށްވާ މާކޯގެ ކައިވެނި އަންނަ އަހަރު ތެރޭގައި ބާއްވާނެ ކަމަށް ޖަޕާނުގެ މީޑިއާތަކުން ބުނެ އެވެ. (ބީބީސީ)