04 Sep 2017, 09:35
ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަންގެ ޓުވިޓާ ފޮލޯވަރުންގެ އަދަދު 29 މިލިއަނަށް އަރައިފި އެވެ.
އަމީތާބް އަކީ ޓުވިޓާގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ބޮލީވުޑް ފަންނާނެވެ. އަމީތާބްގެ ފޮލޮވަރުންގެ އަދަދު 29 މިލިއަނަށް އެރި އިރު، ޝާހްރުކް ޚާންގެ ފޮލޮވަރުންގެ އަދަދު އުޅެނީ 27.6 މިލިއަންގައެވެ.
ސަލްމާން ޚާންގެ ފޮލޮވަރުންގެ އަދަދަކީ 25.1 މިލިއަން އެވެ. އަދި 21.8 މިލިއަން މީހުން ޓުވިޓާގައި އާމިރް ޚާން ފޮލޯ ކުރެއެވެ. އާމިރުގެ ފަހަތުން ދެން އެންމެ ގިނަ ފޮލޯވަރުން އުޅެނީ ބަތަލާ ދީޕިކާ ޕަދުކޯން އެވެ. ދީޕިކާ ފޮލޯ ކުރާ މީހުންގެ އަދަދު 20 މިލިއަނަށް އަރާއިރު، ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފޮލޯ ކުރަނީ 18.9 މިލިއަން މީހުންނެވެ.
އަމީތާބް ވަނީ 29 މިލިއަން ފޮލޯވަރުން ހަމަވުމުން، އޭނާއަށް ސަޕޯޓުކުރާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
"ޒަމާނެއް ދިޔަ އެންމެ މީހަކު އަހަރެންގެ ޓުވީޓުތައް ބަލާ. މިހާރު އެ އަދަދު މިވަނީ 29 މިލިއަނަށް އަރައިފައި. ވަރަށް ބޮޑަށް ޝުކުރުވެރިވަން،" އަމީތާބް ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
އަމީތާބް ބުނީ މިހާރު ދެން ބޭނުންވަނީ 30 މިލިއަން ފޮލޯވަރުން ހަމަކުރުމަށް ކަމަށެވެ.
އަމީތާބް ޓުވިޓާ އާއި ގުޅުނީ 2010 ވަނަ އަހަރު އެވެ. އަދި ޓުވިޓާ މެދުވެރިކޮށް އޭނާގެ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުމުގެ ކަންކަން ހިއްސާކުރެއެވެ. އޭގެ އިތުރުން ގައުމާއި މުޖުތަމައުގެ ކަންކަމުގައި އޭނާ ދެކޭގޮތް ހާމަކުރެ އެވެ.