ދަވްޙާ (ސެޕްޓެމްބަރ 3) : ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ވަކިވާން ގަސްދުކުރާ ކަމުގެ އިޝާރާތެއް ގަތަރުން ދީފިއެވެ.

ނަން ހާމަކުރަން ނޭދޭ ގަތަރުގެ މަސްއޫލުވެރިއަކު ވިދާޅުވީ ޖީސީސީ އަކީ ސައޫދީގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ޖަމްއިއްޔާއެއް ކަމަށާއި އެ ޖަމްއިއްޔާގެ ބޭނުމެއް އޮތް ކަމަށް ގަތަރުން ނުދެކޭ ކަމުގައެވެ. އަދި ޖީސީސީން ވަކިވުމާމެދު ގަތަރު ވިސްނަމުންދާ ކަމަށް ވެސް ގަތަރުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ގަތަރާއި ގަލްފުގެ ބައެއް އަރަބި ގައުމުތަކާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލު ކުރުމުގައި ވެސް ޖީސީސީގެ ދައުރެއް ނެތް ކަމަށާއި އެކަން އެގޮތަށް ވަނީ ސައޫދީގެ ކޮންޓްރޯލާއި ބާރު އެ ޖަމްޢިއްޔާއަށް ބޮޑުވުމުގެ ސަބަބުން ކަމަށް ވެސް ގަތަރުގެ މީޑީއާތަކުން ބުނެއެވެ.

ގަތަރާ މައްސަލަ ޖެހިފައިވާ ގަލްފުގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސައޫދީއާއި ޔޫއޭއީ އަދި ބަހުރޭނެވެ. މިއީ ޖީސީސީގައި ހިމެނޭ ތިން ގައުމެވެ. އެ ތިން ގައުމު އަދި މިސްރުން ވަނީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ތުހުމަތު ކުރުމަށްފަހު މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހު ކުއްލި ގޮތަކަށް ގަތަރާއެކު އޮތް ގުޅުންތައް ކަނޑާލައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ގަތަރުން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

މި މައްސަލަ ހައްލުކުރުމަށް ޖީސީސީން މަސައްކަތްނުކުރި ނަމަވެސް އެ ޖަމްއިއްޔާގެ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތައް ސުލްޙަވެރިކަމާއެކު ހައްލުކުރަން މަސައްކަތް ކުރަންޖެހޭނެ ކަމަށް އެ ޖަމްޢިއްޔާގެ ޗާޓަރު ބުނެއެވެ. އަދި އެކަމާބެހޭ މެކޭނިޒަމްތައް ވެސް ޖީސީސީގައި ވެއެވެ. މި މައްސަލަ ސުލްހަވެރި ގޮތުގައި ހައްލު ކުރުމަށް އެކި ގައުމުތަކުން މިހާތަނަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބު ވެފައެވެ.

ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމުތަކުން ގަތަރަށް ކުރިމަތިކުރި ޝަރުތުތަކާއި އެ ގައުމުތައް ގަތަރުގެ ކިބައިން އެދުނު އެދުންތަކަށް އިޖާބަ ދިނުމަށް ގަތަރުން ވަނީ ދެކޮޅު ހަދާފައެވެ. މިއީ ގަތަރުން ނުކިޔަމަންތެރިކަން ދެއްކުން ކަމަށް ސައޫދީއާއި ޔޫއޭއީ އަދި ބަހުރޭނުން ދެކެއެވެ.

މި މައްސަލަ އުފެދެން މެދުވެރިވީ ޖީސީސީގެ އެންމެ ބޮޑު ގައުމު ކަމަށްވާ ސައޫދީގެ ސިޔާސަތުތަކާ ދިމާ އިދިކޮޅު ވިސްނުމާއި ފިކުރުތަކެއް ގަތަރުން ގެންގުޅުމާއި ގަތަރުގެ ޚާރިޖީ ސިޔާސަތުތައް ވެސް ސައޫދީ ބޭނުންވާ ގޮތަށް ނެތުމުން ސައޫދީ ހިތްހަމަނުޖެހުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ ގަތަރު ކިޔަމަން ކުރުވުން ކަމަށްވިޔަސް މިކަމުގައި ސައޫދީއާއި ސައޫދީގެ ބައިވެރިން ކަމަށްވާ ޔޫއޭއީ އަދި ބަހުރޭނަށް ވަނީ ނާކާމިޔާބު ވެފައެވެ.

ގަތަރަކީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމުތަކަށްވުރެ މުއްސަނދި ގައުމަކަށްވެފައި ސައޫދީ އިސްވެ އޮވެގެން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާއާއި ޔޫރަޕާއި އީރާން އަދި ތުރުކީ ފަދަ ސަރަހައްދީ ބާރުތަކުގެ ތާއީދު ނެތުމުން މި ފިޔަވަޅުތައް ވަނީ ގަތަރު ކިޔަމަން ކުރުވުމުގައި މުޅިން ނާކާމިޔާބު ވެފައެވެ.

ބައިނަލްއަގަވާމީ ތާއީދު ނެތުމާއެކު ސައޫދީއާއި ޔޫއޭއީއާއި ބަހުރޭން އަދި މިސްރަށް ވަނީ ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް ގަތަރާ ދެކޮޅަށް އަޅަން ނުކެރިފައެވެ. އަދި ގަތަރުން ގެންދަނީ މި ހަތަރު ގައުމަށް ފާޅުގައި ގޮންޖަހައި ސަރަހައްދީ ބޮޑު ދެ ބާރު ކަމަށްވާ އީރާނާއި ތުރުކީއާއެކު ގުޅުންތައް ބަދަހި ކުރަމުންނެވެ.

ސައޫދީއާއި ޔޫއޭއީ އަދި މިސްރުން ދެކެނީ އީރާނާއި ތުރުކީއަކީ އެ ތިން ގައުމުގެ ވާދަވެރިން ކަމުގައެވެ. އެހެންކަމުން ގަތަރު ކިޔަމަންނުވެ ވާދަވެރިންނާ ގުޅުންތައް ބަދަހިކުރާތީ ސައޫދީއާއި ޔޫއޭއީ އަދި މިސްރު ވަނީ ވަރަށް ބޮޑަށް ރުޅި ގަދަވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.