ބިދޭސީ މަސައްކަތްތެރިންނަށް ދިވެހިން ވަޒީފާ ދޭ ނިސްބަތް، ތިން ގުނަ ބޮޑުވެ، ވަޒީފާއެއް ނެތް ދިވެހިންގެ ނިސްބަތް 27 ޕަސެންޓަށް އަރާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަސައްކަތްތެރި ޢުމުރުފުރައިގެ ދެލައްކަ ފަސް ހާހަށްވުރެ ގިނަ ދިވެހިން ރާއްޖޭގައި ތިބި އިރު އޭގެތެރޭގައި ވަޒީފާ ނެތް މީހުންނާ އާމްދަނީ ލިބޭ ވަޒީފާ ނެތް މީހުން ސަތޭކައަކުން 27 ޕަސެންޓަށް ޖެހިފައިވާ ކަމަށެވެ.

"މިކަންކަން މިހެން ހުރިއިރު މިރާއްޖޭގައ 1600 ކުންފުންޏަކުންނާއި 2000 އަމިއްލަ ފަރުދުން ވެގެން ހަތްދިހަ އެތައްހާސް ބިދޭސީންނަކަށް މުސާރައާ ހަރަދު ބަރަދު ދީގެން އެބަގެންގުޅޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކޮންމެވެސް ފަންނެއް ހުނަރުވެރިކަން ހާސިލުކޮށްގެން ތިބި މީހުން ކަމަށާއި ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިންނަށް ދިވެހިން ވަޒީފާ ދޭ ނިސްބަތް، ތިން ގުނަ ބޮޑު ވެފައިވާ ކަމަށެވެ.

"އެކަން އެހެންވާން ދޫކޮށް، ނުވިސްނާ ތިބެވުނީތީ އެބާރު މިއަދު މިވަނީ މިޤައުމަށް ބޮޑުވެފައި. އެބުރައާ އެ ގޮންޖެހުމާ ސަރުކާރުން ކުރިމަތިލާންޖެހޭ ސަބަބުތަކުގެ ތެރޭގައި ދިވެހިން ފަރުދީ މިނިވަންކަން ދެމެހެއްޓުން ހިމެނޭ. މިދެނެންވި ތަފާސް ހިސާބުތައް އެގޮތަށް މިދެވެރިވި ކިތަންމެ ސަބަބުތަކެއް އަޅުގަނޑުމެންނަށް ވަނީ ފާހަގަ ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މަދަރުސާ ނިންމި 60000 ދަރިވަރުންގެ ތެރެއިން މަތީ ތައުލީމާއި ފަންނީ ތަމްރީނު ހޯދުމުގައި ބައިވެރިވެފައި ވަނީ 12000 ދަރިވަރުން ކަމަށެވެ.

"އޭގެ މާނައަކީ މަސައްކަތް ފުރައިގެ އެތައް ދިވެހި ޒުވާނުންނެއް އުޅެނީ މަސައްކަތް ނުކޮށް ކަމާއި އިތުރު ހުނަރުވެރި ކަމާއި ކުޅަދާނަކަން ހާސިލު ކުރުމަށް އެހެން އެއްވެސް ކަމެއް ނުކޮށް ހަމައެކަނި މައިން ބަފައިންނަށް ނުވަތަ އާއިލާއަށް ބަރޯސާ ވެގެންކަން. ނޫކަށި ފުރައިގެ ޒުވާނުން އެއީ އާއިލާއަށް ކުރިމަތިވެފައިވާ ބުރައަކަށްވާން އެދޭނެ އެއްވެސް މަޔަކު ބަފަޔަކު ނުހުންނާނެ އެހެނަސް ހިސާބުތައް އޮތްގޮތް މިދެންނެވީ. މި ސިފަޔާއި މި އާދަ މިރާއްޖެއިން ބަދަލު ކުރުމަކީ ކުރަންޖެހިފައިވާ ކަމެއް." ރައީސް ވިދާޅުވި އެވެ.

މި މައްސަލައިން ސަލާމަތް ވުމަށް އެކަށިއެޅިފައިވާ ސިޔާސަތުތަކަށް ވާސިލުވުމަށް ފަންނީ ހުނަރުވެރިކަމުގެ ފުރިހަމަ ތަމްރީނު ދެވިފައިވާ 8500 ދިވެހިން، މަސައްކަތުގެ ބާޒާރަށް ނެރުއްވުމަށް ސަރުކާރުން ނިންމަވާފައި ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އެ އަމާޒު ކުރެއްވުމަށްޓަކައި 360 މިލިއަން ރުފިޔާގެ ޤައުމީ މަޝްރޫޢެއް މިހާރު އެކުލަވާލައްވާފައިވާ ކަމަށެވެ.

ފަންނީ މަސައްކަތެއްގެ ހުނަރުވެރިކަން ޙާޞިލުކޮށް، އިންތިޒާމެއްގެ ތެރެއިން ކުރިއަރައި އާމްދަނީއެއް ހޯދައި، އަނެކާގެ ނާޖާއިޒު ނުފޫޒުން ސަލާމަތްވެހުރި މިނިވަން ދިވެއްސެއްކަމުގެ އިޙްސާސް ލިއްބިގަތުމަށާއި ކުޅަދާނަ މޭސްތިރިންނާއި މަސައްކަތްތެރިންނަށް ވާން ކެރޭނެ ދިވެހި ޒުވާނުންގެ ރޫޙާއި ޖޯޝް އާލާކޮށް، ފަޚްރުވެރިކަމާއެކު ކުރިއަށް ނުކުތުމުގައި ގޮވައިލައްވަމުން ރައީސް ވިދާޅުވީ ޤައުމީ މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި، މައިގަނޑު ހަތަރު ބައެއް ނެގިފައިވާ ކަމަށެވެ.

"ފުރަތަމަ ބަޔަކީ، ތަމްރީނުތަކާ ގުޅޭ ބައި. މިބައިގެ ދަށުން، ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ގޮތުގެ އޮނިގަނޑެއް ތައްޔާރުކުރެވި، ތަމްރީނު ދޭ ފަރާތްތަކުގެ ޤާބިލްކަން އިތުރުކުރެވޭނެ. ދެވަނަ ބަޔަކީ، މިތަމްރީނުތަކާއި، އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުން. މިބައިގެ ދަށުން، ސްކޫލް ނިންމާ ކުދިންނާއި، ވަޒީފާއެއް ނެތި ތިބި ޒުވާނުންނާއި އަދި ބެލެނިވެރިންނަށް، ތަމްރީނު ޕްރޮގްރާމްތަކާއި އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ގޮތުން މަޢުލޫމާތުދެވޭނެ. މީގައި ހިމެނޭ އެންމެ މުހިންމު އަނެއް ކަމަކީ، ވަޒީފާ ދޭ ފަރާތްތަކުން، ދިވެހި މަސައްކަތްތެރިންނާމެދު ދެކޭ ގޮތް ބަދަލުކުރެވި، ދިވެހި މަސައްކަތްތެރިންނާ ގުޅޭ މުޅިން އާ ތަޞައްވުރެއް އުފެއްދުމަށް މަސައްކަތްކުރުން. ތިންވަނަ ބަޔަކީ، މަސައްކަތެއް ނެތް ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން، ކެރިއަރ ގައިޑެންސް ސެންޓަރުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވި، ހަރުދަނާކުރެވި، އެތަނުން ލިބޭ މަޢުލޫމާތުތަކާއި އަދި ދެވޭ ޚިދުމަތްތައް އިތުރަށް ތަނަވަސްކުރެވިގެންދާނެ. އަދި ހަމައެހެންމެ، ވަޒީފާއާ ގުޅޭ ދަފްތަރު މިހާރަށްވުރެ ބޮޑަށް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހިގެންދާނެ." ރައީސް ވިދާޅުވި އެވެ. "... ހަތަރުވަނަ ބަޔަކީ، ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ޤާބިލްކަން އިތުރުކުރުން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީވެސް، ދެމެހެއްޓެނިވި ކަމަކަށް ވާން އެބަޖެހޭ. އެގޮތުން، މިތަމްރީނުތައް ހަމައެކަނި އެއް އަހަރުގެ މުއްދަތައް ހިންގާފައި ހުއްޓާލުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ޤައުމު ކުރިއަށްދާ ގޮތަށް، މިފަދަ ޕްރޮގްރާމްތައްވެސް ސަރުކާރުން ކުރިއަށް ގެންދާނެ،"

ރައީސް ވިދާޅުވީ އާ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކޮންމެހެން ބޭނުންވާ ހުނަރުވެރި ދިވެހިން ތަމްރީނު ކުރާނެ ކަމަށާއި ޢިމާރާތްކުރުމުގެ ދާއިރާއިން، ވެލްޑަރުންނާއި، މޭސަނުންނާއި އިލެކްޓްރީޝަނުންނާއި އަދި އެނޫންވެސް އެދާއިރާއާ ގުޅުން ހުރި، 6970 ދިވެހިން ތަމްރީނުކޮށްގެން ނެރުއްވާނެ ކަމަށެވެ. ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި 3800 މީހުންނާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން 700 ދިވެހިންނާއި ނަރުހުންނާއި ފާމަސިސްޓުން އަދި ފަހާ މީހުންނާއި ކުޅިވަރު އިންސްޓްރަކްޓަރުން ފަދަ އިޖްތިމާޢީ ދާއިރާއިން 450 މީހުން އުފައްދައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން 860 މީހުން އަދި އެކައުންޓްސް އާއި އެހެނިހެން މަސައްކަތްތަކަށް 400 މީހުން ނެރުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ތަމްރީނު ޕްރޮގްރާމް ހިންގުމަށް ރޭވިފައި އޮތް ގޮތަކީ، ވަޒީފާ ދޭ ފަރާތްތަކުން ހިންގާ ތަމްރީނުގެ ގޮތުގައި ތިންހާސް ނުވަސަތޭކަ ސާޅީސް ފަހެއް، ތަމްރީނު ދޭ މަރުކަޒުތަކުން ހިންގާ ތަމްރީނުގެ ގޮތުގައި ތިންހާސް ހަތްސަތޭކަ ނުވަދިހަ ފަހެއް، ރާއްޖެއިން ބޭރުން ހިންގާ ތަމްރީނުގެ ގޮތުގައި ހަތްސަތޭކަ ފަސްދޮޅަސް މީހަކު ތަމްރީނުކުރުން. މީގެ ބޭނުމަކީ، މަސައްކަތުގެ މާހައުލަށް ކުދިން އަހުލުވެރިކުރުވުމާއި، އެކަމަށް ކުދިން ޝައުޤުވެރިކުރުވުން. އަދި ވަޒީފާދޭ ފަރާތްތަކާއި ތަމްރީނު ލިބިގަންނަ ކުދިންނާ ގުޅުވައި، ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ކުދިންނަށް ބޭނުންވާ ތަމްރީނު އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުން." ރައީސް ވިދާޅުވި އެވެ. "ޙަޤީޤީ މިނިވަންކަމަކީ އިންސާނާ ތަރައްޤީވެދިޔުން. އަޅުގަނޑު އަބަދުވެސް ދަންނަވަން، ތަރައްޤީއަކީ، އަޅާ ބޮޑު ޢިމާރާތަކުން، ހަދާ ބޮޑު ބަނދަރަކުން، ތަނެއްގައި ލާ މޮޅު ކުލައަކުން މިނާ އެއްޗެއް ނޫންކަމުގައި. އަޅުގަނޑު ދޫ ނުދީ ހުންނާނެ ބަޙުސަކީ، ތަރައްޤީއަކީ، ބޮޑު ހިލައާ ގުޅޭ އެއްޗެއް ނޫންކަމުގެ ބަޙުސު"

ޒުވާނުންގެ ގިނަ އަދަދެއްގެ ޖަލުގެ އަނދިރިކަމުގެ ތެރެއަށް ގެއްލި، ދިރިއުޅުން ބަރުބާދުވާން ދޫކުރުމަކީ ތަރައްޤީއާ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އުފެއްދުންތެރި ބޭނުންތެރި ބައެއްގެ ގޮތުގައި އެމީހުންނަށް މުޖްތަމަޢާ ގުޅިދާނެ ހުރިހާ ފުރުޞަތަކަށް އެމަނިކުފާނު އަބަދުވެސް ބައްލަވާ ކަމަށެވެ.

"އެހިނދަކަށް ގެންނަން ޖެހޭ ބަދަލަކާއި އަދި އަޅަންޖެހޭ ފިޔަވަޅެއް އެޅުމާއެކުވެސް، ޙުކުމް ތަންފީޒުކުރަމުންދާ ގާތްގަނޑަކަށް ހަތަރުސަތޭކަ އާ ގާތްކުރާ ދިވެހި ޒުވާނުންނަށް ސާޅީސް ހަވަނަ މިނިވަންދުވަހުގެ އުފަލުގައި އަޅުގަނޑު ދެވަނަ ފުރުޞަތެއް މިއަދު ދޭނަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެވަނަ ފުރުޞަތެއް ދޭން ކަނޑައެޅި ފަރާތްތައް ގިންތިކޮށްފައިވަނީ، ބޮޑު ބައްޔަކަށް ބޭސްކުރަންޖެހިފައި ތިބި މީހުންނާއި އިތުރު ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީގެން، މުޖްތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކޮށްދެވިދާނެ ފަރާތްތަކަށް އިސްކަންދީގެން ކަމަށާއި ދެވަނަ ފުރުޞަތެއް ދިނުމަށް ކަނޑައެޅި ފަރާތްތަކުގެ ކުށުގެ ރެކޯޑަށް ވެސް ބައްލަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރި ދިރާސާއިން ފާހަގަވި އެއް ކަމަކީ، ޖަލުގޭގެ ނާމާން އަނދިރީގައި ގެއްލި، ބިއްޖެހިފައިތިބި ގިނަ ޒުވާނުންތަކެއް ތިބިކަން. އެބައިމީހުންގެ ދިރިއުޅުމުގެ ހަސްފަސް ގެއްލި މުރާދެއް ނެތިފައިތިބި، ދިވެހި މަޔަކަށާއި ބަފަޔަކަށް އުފަން އަޅުގަނޑުމެންގެ ދަރިއެއް އެތަނުގައި ހުރިކަން. ދެވަނަ ފުރުސަތެއް އެފަދަ ކުއްޖަކަށް ހޯދައިދިނުމަށް ސަރުކާރުން ނިންމީ، ވަރަށް ގިނަ ޙަޤީޤަތް ތަކެއް ދެނެތިބެ. ބާރުގަދަ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ގިނައަދަދެއްގެ މީހުންނާއި، ބޮޑެތި މާރާމާރީއާއި ވައްކަންކޮށްފައިވާ ގިނަ އަދެއްގެ ބައެއް، ރަށުތެރެއަށް ގިނަވެއްޖެނަމަ، ޢާންމު މަޞްލަޙަތަށް ކޮށްފާނެ އަސަރު އެނގިތިބެ. މީގެކުރީގައި ދިމާވެފައިވާ ގިނަގުނަ ކަންކަމުން ކިތަންމެ ތަޖުރިބާތަކެއް ހޯދައިގެން." ރައީސް ވިދާޅުވި އެވެ.

ސަރުކާގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ މައްޗަށް ވެސް ރައީސް މިއަދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މިނިވަންކަމަކީ، ކޮންމެ ރައްޔިތެއްގެވެސް ޙައްޤެއް ކަމަށާއި އެ ޙައްޤު ހޯދައިދިނުމަށް، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް، ކުރިއަށް ގެންދާ ޕްރޮގްރާމް ބާރަށް ކުރިއަށް ގެންދެވި، ބޯހިޔާވަހިކަމުން މަޙުރޫމްވެފައިވާ އެތައް ރައްޔިތުންނެއްގެ ޙައްޤު ހޯދައިދެވޭނެ ކަމާމެދު، އެމަނިކުފާނަށް ޔަޤީން ކަމަށެވެ.