03 Sep 2017, 21:36
މިޔަންމާ ނުވަތަ ބަރުމާގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީ އެއްވެސް ގައުމަކަށް ނިސްބަތް ނުވާ އެންމެ ގިނަ އަދަދެއްގެ މުސްލިމުން ނިސްބަތްވާ ދަރިކޮޅެވެ. އެމީހުންނަށް މިޔަންމާގެ ރައްވެއްސެއްގެ ދަރަޖަ ދިނުމަށް ދެކޮޅު ހަދާ އިހާނެތި ގޮތްތައް ހަދަމުންދާ ވާހަކައަކީ އަބަދުމެ މީޑިއާތަކުގައި ތިލަވަމުންދާ ވާހަކަތަކެކެވެ.
އެގޮތުން އަސާސީ އެއްވެސް ހިދުމަތެއް ނުލިބި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އެ މުސްލިމުންނަށް މިޔަންމާގެ ސަލާމަތީ ބާރުތަކާއި ބުދިސްޓުންގެ އަނިޔާވެރިކަން އިންތިހާއަށް ވަނީ އިތުރެވެ. ދެހާސްބާރަ ވަނަ އަހަރު ރަހީން ސްޓޭޓުގައި މުސްލިމުންނާއި ބުދިސްޓުންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި ވެސް 57 މުސްލިމުންނާއި 31 ބުދިސްޓުން މަރުވިއެވެ.

ރޮހިންޔާ މީހުންނަށް ނޫނެކޭ ބުނެ ބުދިސްޓުންގެ މީހަކު އަތުގައި ލިޔެގެން ---
އަދި ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ބަޔަކު މިދިޔަ ހަފްތާގެ ހުކުރު ދުވަހު ފުލުހުންގެ ޕޯސްޓަކަށް ހަމަލާ ދިނުމާ ގުޅިގެން އެކަމުގެ ރައްދުގައި މިޔަންމާގެ ސަލާމަތީ ބާރުތަކުން ގެންދަނީ މުސްލިމުންގެ އަވަށްތަކަށް ވަދެގަނެ އެ މީހުން މަރައި، ގެދޮރުގައި ހުޅުޖަހަމުންނެވެ. އަދި އެމީހުންގެ އަނިޔާވެރިވުން އިންތިހާއަށް ދަނީ މައްޗަށެވެ.
އެ ސަރަހައްދުތަކަށް ނޫސްވެރިންނަށް އަދި އޮބްޒާވަރުންނަށް ވަނުން ބަރުމާ ސަރުކާރުން މަނާ ކޮށްފައިވާތީ އެ ސަރަހައްދުގައި ހިނގާ ކަންކަން މީޑިއާތަކަށް ތިލަވަނީ މަދުންނެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެތަނުގައި ހިނގާ އަނިޔާވެރި އަމަލުތަކުގެ ފޮޓޯތަކާ ވީޑިއޯތައް މަދުން ނަމަވެސް އާއްމުވަމުންދާއިރު، އެ ފޮޓޯތަކުން ކަރުނަ އަޅާ ރޮވެއެވެ.

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުގައި މަރުވި މީހެއްގެ ދެފައި ---
ސަލާމަތްވި ރޮހިންޔާގެ ބައެއް މީހުން ވަނީ މިޔަންމާ ސަރަހައްދުގައި މަސައްކަތްކުރާ ޗެރިޓީއެއް ކަމަށްވާ ފޯޓިފީ ރައިޓްސްއަށް ބަރުމާގެ އެމީހުން ތަހައްމަލު ކުރަމުންދިޔަ ވޭނާ ހިތްދަތިކަން ކިޔައިދީފައެވެ. އޭގެ ތެރެއިން އެކަކަކީ ޗުޓް ޕިން ސަހަރުގައި ފަސް ގަޑިއިރު ވަންދެން ދިން ހަމަލާއަކުން ސަލާމަތްވި 41 އަހަރުގެ އަބްދުލް ރަހްމާނެވެ.
އޭނާ ބުނި ގޮތުގައި، ރޮހިންޔާގެ ބައެއް ފިރިހެނުންތަކެއް ހައްޔަރުކޮށް ބަނުމަށްފަހު އޮނުން ހަދާފައި ހުންނަ ގެއެއްގެ ތެރެއަށް ވައްދާ ރޯކޮށްލާފައިވާ ކަމަށެވެ.
"ބަރުމާގެ އަސްކަރިއްޔާއިން އަންދާލައި މަރާލި އެ މީހުންގެ ތެރޭގައި އަހަރެންގެ ބޭބެ ހިމެނޭ. އަހަރެންގެ އެހެން އާއިލާ މެމްބަރުން ފެނުނީ އެހެން ސަރަހައްދަކުން. އެމީހުން ފެނުނު އިރުވެސް ގައިގެ އެތައް މިތަނަށް ވަޒަން އަރާ ތޫނު އެއްޗަކުން ހަމަލާދީފައި ހުރި ކަމުގެ ނިޝާންތަކެއް ހުރި،" އޭނާ ބުންޏެވެ.

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް އެތެރެވި ރޮހިންޔާ މުސްލިމު އަންހެނަކު އޭނާގެ ދަރިފުޅު ގޮވައިގެން ކަރުނަ އަޅަނީ ---
"މަރާލި އަހަރެންގެ ބޭބެގެ ދެ ފިރިހެން ކުދިންގެ ބޯ ވެސް ވަނީ ކަނޑާލާފައި. އޭގެން އެއް ކުއްޖަކަށް ހަ އަހަރު، އަނެއް ކުއްޖަކީ ނުވަ އަހަރުގެ ކުއްޖެއް. އަހަރެންގެ ފަހަރި ވަނީ ބަޑި ޖަހާ މަރާލާފައި،"
އަބްދުލް ރަހްމާން ނިސްބަތްވާ ސަހަަރުގައި ދިރިއުޅޭ 27 އަހަރުގެ ސުލްތާން އަހްމަދު ބުނި ގޮތުގައި، އެ ސަހަރުގެ ބައެއް މީހުންގެ ހަށިގަނޑުން ބޯ ވަކިކޮށްފައިވާ ތަން ފެނުނުއިރު، ބައެއް މީހުން ކަތިލާފައިވާ ކަމަށެވެ.
"އެހެން އަވަށެއްގެ ހަތިޔާރު އެޅި މީހުން އައިސް މީހުންގެ ކަރުބުރިކުރި އިރު އަހަރެމެން ތިބީ ގޭތެރޭގައި ފިލާ. އަހަރެމެންނަށް އެތަން ފެނުމުން ގޭގެ ފަހަތު ދޮރުން ލައިގެން އަހަރެމެން ފިލީ،" އޭނާ ބުންޏެވެ.

ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި މިޔަންމާގެ ބައެއް ކުދިން ---
ފޯޓިފީ ރައިޓްސްގެ އިސްވެރިޔާ މެތިއު ސުމިތު ބުނި ގޮތުގައި، މިޔަންމާގެ މަސްރަހަށް އެކަށީގެންވާ ވަރަށް ބާރު އެޅިފައިނުވާ ކަމަށެވެ. އަދި މިޔަންމާގެ ކަމާބެހޭ އިދާރާތަކުން މުސްލިމުން ސަލާމަތް ކުރުމަށް ނުކުޅެދިފައިވާއިރު މިކަމަށް ބައިނަލްއަގްވާމީ ޕްރެޝަރު ކޮންމެހެން މުހިއްމު ކަމަށް ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން އާއްމުކުރި ސެޓަލައިޓް ފޮޓޯއަކުން ދައްކާ ގޮތުން، ރޮހިންޔާގެ އެހެން މުސްލިމް އަވަށެއްގެ 700 އިމާރާތެއް ވަނީ އަނދާ އަޅިއަށްވެފައެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން އާއްމުކުރި ސެޓަލައިޓް ފޮޓޯ ---
އެޗްއާރުޑަބްލިއުގެ ޑެޕިއުޓީ އޭޝިއާ ޑައިރެކްޓަރު ފިލް ރޮބާޓްސަން ވިދާޅުވީ، އުުތުރު ރާހައިންގައި ހިނގަމުންދާ ޖަރީމާތަކުގެ ސީރިއަސްކަން ކުރިން ހީކުރި ވަރަށްވުރެ ވެސް ބޮޑުވެދާނެ ކަމަށެވެ. އަދި މިނިވަން މޮނީޓަރުން އެ ސަރަހައްދުތަކަށް ގޮސް އެ ސަރަހައްދުތަކުގައި ހިނގަމުންދާ ކަންކަން ވަގުތުން ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ބަރުމާގައި ދިރިއުޅެމުންދާ މުސްލިމުންނާ ދެކޮޅަށް ހިންގާ އެ އަނިޔާވެރިކަމުގެ އަމަލުތަކުން ސަލާމަތްވުމަށް ފާއިތުވި ދުވަސްތަކުގައި 58600 ރޮހިންޔާ މުސްލިމުން މިޔަންމާއިން ބަނގުލަދޭޝްއަށް އެތެރެވެފައިވާއިރު، ބަނގުލަދޭޝްގެ ކޭމްޕުތައް ދަނީ ފުރި ތޮއްޖެހެމުންނެވެ. ނަމަވެސް ބަނގުލަދޭޝް އިން ދަނީ އެމީހުން އަނބުރާ މިޔަންމާއަށް ފޮނުވާލަމުންނެވެ. (ދަ އިންޑެޕެންޑަންޓް)