03 Sep 2017, 20:11
މިޔަންމާގެ ރޮހިންޔާގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަރުކާރުން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާ ގުޅިގެން، ރާއްޖެ އާއި މިޔަންމާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގާ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރި ކުރާ ކަމަށެވެ.
އަދި ފަހަކަށް އައިސް ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގައި އެތައް ސަތޭކަ ރޮހިންޔާ މުސްލިމުންނެއް މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ އެކަމާ ރާއްޖެއިން އިންތިހާއަށް ހިތާމަކުރާ ކަމަށާއި މިޔަންމާގައި ހިނގަމުންދާ ލޭ އޮހޮރުންތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން އަވަސް އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ބުނެފައިވެއެވެ.
އެގޮތުން، މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ބެލުމަށް ޔުނައިޓެޑް ނޭޝަންސް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އަދި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
މިޔަންމާ ސަރުކާރާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ރާއްޖެއިން ނިންމީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓާލުމާ ހަމައަށް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.