03 Sep 2017, 16:16
މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އުމުރުން ދުވަސްވީ މީހަކު މަރުވި މައްސަލާގައި ހައްޔަރުކުރީ 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކު 15 ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އަނެއް ކުއްޖާ 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ ދެ ކުދިންގެ އުމުރު ފުލުހުން ނުބުނެއެވެ.
އެ އެކްސިޑެންޓުގައި މަރުވީ ތ. ތިމަރަފުށި އިރަމާގޭ އުމުރުން 62 އަހަރުގެ އިބްރާހިމް ރަޝީދު އާދަމެވެ. އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ ހަބީބު ބޭންކު ސަރަހައްދަށް ދަރިފުޅު ބަލައިގޮސް ރަޝީދު ސައިކަލް ޕާކް ކުރަން އުޅެނިކޮށް، އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިއެވެ. އެކްސިޑެންޓުވުމާ އެކު ސައިކަލް ދޫކޮށްލުމަށްފަހު އެމީހާ ވަނީ ފިލާފައެވެ.
ރަޝީދު މަރުވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އާއިލާއިން ބުނިގޮތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ.
ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނިގޮތުގައި ރަޝީދުގެ ބޮލުގެ އޮޕަރޭޝަނެއް ވަގުތުން ކޮށްފައިވެއެވެ. ނަމަވެސް ސިކުނޑިއަށް ގިނަ އަދަދެއްގެ ލޭ އެޅިފައިވުމުގެ ސަބަބުންނާއި ބޮލުގެ ނާށިގަނޑުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވުމުގެ ސަބަބުން އޮޕަރޭޝަންކޮށްގެން ވެސް ރަޝީދުގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއްނުވިއެވެ. ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ކަނާތު ފައިގެ ތަނބި ކައްޓަށްވެސް ބޮޑު އަނިޔާތަކެއް ވެފައިވާކަމަށް އާއިލާއިން ބުންޏެވެ.
އާއިލާ އިން ބުނީ އެ އެކްސިޑެންޓުގައި އިހުމާލުވި މީހާ އިޚްލާސްތެރި ކަމާއެކު ކުށަށް އިއުތިރާފުވެ މައާފަށް އެދިއްޖެނަމަ މައާފުކޮށްދޭނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ މަސައްކަތުން އެމީހާ ހޯދައި ހައްޔަރުކޮށްފިނަމަ މައާފް ނުދޭނެ ކަމަށް އާއިލާ އިން ބުންޏެވެ.
ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މީހަކު ކުރާ އިހުމާލުގެ އަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލުކުރި މީހާ އެކުރަނީ ކުށެއް ކަމަށެވެ.
އެ ކުށަށް އަދަބުު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. އަދި އެ ކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުމެވެ.
ޖަލު ހުކުމް ތަންފީޒުކުރަން ޖެހުނަސް މަރުވި މީހާގެ ވާރިސުން ބޭނުންވެއްޖެނަމަ މަރުގެ ދިޔަ ދޭންޖެހޭނެއެވެ. ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ހަމަޖައްސާފައި ވަނީ 100،000 ރުފިޔާއެވެ.