03 Sep 2017, 12:28
މާލޭގައި އަލަށް ހަދާ ބޮޑެތި އިމާރާތްތަކުގައި އުޅަނދުތައް ޕާކު ކުރުމަށް ދެ ފަންގިފިލާ ހާއްސަ ކުރަން ޖެހޭ ގޮތަށް ގަވާއިދެއް ހަދައިފި އެވެ.
މާލޭގެ ޕާކިންއާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީން މަޖިލީހަށް ފޮނުވި ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހު ގެޒެޓް ކުރުމަށް ވަނީ ފޮނުވައިފަ އެވެ. އެ ގަވާއިދު މަޖިލީހުން ދިރާސާކޮށްފައި ވަނީ ގަވާއިދު ކޮމެޓީންނެވެ.
މަޖިލީހުން އިސްލާހު ކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން 5،000 އަކަފޫޓުގެ ބިމެއްގައި، އެ ބިމުގެ ޖާގައާ އެއްވަރަށް 100 ފޫޓަށް އުސްކޮށް އިމާރާތް ކުރާ ނަމަ، އެ އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ހާއްސަ ކުރަންޖެހޭނީ ޕާކު ކުރާ އުޅަނދުތަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ މުގައްރިރު އަހުމަދު މުބީން ވިދާޅުވީ އެފަދަ އިމާރާތްތަކުގައި ޕާކު ކުރާ އުޅަނދުތަކަށް ދެ ފަންގިފިލާ ހާއްސަ ކުރުމުގެ ބަދަލުގައި އިމާރާރުގެ ޖާގައާ އެއްވަރުގެ ބިމެއް ޕާކު ކުރުމަށް ހާއްސަ ކުރެވިދާނެ ކަމަށެވެ. އަދި އެފަދަ ބިމެއް ޕާކުކުރުމަށް ހާއްސަކޮށްފި ނަމަ، އިމާރާތުގެ ދެ ފަންގިފިލާ ޕާކުކުރާ އުޅަނދުތަކަށް ހާއްސަކުރަން ލާޒިން ނުވާނެ ކަމަށް މުބީން ވިދާޅުވި އެވެ.
ޕާކިންއާ ބެހޭ ގަވާއިދު އެގޮތަށް އިސްލާކޮށްފައި ވަނީ ކޮންސްޓްރަކްޝަން ދާއިރާގެ އިސް ފަރާތްތަކާއި ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް މުބީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި އިމާރާތްތަކުގައި ޕާކުކުރާ އުޅަނދުތަކުން ފީއެއް ނެގިދާނެ ކަމަށާއި އެކަން މެނޭޖުކޮށް ބަލަހައްޓަން ޖެހޭނީ އިމާރާތުގެ ވެރިފަރާތުންނެވެ.

ގަވާއިދު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން--- ސަން ފޮޓޯ
އެ ގަވާއިދު އާންމުންނަށާއި ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ހިނގާނެ އެވެ. އެ ގަވާއިދުން އިސްތިސްނާ ވެގެންވަނީ ފުލުހުންނާއި އެމްއެންޑީއެފާއި ސްކޫލުތަކުގައި އަލަށް ހަދާ އިމާރާތްތަކެވެ.
އެ ގަވާއިދުގެ ދަށުން އިމާރާތްތައް ޕާކިންއަށް ހާއްސަ ކުރަން ޖެހޭނީ އެ ގަވާއިދަށް އަމަލު ކުރަން ފެށުމަށް ފަހު، އަލަށް އިމާރާތް ކުރުމަށް ހުއްދަ ދޫކުރާ ފަރާތަކަށެވެ. ކުރިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން އެ ގަވާއިދަށް އަމަލު ކުރާކަށް ނުޖެހޭނެ އެވެ.
ޕާކިންއާ ބެހޭ ގަވާއިދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު އެ ގަވާއިދުގައި ބުނެފައި ވަނީ 2،000 އަކަފޫޓުގެ ބިމެއްގައި އެ ބިމާ އެއްވަރުގެ ޖާގައިގައި އިމާރާތެއް ކުރާ ނަމަ، ހަތަރު ފަންގިފިލާ ޕާކު ކުރާ އުޅަނދުތަކަށް ހާއްސަ ކުރަންޖެހޭނެ ކަމަށެވެ.
ނަމަވެސް ކޮމެޓީން ވަނީ އެ އުސޫލަށް ބަދަލު ގެނެސްފަ އެވެ.
ރައްޔިތުންގެ މަޖިލިސް އެއް މަސް ދުވަހުގެ ޗުއްޓީއަށް ދިޔަ ދުވަހު ވަނީ އެ ގަވާއިދު، ކޮމެޓީން ފާސްކޮށް ހައުސިން މިނިސްޓްރީއަށް ފޮނުވާފަ އެވެ. ކޮމެޓީން އެ ގަވާއިދު ފާސްކުރީ ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން ވަނީ އެ ކޮމެޓީގެ ނިންމުން ސައްހަ ނުވާނެ ކަމަށް ބުނެ، އެ ގަވާއިދު ފާސްކުރި ބައްދަލުވުން ބޮއިކޮޓްކޮށްފަ އެވެ.