އދ. (ސެޕްޓެމްބަރު 3): މިޔަންމާގައި މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ރަހީން ސްޓޭޓަށް ކާނާގެ އެހީ ފޯރުކޮށްދިނުން އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)އިން ހުއްޓާލައިފި އެވެ.

ޑަބްލިއުއެފްޕީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެހީ ފޯރުކޮށްދިނުން ހުއްޓާލަން ޖެހުނީ ސަލާމަތި ސަބަބުތަކާ ހެދި އެވެ. އަދި އޭގެ ނޭދެވޭ އަސަރު 250،000 މީހުންނަށް ކުރާނެ ކަމަށާއި އޭގެ ތެރެއިން 120،000 މީހުންނަކީ 2012 ވަނަ އަހަރު ރަހީން ސްޓޭޓުގައި ކުރިއަށް ދިޔަ ހަމަނުޖެހުމުގައި ހާލުގައި ޖެހުނު މީހުން ކަމަށް ޑަބްލިއުއެފްޕީގެ ބަޔާނުގައިވެ އެވެ.

ދެހާސްބާރަ ވަނަ އަހަރު ރަހީން ސްޓޭޓުގައި މުސްލިމުންނާއި ބުދިސްޓުންނާ ދެމެދު ކުރިއަށް ދިޔަ ހަމަނުޖެހުމުގައި 57 މުސްލިމުންނާއި 31 ބުދިސްޓުން މަރުވި އެވެ. އަދި މިދިޔަ ހަފްތާގެ ހުކުރު ދުވަހު މިޔަންމާގެ ސަލާމަތީ ބާރުތަކުން ރަހީން ސްޓޭޓުގައި ފެށި ހާއްސަ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މުސްލިމުން މަރައި، އެމީހުންގެ ގެތަކުގައި ރޯކޮށްފައިވާ ކަމަށް ތަފާތު މީޑިއާތަކުން ބުނެ އެވެ.

އދ. ގެ ރެފިއުޖީ އޭޖެންސީ ޔޫއެންއެޗްސީއާރުން ބުނި ގޮތުގައި އެއަނިޔާއިން ސަލާމަތްވުމަށް ފާއިތުވި ދުވަސްތަކުގެ ތެރޭގައި 58،600 ރޮހިންޔާ މުސްލިމުން ވަނީ މިޔަންމާއިން ބަންގުލަދޭޝްއަށް ގޮސްފަ އެވެ.

މިޔަންމާ ސަރުކާރުން ވަނީ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީ ފޯރުކޮށްދޭ ފަރާތްތަކުން ރޮހިންޔާ "ހަނގުރާމަވެރިންނަށް"ވެސް އެހީ ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި މުސްލިމުންގެ ގެތަކުގައި ރޯކުރަނީ ސިފައިން ނޫން ކަމަށާއި އެއީ މުސްލިމުންގެ ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕެއް ކަމަށް ބުނާ އަރަކަން ރޮހިންޔާ ސެލްވޭޝަން އާމީގެ އަމަލުތައް ކަމަށް ބުނެފަ އެވެ.

އދ. އިން ވަނީ މިޔަންމާ ސަރުކާރުގެ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. (އަލްޖަޒީރާ)