26 Jul 2011, 11:48
ގްލޯނެޓުން އިންތިޒާމްކޮށްގެން ބާއްވާ ޔުނިވަސިޓީ ފެއާ އަންނަ އޮގަސްޓް މަހުގެ 12އަދި 13 ވަނަ ދުވަހު އޮންނާނެ ކަމަށާއި އެފެއާގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތައުލީމީ މުއައްސަސާތައް ހިމެނޭ ގޮތުން ޖުމްލަ 17 މުއައްސާއެއް ބައިވެރިވާނެ ކަމަށް އެކުންފުނިން އިއްޔެ ބުނެފި އެވެ.
ގްލޯނެޓުން އިއްޔެ ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެކުންފުނިން ބާއްވާ ނުވަ ވަނަ ޔުނިވަސިޓީ ފެއާގައި ބައިވެރި ވަނީ ދިވެހިން އާއްމުކޮށް ކިޔަވަންދާ ގައުމެއް ކަމަށްވާ މެލޭޝިޔާއާ، ސްރީލަންކާ އަދި އިންޑިޔާގެ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިތުރުން ރަޝިޔާގެ އެކަޑަމީއެކެވެ.
އަންނަ އޮގަސްޓް މަހު ބާއްވާ ޔުނިވަސިޓީ ފެއާގެ ކުރިން ކިޔަވާކުދިން ކުރިއަށް ދާން ބޭނުންވާ ރޮނގު ދެނެގަތުމަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ކެރިއާ ގައިޑެންސް ސެމިނާރެއް އޮގަސްޓް 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ގްލޯނެޓުން ބުންޏެވެ. ހިލޭ ބައިވެރިވެވޭ އެ ސެމިނާރު އޮންނާނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 8.00 ން 9.00 އަށް ކަމަށާއި ސެމިނާރުގައި ބައިވެރިވުމުގެ ފުރުސަތު ގްރޭޑް ހަތަކުން ފެށިގެން 12 އާ ދެމެދުގެ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް އޮންނާނެ ކަމަށް ގްލޯނެޓުން ބުންޏެވެ.
ގްލޯނެޓްގެ ޔުނިވަސިޓީ އެޑިއުކޭޝަން ފެއާގައި ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމާއި ކޯހަށް ހިނގާނެ ހަރަދު އޮޅުން ފިލުވައިދިނުމާއި ވިސާ ހޯދުމާއި އެކޮމޮޑޭޝަން އަދި ކޯސްތަކުގައި ބައިވެރިވުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް އޮޅުން ފިލުވައިދިނުން ހިމެނެ އެވެ. އަދި މި އަހަރުގެ ސްކޮލަޝިޕްތަކުގެ މައުލޫމާތު ދިނުމާއި ޑިސްކައުންޓް ލިބޭ ކޯސްތަކުގެ މައުލޫމާތު ދިނުން ވެސް ފެއާގައި އޮންނާނެ ކަމަށް ގްލޯނެޓުން ބުންޏެވެ. ފެއާގެ ތެރެއިން ލިބޭނެ އެހެން ހިދުމަތްތަކުގެ ތެރޭގައި ކެރިއާ ގައިޑެންސް މައުލޫމާތު ދިނުމާއި ކޯސްތައް ނިންމައި ރާއްޖޭގައި ވަޒީފާ އަދާކުރާ ކުދިންނާ ބައްދަލުކޮށް އެކުދިންގެ ތަޖުރިބާ ހިއްސާ ކުރުން ހިމެނެ އެވެ.
ޔުނިވަސިޓީ ފެއާގައި ރާއްޖޭން ބައިވެރިވާ ހަމައެކަނި ފަރާތަކީ މޯލްޑިވްސް އެންވަޔަރްމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓެވެ.
ގްލޯނެޓުން ބުނީ 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެފަހަރު އެކުންފުނިން ބާއްވަމުން އަންނަ ފެއާގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އޮގަސްޓް ހަޔަކުން ހަތަކަށް ބޭއްވި ޔުނިވަސިޓީ އެޑިއުކޭޝަން ފެއާއަށް 2125 ކުދިން ޒިޔާރަތްކުރި ކަމަށާއި އޭގެ ތެރެއިން 43 ކުދިން އެކި ޔުނިވަސިޓީތަކުގެ ކޯސްތަކަށް ރަޖިސްޓްރީކޮށް، ކޯސްތަކުން ޖާގަހޯދާފައިވާ ކަމަށާއި އެކޯސްތަކުގައި ކިޔަވަން ދިޔަ އެއްވެސް ކުއްޖަކު އަދި ކިޔެވުން ހުއްޓާލާފައި ނުވާކަމަށް އެކުންފުނިން ބުންޏެވެ. އަދި ކޯސްތަކުގައި ބައިވެރިވި ކުދިންގެ ތެރެއިން ސްކޮލަޝިޕް މިންގަނޑުތަކަށް ފެތޭ ކުދިންނަށް ޓިއުޝަންފީ އިން 50 ޕަސެންޓާއި 10 ޕަސެންޓްގެ ޑިސްކައުންޓް ހަމަޖައްސައިދީފައި ވާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ގްލޯނެޓުން ބުނީ ރާއްޖެ އިން ބޭރުގައި ކިޔަވަމުންދާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމާއި ތަކެތި ފޮނުވައި ދިނުމުގެ ހިދުމަތް ވެސް އެކުންފުނިން ދޭ ކަމަށެވެ.
"އެފަދަ ހިދުމަތްތައް އަޅުގަނޑުމެން މިދެނީ ހިލޭ، ހަމަ އެކަނި ނަގަނީ ޕޯސްޓުން ތަކެތި ފޮނުވުމަށް ދާ ހަރަދު" ގްލޯނެޓްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަސީމު އަހުމަދު ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ އަމިއްލައަށް އެކި ގޮތްގޮތުން ބޭރުގެ ޔުނިވަސިޓީތަކުގެ ކޯސްތަކަށް ރަޖިސްޓްރީ ކޮށްގެން ކިޔަވަންދާ ކުދިންނަށް ބައެއް ފަހަރު އެގައުމަކަށް ދާ ފަހުން ޖާގަ ނެތްކަމަށް ބުނެގެން އަނބުރާ އަންނަން ޖެހުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.