03 Sep 2017, 10:13
މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގެއްލިގެން ހޯދަމުންދާ ދިވެހި ދެ ހައްޖުވެރިންގެ ތެރެއިން އެކަކު ފެނިއްޖެ އެވެ.
އެ ދެމީހުންނަކީ ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސްފައިވާ މީހުންނެވެ.
ގެއްލުނު މީހުންގެ ތެރެއިން ފެނިފައި ވަނީ ނ. ވެލިދޫ އަމީނާ ހަސަން،63، އެވެ.
އެކަމާ ގުޅޭ ގޮތުން މިހާތަނަށް ހައްޖު ކޯޕަރޭޝަނުން ވެސް އަދި އިސްލާމިކް މިނިސްޓްރީ އިން ބަހެއްލިބިފައި ނުވި ނަމަވެސް ނ. ވެލިދޫ ކައުންސިލުން ވަނީ ހައްޖަށް ގޮސް ހުރި އެ ރަށަށް ނިސްބަތްވާ އަމީނާ ހަސަން ފެނުނު ކަން ޔަގީން ކޮށްދީފަ އެވެ.
ނ. ވެލިދޫ ކައުންސިލްގެ ރައީސާ އަސްމާ ހުސެއިން ވިދާޅުވީ ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު އެ ރަށު އަމީނާ ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށާއި އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަންގެ މީހުން މިހާރު އޭނާ ހުރި ތަނަށް ދަތުރު ކުރަމުންދާ ކަމުގެ މައުލޫމާތު އާއިލާއަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭގެ ވަގުތެއްގައި ފެނުނީ. މުޒްދަލިފާ އިން މިނާއަށް އައި މަގުމަތީގައި ވަރުބަލިވެގެން މަޑުކޮށްލި ކަމަށް ވަނީ. މި ރަށުން ހައްޖަށް ދިޔަ އިތުރު މީހެއްގާތު އެވަގުތު ވަނީ ވަރުބަލިވެގެން މަޑުކުރާ ވާހަކަ ބުނެފައި،" އަސްމާ ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދާ ދެވަނަ މީހަކީ ޅ. ނައިފަރު މީހެކެވެ. އުމުރުން 71 އަހަރުގެ ނައިފަރަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަމުންދާކަން އެ ރަށު ކައުންސިލުން ވަނީ ޔަގީންކޮށްދީފަ އެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށުން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެންނަ ކަމަށާއި ގެއްލުނު މީހާގެ އަންހެނުން ވެސް ހައްޖަށް ގޮސްފައިވާ އިރު އޭނާ ހުރީ މިވަގުތު މިނާގައި ކަމަށެވެ.
މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ބައެއް ހައްޖުވެރިންނަށް މަގު އޮޅި ގެއްލިފައިވީ ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މިވަގުތު ގެއްލިގެން ހޯދަމުންދަނީ އެންމެ މީހެކެވެ. ދެން ތިބި ހުރިހާ ހައްޖުވެރިން ވެސް ވަނީ ފެނިފަ އެވެ.