މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އުމުރުން ދުވަސްވީ މީހަކު މަރުވި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ އެކްސިޑެންޓުގައި މަރުވީ ތ. ތިމަރަފުށި އިރަމާގޭ އުމުރުން 62 އަހަރުގެ އިބްރާހިމް ރަޝީދު އާދަމެވެ. އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ ހަބީބު ބޭންކު ސަރަހައްދަަށް ދަރިފުޅު ބަލައިގޮސް ރަޝީދު ސައިކަލް ޕާކް ކުރަން އުޅެނިކޮށް، އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިއެވެ. އެކްސިޑެންޓުވުމާ އެކު ސައިކަލް ދޫކޮށްލުމަށްފަހު އެމީހާ ވަނީ ފިލާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ އެކްސިޑެންޓާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރަޝީދު މަރުވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އާއިލާއިން ބުނިގޮތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ.

ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނިގޮތުގައި ރަޝީދުގެ ބޮލުގެ އޮޕަރޭޝަނެއް ވަގުތުން ކޮށްފައިވެއެވެ. ނަމަވެސް ސިކުނޑިއަށް ގިނަ އަދަދެއްގެ ލޭ އެޅިފައިވުމުގެ ސަބަބުންނާއި ބޮލުގެ ނާށިގަނޑުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވުމުގެ ސަބަބުން އޮޕަރޭޝަންކޮށްގެން ވެސް ރަޝީދުގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއްނުވިއެވެ. ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ކަނާތު ފައިގެ ތަނބި ކައްޓަށްވެސް ބޮޑު އަނިޔާތަކެއް ވެފައިވާކަމަށް އާއިލާއިން ބުންޏެވެ.

އާއިލާ އިން ބުނީ އެ އެކްސިޑެންޓުގައި އިހުމާލުވި މީހާ އިޚްލާސްތެރި ކަމާއެކު ކުށަށް އިއުތިރާފުވެ މައާފަށް އެދިއްޖެނަމަ މައާފުކޮށްދޭނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ މަސައްކަތުން އެމީހާ ހޯދައި ހައްޔަރުކޮށްފިނަމަ މައާފް ނުދޭނެ ކަމަށް އާއިލާ އިން ބުންޏެވެ.

ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މީހަކު ކުރާ އިހުމާލުގެ އަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލުކުރި މީހާ އެކުރަނީ ކުށެއް ކަމަށެވެ.

އެ ކުށަށް އަދަބުު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. އަދި އެ ކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުމެވެ.

ޖަލު ހުކުމް ތަންފީޒުކުރަން ޖެހުނަސް މަރުވި މީހާގެ ވާރިސުން ބޭނުންވެއްޖެނަމަ މަރުގެ ދިޔަ ދޭންޖެހޭނެއެވެ. ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ހަމަޖައްސާފައި ވަނީ 100،000 ރުފިޔާއެވެ.