02 Sep 2017, 22:33
އެހެން މުސްލިމުންނެކޭ އެއްގޮތަށް އެމެރިކާގެ ހިއުސްޓަންގައި ދިރިއުޅެމުންދާ ޝާޒިއާ އަޝްރަފް ވެސް އުއްމީދުކޮށްގެން ހުރީ އީދާ ގުޅިގެން ގޭތެރެ ފޮޅާލައި އީދު ފާހަގަކުރުމަށް ގެއަށް އަންނާނެ މެހެމާނުންނަށް ކެއުން ތައްޔާރު ކުރުމަށެވެ.
ނަމަވެސް މިއަހަރުގެ އީދުގައި އޭނާ ފޮޅާ ސާފުކުރާނެ ގެއެއް އަދި އީދަށް ހާއްސަ ކެއުމަށް ކައްކާނެ ބަދިގެ އެއް ވެސް ނެތެވެ. ހިއުސްޓަންގެ އެހެން އާއްމުންނެކޭ އެއްގޮތަށް ހުރިހާ ކަމަކާ އެއްޗެއް ވަނީ އެ ސްޓޭޓަށް އެރި ބާރުގަދަ ތޫފާން ހާވޭއާއެކު އޮޔާ ގޮސްފައެވެ. ނުދަނީ ހަމައެކަނި އެކަކު އަނެކަކަށް ކުރާ އިހްތިރާމާއި ލޯތްބެވެ.
"ހާވޭގެ ސަބަބުން ސިޓީއަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފަ ވޮލަންޓިއަރުންގެ ޓީމުތައް އެކި ދިމަދިމާލަށް ފޮނުވައިގެން ތޫފާންގައި ހާލުގައި ޖެހޭ މީހުން ތިބުމަށް މިސްކިތްތައް ތައްޔާރުކުރަން ފޮނުވިން. އަދި އެކަން އާއްމުންނަށް އެންގުމަށްޓަކާ އަހަރެމެންގެ ވެބްސައިޓުގައި ވެސް ޖެހިން،" ހިއުސްޓަންގެ އިސްލާމިކް ސޮސައިޓީ އޮފް ގްރޭޓާ ހިއުސްޓަން (އައިއެސްޖީއެޗް)ގެ އަންހެނުންގެ ކޮމެޓީގެ ޗެއާމަންކަން ވެސް ކުރައްވާ ޝާޒިއާ ބުންޏެވެ.
ހިއުސްޓަންގެ ކޮލެޖެއްގައި ހިސާބު ކިޔަވައިދެމުން އަންނަ 37 އަހަރުގެ ޝާޒިއާގެ ގެ ހިމެނޭ ސަރަހައްދުގެ ގާތްގަނޑަކަށް 80 ވަރަކަށް ގެއަށް ތޫފާންގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ޝާޒިއާ ވެސް ޖެހުނީ އޭނާގެ ގޭގައި ގެންގުޅޭ ފަރުނީޗަރާ ހިފާގެންގުޅޭ އެއްޗެހި އުކާލާށެވެ.
"އަހަރެން ހިއުސްޓަންގައި އުޅޭތާ ގާތްގަނޑަކަށް 30 އަހަރުވީ. އަދި ވޭތުވެދިޔަ އަހަރު ތަކުގައި މި ސިޓީއަށް ދިމާވި ހުރިހާ ތޫފާނަކާއި ގުދުރަތީ ކާރިސާތަކަކުން އަރައިގަނެފިން. އެކަމަކު މިހާބޮޑު ގެއްލުމަކާ ކުރިމައްޗެއް ނުވޭ،" ޝާޒިއާ ބުންޏެވެ.
އެމެރިކާގެ ދެވަނަ އަށް އެންމެ ބޮޑު ސްޓޭޓް ޓެކްސަސްގެ ސިޓީތަކުގެ ތެރެއިން ހިއުސްޓަން އަކީ އެންމެ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅެމުން އަންނަ ސިޓީއެވެ. އެ ސިޓީގައި ގާތްގަނޑަކަށް 60،000 މުސްލިމުން ދިރިއުޅެމުން އަންނައިރު އެއީ ހިއުސްޓަންގެ އާބާދީގެ 1.2 ޕަސެންޓެވެ. އަދި އެ ސިޓީގައި އެކި ސައިޒުގެ 40 މިސްކިތް ހުރެއެވެ.
އޭގެ ތެރެއިން ޗެމްޕިއަންސް އިސްލާމިކް ސެންޓަރު ނުވަތަ މަސްޖިދުލް ސަލާމްގައި އީދު ނަމާދު ކުރިއިރު، ތޫފާންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެތަނުން ވަނީ ހިދުމަތް ދީފައެވެ.
ހިއުސްޓަންގެ ބައެއް މިސްކިތްތައް ބަލަހައްޓަމުން ގެންދާ އައިއެސްޖީއެޗްގެ ރައީސް އެމްޖޭ ޚާން ވިދާޅުވި ގޮތުގައި، އީދު ނަމާދު ކުރިއިރު ވެސް އެމީހުންނަށް އުނދަގޫ ނުކޮށް އެމީހުން އެހެން ތަނަކަށް ބަދަލު ކޮށްފައި ނުވާނެ ކަމަށެވެ. އެއީ އެމީހުން އެންމެ އިސްކަންދޭ ކަންތައް ކަމަށް ވިދާޅުވިއެވެ.
ހިއުސްޓަންގައި ދިރިއުޅެމުންދާ އެހެން ދެ މިސްލިމުން ކަމަށްވާ އިސްމާއިލް އަދި ރާބިއާ ވާއިދު ވެސް މަސައްކަތް ކުރަމުންދަނީ ތޫފާންގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމެރިކަން ރެޑް ކްރޮސްގައި އަމިއްލަ އަށް އިސްނަގައިގެންނެވެ.
ކޮންމެ ދުވަހަކު ވެސް ބުރަކޮށް އުޅުމަށްފަހު ފަތްޖެހި ކުޑަ އެނދެއްގައި ނިދާލުމަށްފަހު އަނެއްކާ ވެސް މަސައްކަތަށް އެ ދެމީހުން ނުކުންނަނީ ދީނީ ކަމަކަށް ވާތީއެއް ނޫނެވެ.
"މިއީ މުސްލިމަކަށް ވާތީ ކުރާކަމެއް ނޫން. ނުރައްކަލެއް ނުވަތަ މައްސަލައެއް ކުރިމަތިވާއިރު، އެއީ އަދި ގުދުރަތީ އަދި އިންސާނުންގެ ފަރާތުން ކުރިމަތިވާ ކަމެއް ނަމަވެސް މުސްލިމެއްގެ ހައިސިއްޔަތުންނާއި އަދި އިންސާނިއްޔަތަށް އަހަރެމެން ޖެހޭނެ ބައިވެރިވާން،" އިސްމާއިލް ވާއިދު ބުންޏެވެ.
ހާވޭ ތޫފާންގައި އޮޔާ ދިޔަ މީހުން ހޯދައި ސަލާމަތްކުރުމުގައި ހިއުސްޓަންގެ އަހްމަދިއްޔާ މުސްލިމުން ކޮމިއުނިޓީން ހަރަކާތްތެރިވާއިރު އެ ޖަމާއަތުން މިހާރު ދަނީ ގެއްލުން ލިބުނު ގެތަކަށް އަނބުރާ ވަންނަމުންދާ މީހުންނަށް އެހީވުމުގެ ގޮތުން އެ ގެތައް ސާފުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
"މިއީ ވަކި ކަމެއް ހާސިލްކުރުމަށް އަހަރެމެން ކުރާ ކަމެއް ނޫން. އަހަރެމެން މިކަން މިކުރަނީ އިސްލާމްދީން އެކަމަށް އަމުރު ކުރައްވާފައި އޮތީމަ. މުސްލިމަކަށް ވީތީ އެހެން މީހުންނަށް އެހީވުމަކީ އަހަރެމެން ނަގަންޖެހޭ ޒިންމާއެއް،" މުސްލިމް ޔޫތު ޔޫއެސްއޭގެ މެމްބަރު ގާސިމް ރަނާ ބުންޏެވެ.
އަމަލީ ގޮތުން އެހީތެރިވުމުގައި ބައިވެރިވުމުގެ އިތުރުން އެމެރިކާގެ އެކި ސަރަހައްދު ތަކުގައި ދިރިއުޅޭ މުސްލިމުން ދަނީ ތޫފާންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފަންޑު ހޯދަމުންނެވެ. އެމެރިކާގެ ޑިޓްރޮއިޓްގެ އިސްލާމިކް އިންސްޓިޓިއުޓް އޮފް އެމެރިކާގައި ހަރަކާތްތެރިވާ މުސްލިމުން އީދު ފާހަގަކުރީ އެކަމުގައެވެ.
އެ ޖަމާއަތުގެ ލީޑަރު އިމާމް ހަސަން ގަޒްވިން ގަބޫލުކުރާ ގޮތުގައި، ބަރަކާތްތެރި ވެގެންވާ އީދު ދުވަހު ރެފިއުޖީންނަށް ނުވަތަ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީގެ އަތެއް ފޯރުކޮށްދިނުމަކީ ވެސް އޭގެ ޒާތުގައި އަޅުކަމެކެވެ.