ދިވެހި ރައްޔިތުންނަށާއި ދައުލަތަށާއި، އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ އަށް ބޭފުޅަކަށް، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އަރުވައިފިއެވެ.

ބެރު ދުންމާރި ތާޅަފިލީގައި މި ޢިއްޒަތް އެބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ދަރުބާރުގައި، ރަސްމީ ޢިއްޒަތުގަ އެވެ. ނިޝާބް އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އެރުވުނީ ހ. ހުޅުގަލި އިބްރާހީމް ޙުސައިން ޒަކީއާއި، ހ. ޒޮނޭރިއާ ކަރަންކާ އިބްރާހީމް ރަޝީދާއި، ގ. ހެލެނގެލި ޢަބްދުއްސައްތާރު މޫސާދީދީ އާއި، ގ. ނޫރާނީވިލާ މުއުމިނާ ޙަލީމާއި، ހެންވޭރު ބުރެވިމާގޭ މުޙަންމަދު ޒުހައިރާއި، ހ. މާގިރި ނަސީމާ މުޙަންމަދާއި، މ. ތާނގީދޮށުގޭ މުޙަންމަދު ނޫރައްދީނާއި، މ. ފެންފިޔާޒުގޭ މުޙަންމަދު ޒާހިރު ނަޞީރެވެ.

މީގެ އިތުރުން ދިވެހި ދައުލަތުގެ ޢިއްޒަތް ވެސް ހަބޭފުޅަކަށް މިއަދު އެރުވި އެވެ. އެއީ ހ. ވިލާޑިސޯސަން ޑރ. ޢަބްދުﷲ ޢަބްދުލްޙަކީމާއި، )އެންޑީ އަބްދުﷲ( އާއި މއ. މާންދޫވިލާ ޙަބީބާ ޙުސައިން ޙަބީބާއި، ހ. ޝަފީޤުގޭ އަޙްމަދު ޝަފީޤާއި، މ. ބަހީޖް ޕެލަސް ޙުސައިން ޢަބްދުﷲ )މަރޮށީ ޙުސައިން ކަލޭފާނު( އާއި، މ. ރުއްކަރަ މުޙަންމަދު ޢުމަރު މަނިކާއި، ހ. ސުނާރު ސިއްކަގޭ މުޙަންމަދު ނަސީމެވެ.
ޑރ. އެންޑީ ޢަބްދުﷲ އަށް އެރުވީ، ނިޝާން ރެހެންދީގެ ޝަރަފުގެ ޢިއްޒަތެވެ. ޙަބީބާ ޙުސައިން ޙަބީބަށާއި، މުޙަންމަދު ނަސީމަށް އެރުވީ، ނިޝާން ދިޔަމިގިލީ ޝަރަފްގެ ޢިއްޒަތެވެ. އަޙްމަދު ޝަފީޤަށާއި، މުޙަންމަދު ޢުމަރު މަނިކަށް އެރުވީ، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތެވެ. މަރޮށީ ޙުސައިން ކަލޭފާނަށް އެރުވީ، ނިޝާން ކަލާފާނުގެ ޝަރަފްގެ ޢިއްޒަތެވެ.