03 Sep 2017, 10:26
އާއިލާއެއްގައި ނަމޫނާއަކަށް ވާންޖެހޭނީ މައިންބަފައިންނެވެ. މުޖުތަމައުއެއްގައިނަމަ އިސް ރަށްވެހިންނެވެ. ގައުމެއްގައިނަމަ ވެރިންނެވެ. ކުރުން ލާޒިމް ކަމެއް ވެރިން ނުކުރާނަމަ ތިމާ ވެސް އެކަން ނުކުރުމަކީ މައްސަލައެއް ނޫން ކަމަށް ބައެއް މީހުން ދެކެއެވެ. ވެރިން ނަމޫނާ ބަޔަކަށް ވާންޖެހެނީ އެ ސަބަބާ ހެދިއެވެ. ރައްޔިތުންގެ ތެރޭގައި ނަމޫނާއަކަށް ނުވާ މީހަކަށް އަދަބު ދިން ވާހަކަ ދުވަހަކު ވެސް އަޑުއެހިން ހެއްޔެވެ؟ ހއ. މޮޅަދޫ ރައްޔިތުން އެކަންކޮށްފިއެވެ.
އީދު ނަމާދަށް ނުދާ މީހުންނަށް "އަދަބު ދިނުމަކީ" ޒަމާނުއްސުރެ އެރަށުގައި ކޮށްއުޅޭ ކަމެކެވެ. "އަދަބު ދިނުމުގެ ގޮތުން" އަނިޔާ ކުރަނީކީ ނޫނެވެ. އެކަންތައް ކުރިއަށް ދަނީ ހެއްވާ މަޖާ ގޮތަކަށެވެ. ރައްޔިތުން ކުރިމަތީގައި އެމީހަކު ލަދު ގަންނުވާލަނީއެވެ.
އާދަކާދައިގެމަތިން މިފަހަރުގެ އީދުގައި ވެސް ވަނީ އެ އަދަބު ދީފައެވެ. އީދު ނަމާދަށް ނުދިޔުމުގެ އަދަބު މިފަހަރު ލިބުނީ އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާދަމާއި އިތުރު ތިން ޒުވާނަކަށެވެ. އެ ރަށު ރައްޔިތުން ގޮސް އެ ހަތަރު މީހުން ގާޑިއަލަކަށް އަރުވައިގެން ގައިގައި ކުލަ އާއި އެކި އެއްޗިހި ހާކައިގެން ރަށުގެ އެކި މަގުތަކުގައި ހިންގުވުމަށްފަހު މޫދަށް އެއްލައިލިއެވެ.
"އީދު ނަމާދަށް ނުދާ މީހުންގެ ގެއަށް ގޮސް އެމީހުން ގާޑިއަލަކަށް އަރުވައިގެން ފިލުވަން އުނދަގޫ ކަހަލަ އެއްޗިހި ގައިގައި އުނގުޅުމަށްފަހު އެކި ކަހަލަ އަންބާ ކިޔަމުން އެ މީހަކު މުޅި ރަށުގައި ހިންގުވާނީ. އެއަށްފަހު މޫދަށް އެއްލާލަނީ. މީގަ އިއްޒަތްތެރިއެއް އާދައިގެ މީހެއް ނުބަލާނެ،" ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ކިޔައިދިނެވެ.

މޮޅަދޫގައި އީދު ނަމާދަށް ނުދާ ތިން ޒުވާނެއްގެ ގައިގައި ކުލަ ހޭކުމަށްފަހު ގާޑިއަލެއްގައި --- ފޮޓޯ: މޮޅަދޫ ކައުންސިލް
ނިޝާމް ވިދާޅުވި ގޮތުގައި އީދު ނަމަދަށް ނުދާ މީހާއާ މެދު އެފަދަ ގޮތަކަށް އަމަލު ކުރަނީ އޭނާ އަށް އަނިޔާއެއް ދިނުމުގެ ގޮތުން ނޫންނެވެ. ރަށުގެ އެހެން ރައްޔިތުންނަށް އިބުރަތަކަށެވެ. އީދު ނަމާދަށް ދިޔުމަށް ބާރު އެޅުވުމުގެ ގޮތުންނެވެ. ރަށުގެ އެންމެންނަކީ ވެސް އީދު ނަމާދަށްދާ ބައެއްގެ ގޮތުގައި ހެދުމުގެ މަގުސަދުގައެވެ.
އައްޝައިޚް އަހުމަދު ސަމީރު ވިދާޅުވި ގޮތުގައި އީދު ނަމާދަށް ދިޔުމަށް ބާރުއެޅުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރަސޫލާ ވެސް އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. އީދު ނަމާދަށް ދިޔުމަށް ބާރުއެޅުމުގެ ގޮތުން މޮޅަދޫ ރައްޔިތުން ކުރާ ކަހަލަ ކަމެއް ޝަރުއީ މިންގަނޑުގެ ތެރެއިން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.
"އީދު ނަމާދަށް ނުދިޔުމަކީ ގޯހެއް. އެއީ އޭނާ ނުދިޔައިމަ އިސްލާހު ކުރުމަށްޓަކައި ކުރެވޭ ކަމެއް ކަމަށް ވަންޏާ އެއީ މައްސަލައެއް ނޫން. އަދި އެފަދަ ކަމެއް ކުރަންވާނީ ޝަރުއީ އިމުގެ ތެރެއިން،" ޝައިޚް ސަމީރު ވިދާޅުވިއެވެ.