ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އިން ޔޫއެފާގެ ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިނުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެ ކްލަބުން ބުނެފިއެވެ.

ޕީއެސްޖީން އެފްއެފްޕީ ގަވާއިދާ ހިލާފުވިތޯ ބެލުމަށް ޔޫއެފާއިން ވަނީ ދާދި ފަހުން ތަހުގީގެއް ފަށައިފައެވެ. ޔޫއެފާއިން ތަހުގީގު ފަށާފައިވަނީ ދުނިޔޭގެ ރެކޯޑު އަގަކަށް (222 މިލިއަން ޔޫރޯއަށް) ބާސެލޯނާއިން ނޭމާ ގެނެސް، ލޯނު އެއްބަސްވުމެއްގެ ދަށުން މޮނާކޯއިން ކީލިއާން އެމްބާޕޭ ހޯދާފައި ވަނިކޮށެވެ.

މިސީޒަން ނިމެންދެން ޕީއެސްޖީގައި ފްރާންސް ފޯވަޑް އެމްބާޕޭ ހޭދަކުރާއިރު، ސީޒަން ނިމުމުން 180 މިލިއަން ޔޫރޯގެ އަގަކަށް ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އެމްބާޕޭ ގެނެވޭނެ ގޮތަށް މޮނާކޯއާ ދެމެދު އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ޔޫއެފާގެ ތަހުގީގާ ގުޅިގެން ޕީއެސްޖީން ބުނީ، މިސީޒަންގެ ނިޔަލަށް ބަލާނަމަ އެފްއެފްޕީގެ ގަވާއިދާ ހިލާފު އެއްވެސް ގޮތަކަށް އެ ކްލަބުން އަމަލުކޮށްފައި ނުވާނެ ކަމަށާއި މިސީޒަންގައި ޕީއެސްޖީން ހޯދަމުންދިޔަ ކުޅުންތެރިންގެ ތަފްސީލުތައް ޔޫއެފާ ފައިނޭޝަލް ފެއާ ޕްލޭ ޓީމާ ހިއްސާ ކުރަމުން ގޮސްފައިވާނެ ކަމަށެވެ.

"ޕީއެސްޖީން މިއަހަރު ކުރިއަށް ގެންގޮސްފައިވާނީ ފެއާ ޕްލޭ ފައިނޭންޝަލް ގަވާއިދާ އެއްގޮތަށް. އަހަރެމެން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންގޮސްފައިވާ ހުރިހާ މުއާމަލާތްތަކެއް ޔޫއެފާއަށް ވަރަށް ރަނގަޅަށް އެނގޭނެ. ޔޫއެފާއަކީ ފާއިތުވެދިޔަ ހަ އަހަރު ދުވަސްތެރޭ މި ކްލަބާ ވަރަށް ރަނގަޅު ގުޅުމެއް އޮންނަ، މި ކްލަބުން ވަރަށް އިތުބާރުކުރާ މުއައްސަސާއެއް،" ޕީއެސްޖީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެސްޖީން ނޭމާގެ ސޮއި ހޯދިތާ 20 ދުވަސް ފަހުން ޕީއެސްޖީއާއި ޔޫއެފާގެ ޓީމަކާ ދެމެދު ޔޫއެފާގެ ހެޑްކުއާޓާސްގައި ބައްދަލުކޮށްފައިވެއެވެ. ތިން ގަޑިއިރަށް ދިގުދެމިގެންދިޔަ އެ ބައްދަލުވުމުގައި ޕީއެސްޖީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖިއާން ކްލައުޑް ބްލޮންކްއާއި ޔޫއެފާގެ އެފްއެފްޕީ ވެރިޔާ އަންދްރޭ ޓްރަވާސޯ ބައިވެރިވެފައިވެއެވެ.

ޕީއެސްޖީން މީގެ ކުރިން އެފްއެފްޕީ ގަވާއިދާ ހިލާފުވުމުން 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކްލަބާމެދު ޔޫއެފާއިން ވަނީ ފިޔަވަޅު އަޅައިފައެވެ. އެފަހަރު 60 މިލިއަން ޔޫރޯއަށް ޕީއެސްޖީ ޖޫރިމަނާ ކުރި ނަމަވެސް، ފަހުން ޖޫރިމަނާގެ އަދަދު 20 މިލިއަން ޔޫރޯއަށް ވަނީ ކުޑަކޮށްދީފައެވެ. އޭގެ އިތުރުން އަދަބެއްގެ ގޮތުގައި 15-2014 ސީޒަނުގައި ޕީއެސްޖީގެ ޔޫއެފާ ޗެމްޕިއަންސް ލީގު ސްކޮޑުގައި ހިމެނޭނެ ކުޅުންތެރިންގެ އަދަދު 21އަށް ވަނީ ކުޑަކޮށްފައެވެ.