އަޟްހާ އީދާ ދިމާކޮށް، މާލެއިން ފުރައިގެން އަތޮޅުތެރެއަށް ދާން އުޅުނު ކަނޑު އުޅަނދުތަކުގެ ތެރެއިން 19 އުޅަނދެއްގެ ސަލާމަތީ ކަންކަން ފުރިހަމަ ނުވާތީ، އެ އުޅަނދުތައް ހުއްޓުވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ބޮޑު އީދާ ދިމާކޮށް، ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށްޓަކާ ފެށި އޮޕަރޭޝަންގައި 92 އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ އުޅަނދުތަކުގެ ތެރެއިން 63 އުޅަނދެއްގައި، ސަލާމަތީގޮތުން ހުންނަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅިފައިހުރި ކަމަށެވެ.

ކަނޑުއުޅަނދުތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަން އެމްއެންޑީއެފުން ފަށާފައި ވަނީ ފަށާފައި މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ. "އޮޕަރޭޝަން އަޟްހާ"ގެ ނަމުގައި ކޯސްޓްގާޑުން ފެށި އެ އޮޕަރޭޝަން މިއަދުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކަނޑު އުޅަނދުތައް ބަލައި ފާސްކުރުމަށް އެމްއެންޑީއެފުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަކޮށްފައި ހުރިތޯ ވަނީ ބަލާފަ އެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި، އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމާއި އަދި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެހެން ބައެއް ފިޔަވަޅުތައް އަޅާފައިވޭތޯ ވެސް ބަލާފައިވެއެވެ.

އެ އޮޕަރޭޝަންގެ ތެރެއިން، ޢީދު ބަންދު ނިމިގެން އެނބުރި މާލެއަށް އަންނައިރު ވެސް ބަނދަރު ސަރަހައްދުންނާއި ކަނޑުމަތިން އެމްއެންޑީއެފް ކޯސްޓްގާޑުން އުޅަނދުތައް ބަލައި ފާސްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.