03 Sep 2017, 09:29
އަޟްހާ އީދަކީ ހުރިހާ ރަށަކަށް ލިބޭ ޗުއްޓީ އެކެވެ. ބޮޑު އީދޭ ކިޔަނީ ބޮޑު ޗުއްޓީއަކަށް ވާތީ އެވެ. މި އީދަކީ ގިނަ ބަޔަކު ދުރާލާ ރާވައިގެން ކުޅިވަރުތައް ކުޅޭ އީދެކެވެ. ބޮޑު ތިލަދުންމައްޗަކީ އީދު ކުޅިވަރުތަކުގެ ފޯރި ގަދަ ސަރަހައްދެކެވެ. "ސަން"އިން ބެލިބެލުމުން ބޮޑުތިލަދުންމަތީގައި އެންމެ ގިނައިން އީދު ކުޅިވަރުތައް މިފަހަރު ބާއްވަނީ ހއ. މޮޅަދޫ އާއި ހދ. ކުޅުދުއްފުށީގެ އިތުރުން ހއ. ކެލާގަ އެވެ.
ކުޅިވަރުގެ ފޯރިގަދަވެފައި، ހަރަކާތް ގިނައީ މޮޅަދޫގައި
މޮޅަދޫގައި އީދު ކުޅިވަރުތައް ފެށިގެން ދިޔައީ އީދު ނަމާދަށް ފަހު އެވެ. އީދު ނަމާދަށް ފަހު ރަށުގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ސަޔަށް އިންސާފު ކުރުމާ ހަމައިން އެކަން ފެށުނީ އެވެ. މި އީދުގައި ވެސް އެކަން ކުރިއަށްދިޔަ އެވެ.
"އީދު ނަމާދަށް ފަހު، ނަމާދަށް ދިޔަ އެންމެން ރަށުގެ ހުރިހާ ގެތަކަށްދާނެ. މިއީ ޒަމާނުއްސުރެ އޮންނަ ކަމެއް. އަޅުގަނޑުމެން އެންމެ ކުޑައިރުން ފެށިގެން ވެސް އޮންނަ ކަމެއް މިއީ. ކޮންމެ ގެއެއްގައި ވެސް ހުންނާނެ ކޮންމެ ވެސް ކާ އެއްޗެއް،" މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވި އެވެ.
މޮޅަދުއަކީ އާބާދީގައި މީހުން މަދު ރަށެކެވެ. ރަށުގެ އާބާދީ އަކީ 376 މީހުން ކަމުގައި ވިޔަސް ރަށުގައި ދިރިއުޅެނީ 200 ވަރަކަށް މީހުންނެވެ. ނަމަވެސް މުޅި ބޮޑު ތިލަންދުން މަތިން ވެސް އެންމެ ފާހަގަކޮށްލެވޭ، އީދުގެ ހަރަކާތްތައް ކުރިއަށްގެންދާ އެއް ރަށަކީ މޮޅަދޫ އެވެ.
ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް މުޅިން ތަފާތު ކަމެއް އީދުގައި އެ ރަށުގައިކޮށް އުޅެ އެވެ. އީދު ނަމާދަށް ނުދާ މީހުންނަށް "އަދަބު ދެނީ"އެވެ. "އަދަބު ދިނުމުގެ ގޮތުން" އަނިޔާ ކުރަނީކީ ނޫނެވެ. އެކަންތައް ކުރިއަށް ދަނީ ހެއްވާ މަޖާ ގޮތަކަށެވެ.
"އީދު ނަމާދަށް ނުދާ މީހުންގެ ގެއަށް ގޮސް އެމީހުން ގާޑިއަލަކަށް އަރުވައިގެން ފިލުވަން އުނދަގޫ ކަހަލަ އެއްޗިހި ގައިގައި އުނގުޅުމަށް ފަހު އެކި ކަހަލަ އަންބާ ކިޔަމުން އެމީހަކު މުޅި ރަށުގައި ހިންގުވާނީ. އެއަށް ފަހު މޫދަށް އެއްލާލަނީ. މީގައި އިއްޒަތްތެރިއެއް އާދައިގެ މީހެއް ނުބަލާނެ،" ނިޝާމް ކިޔައިދިނެވެ.
އީދުގެ ފުރަތަމަ ދުވަހު އެރަށުގައި ދެން އޮންނަ ޚާއްސަ ކަމަކީ މެންދުރު ނަމާދަށް ފަހު ރަށުގެ ހުރިހާ ރައްޔިތުން ބޮޑު ޖަމާއަތުގައި ކެއުމެވެ.
މޮޅަދޫގައި ކުރިއަށްދިޔަ ބޮޑު ޖަމާއަތުގެ ކެއުމުގެ ތެރެއިން --- ފޮޓޯ: މޮޅަދޫ ކައުންސިލް
"މެހުމާނުންގެ ގޮތުގައި ރަށަށް ވަޑައިގަންނަވާ ފަރާތްތަކުން ވެސް ބޮޑު ޖަމާއަތުގެ ކެއުމުގައި ބައިވެރިވާނެ. ފުރަތަމަ ފިރިހެންވެރިން ކައި ނިމުނީމާ ދެން އަންހެންވެރިން ކާނީ. މީގައި ކުޑައެއް ބޮޑެއް ނޯންނާނެ. ހުރިހާ އެންމެން ވެސް ބައިވެރިވާނެ،" ކައުންސިލްގެ ރައީސް ނިޝާމް ވިދާޅުވި އެވެ.
އެރަށުގައި ކުރިއަށްދާ އިތުރު ކުޅިވަރުތަކުގެ ތެރޭގައި ތިންމުއްގޯލި، ބޮޑު މާލި، ބޮޑު މަސް ދުއްވުން، ސްޓޭޖް ހަރަކާތްތަކާއި ކާނިވަލުގެ ހަރަކާތްތައް ހިމެނެ އެވެ. ކާނިވަލުގައި ގިނަ ހަރަކާތްތަކެއް އޮންނައިރު އޭގެތެރޭގައި ކުޑަކުދިންގެ ހަވީރެއް ވެސް އޮވެ އެވެ.
މޮޅަދޫގައި ކުރިއަށް ދިޔަ އީދު ކުޅިވަރުތަކުގެ ތެރެއިން --- ފޮޓޯ: މޮޅަދޫ ކައުންސިލް
މޮޅަދޫގައި ކުރިއަށްގެންދާ ހަރަކާތްތައް ބެލުމަށް ޝައުގުވެރިކަމާ އެކު ގިނަ ބަޔަކުދާ ކަމަށް ކައުންސިލުން ބުންޏެވެ.
ކުޅުދުއްފުށި ހާއްސަ ވަނީ ފުޅަދުބުރާ އެކު ނެރުނު މާލިތަކުން
ބޮޑު ތިލަދުންމަތީގެ މައި ތަނބު ކަމަށްވާ ކުޅުދުއްފުށީގައި ކޮންމެ އީދެއްގައި ވެސް ހަރަކާތްތަކެއް ކުރިއަށްގެންދެ އެވެ. އެ ރަށުގައި ގެންދާ އެއް ކުޅިވަރަކީ މާލި އެވެ. ނަމަވެސް މުޅިން ތަފާތު ގޮތަކަށެވެ. އެރުގައި މާލީގެ ކުޅިވަރު ގެނެސްދެނީ ފުޅަނދުބުރުތަކެއްގެ ގޮތުގަ އެވެ. އެ ފުޅަނދުބުރުތައް ހަދާފައި ވަނީ އިބްރަތްތެރި މެސެޖުތަކެއް ލިބޭ ފަދަ ގޮތަކަށެވެ.
އެރަށުގައި ކުރިއަށްދާ އެހެން ހަރަކާތްތަކުގެ ތެރޭގައި ދަފި ނެގުމާއި ހިއްޗަށް ވަޑައިގަތުމާއި ރާނީ ހިނގުން ފަދަ ސަގާފީ ކުޅިވަރުތައް ހިމެނެ އެވެ. މީގެ އިތުރުން އެ ރަށުގެ ބޮޑުބެރު ގްރޫޕްތަކުން ބޮޑުބެރުގެ ޚާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދެ އެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ އީދު ކުޅިވަރުގެ ތެރެއިން ދަފިނެގުން ކުރިއަށްދަނީ --- ފޮޓޯ: އައިވެލް ޕޯޓްރެއިޓް
ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވި ގޮތުގައި އެ ރަށުގައި ކުރިއަށްދާ އީދު ކުޅިވަރުތައް ބެލުމަށް ރަށުން ބޭރުން ގިނަ އަދަދެއްގެ ބަޔަކު އަބަދު ވެސް އެ ރަށަށްދެ އެވެ. އެހެން އަހަރުތަކޭ އެއްގޮތަށް މިފަހަރުގެ އީދުގައި ވެސް ކުޅިވަރުތައް ކުރިއަށްދަނީ ވަރަށް ފޯރި އާއި ޖޯޝުގަ އެވެ. ނަމަވެސް ވިއްސާރަވުމުގެ ސަބަބުން އެންމެ ބޭނުންވާ ގޮތަށް ބައެއް ކުޅިވަރުތައް ނުގެންދެވޭ ކަމަށް ހާޝިމް ވިދާޅުވި އެވެ.
އަންހެނުންނާއި ފިރިހެނުންގެ ވާދަވެރިކަން އޮތީ ކެލާގައި
ކޮންމެ އީދެއް އައުމުގެ ކުރިން ކެލާގެ ރައްޔިތުން އީދު ކުޅިވަރުތަކަށް ދުރާލާ ތައްޔާރުވެ އެވެ. ބޮޑެތި ތައްޔާރީތަކާ އެކު ރަށު ފެންވަރުގައި އީދުގެ ހަރަކާތްތައް ނުގެންދާ އަހަރެއް ހަނދާނުގައި ނެތް ކަމަށް ކެލާ ކައުންސިލް މެމްބަރު އައިޝަތު މިޒްނާ ވިދާޅުވި އެވެ.
ކެލާ އިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އީދު ބޮނޑި އެވެ. އީދު ނަމާދަށް ފަހު ދެން ރަށު ރައްޔިތުން ދަނީ އީދު ބޮނޑި ކެއުމަށެވެ.

ކެލާގައި ކުރިއަށްދިޔަ އީދު ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: އައިލެންޑް އޮފް ބިއުޓީ ކެލާ
"ކޮންމެ ގެއަކުން ވެސް އީދު ބޮނޑި ތައްޔާރުކޮށްގެން ގެންދާނެ. މިފަހަރު އީދު ބޮނޑި ކެއުން އޮތީ ޔޫތު ސެންޓަރުގައި،" ކެލާ ކައުންސިލްގެ ނައިބު ރައީސް އާމިނަތު އިސްމާއިލް ވިދާޅުވި އެވެ.
ގޭގެއަށް ޒިޔާރަތްކުރުމަކީ ވެސް ކެލާގައި އޮންނަ ކަމެކެވެ. ނަމަވެސް އެރަށުގައި ޒިޔާރަތްކޮށް އުޅެނީ އާއިލީ ގެތަކަށެވެ. އެއީ އާއިލީ ގުޅުންބަދަހި ކުރުމަށް އެ ރަށު މީހުން ކޮށްއުޅޭ ކަމެކެވެ.

ކެލާގައި ކުރިއަށްދިޔަ އީދު ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: އައިލެންޑް އޮފް ބިއުޓީ ކެލާ
އެ ރަށުގައި އީދުގެ ފުރަތަމަ ދުވަސް ޚާއްސަ ވަނީ ފިރިހެނުންނަށެވެ. ފުރަތަމަ ދުވަހު ކުރިއަށްދަނީ ފިރިހެނުންގެ ކުޅިވަރުތަކެވެ. ފިރިހެނުންގެ ޚާއްސަ މަލިކު ދަނޑި، ބޮޑުމަސް ދުއްވުން، މާލި ނެށުން، ދަފިނެގުން، މަންޑި ކުޅުން، ވާދެމުން ފަދަ ކުޅިވަރުތަކީ މި އީދުގައި އެރަށުގައި ކުރިއަށްދާ ކުޅިވަރުތަކެކެވެ.