26 Jul 2011, 11:16
ރިޔާޒް (ޖުލައި 26) : ސައޫދީ އަރަބިޔާއިން 30 މިލިޔަން އެމެރިކާ ޑޮލަރުގެ ކުއްލިއެހީއެއް ފަލަސްތީނަށް ދީފިއެވެ.
ސައޫދީ އަރަބިޔާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ޖަމާލްއައްޝުބްކީ ވިދާޅުވީ ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ މާލީ އެކައުންޓްތަކަށް 30 މިލިޔަން އެމެރިކާ ޑޮލަރު ޖަމާކޮށްދީފިކަން ސައޫދީ ސަރުކާރުން އޭނާއަށް ލިޔުމުން އަންގާފައިވާ ކަމުގަ އެވެ.
މި 30 މިލިޔަން އެމެރިކާގެ ޑޮލަރުގެ ބައެއް ޙަމާސްޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ޣައްޒާގެ ވެރިކަމުގެ އިދާރާގެ އެކައުންޓްތަކަށްވެސް ޖަމާކުރެވޭނެކަން ސަޢުދީ ސަރުކާރުގެ ލިޔުމުގައި ވާކަން އޭނާ ހާމަކުރެއްވިއެވެ.
ސައޫދީން ފަލަސްތީނަށް 30 މިލިޔަން ޑޮލަރުގެ އެހީ މިދިނީ ފަލަސްތީނުގެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަދެވޭ މިންވަރަށްވެސް ފައިސާނެތިގެން މުސާރައިގެ ދެބައިކުޅަ އެއްބައި ދެމުންގެންދާ ދުވަސްވަރެއްގައެވެ. އެހެންކަމުން ސަޢޫދީގެ މިއެހީގެ ސަބަބުން ފަލަސްތީނަށް ކުރުމުއްދަތެއްގެ މާލީ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޖަމާލް ވިދާޅުވިއެވެ. (އަލްޖަޒީރާ)