ނައިރޯބީ (ސެޕްޓެމްބަރު 2): ކެންޔާގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ކުށްވެރިން ކަމަށް އެއިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އުހުރޫ ކެންޔައްޓާ ވިދާޅުވެއްޖެ އެވެ.

ކެންޔާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލު ކުރީ އެ އިންތިހާބު ބާއްވާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އެވެ. އެ ނިންމުމަށް ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުން ތާއިދު ކުރެއްވި އެވެ.

ކެންޔާގެ ރައީސް ކަަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި ކެންޔައްޓާ ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށާއި، އެނިންމުމުގެ ސަބަބުން ހަމަނުޖެހުން ނުހިންގުމަށް ގޮވާލައްވާފަ އެވެ. ނަމަވެސް ފަހުން ނައިރޯބީގައި އޮތް ރެލީއެއްގައި ވާހަކަދައްކަވަމުން ކެންޔައްޓާ ވަނީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރި ފަނޑިޔާރުންނަކީ ކުށްވެރިން ކަމަށް ވިދާޅުވެފަ އެވެ.

އަދި އެފަނޑިޔާރުން އަމަލު ކުރައްވާގޮތް ވަރަށް ގާތުން ބައްލަވާނެ ކަމަށާއި، މިހާރު އިސްކަންދޭނީ ދެން އޮތް ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރަން ކަމަށް ކެންޔައްޓާ ވިދާޅުވި އެވެ. ކެންޔާގައި އާ ރިޔާސީ އިންތިހާބެއް ބޭއްވުމަށް ސުޕްރީމް ކޯޓުން ވަނީ 60 ދުވަހުގެ މުހުލަތެއް ދީފަ އެވެ.

ސުޕްރީމް ކޯޓުގެ އެނިންމުމާއެކު ރިޔާސީ އިންތިހާބުގައި ކެންޔައްޓާއާ ވާދަ ކުރެއްވި ރައިލާ އޮޑިންގާ އާއި އޭނާއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ މީހުން ވަނީ އުފާ ފާޅުކޮށްފަ އެވެ. ގާތްގަނޑަކަށް 1.4 މިލިއަން ވޯޓުގެ ތަފާތަކުން ބަލިވި އޮޑިންގާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާ ވަނީ އޮޅުވާލައިފަ އެވެ.

ނަމަވެސް އެއިންތިހާބު މޮނިޓާ ކުރުމަށް ފަހު އީޔޫ އާއި އެފްރިކަން ޔޫނިއަން އާއި އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި ވޯޓަށް ހުރަސް އެޅުމާއި، އޮޅުވާލުން ފަދަ ހާދިސާއެއް ހިނގާފައި ނުވެ އެވެ. (ބީބީސީ)