ބަނގުރާ ބޮއެގެން ހުރެ ކާރު ދުއްވި މައްސަލަކާ ގުޅިގެން އެވަޓަންގެ ފޯވާޑް ވޭން ރޫނީގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އެ މައްސަލައާ ގުޅިގެން ރޫނީ ހައްޔަރު ކޮށްފައި ވަނީ ރޭ ވިލްމްސްލޯވްގެ އަލްޓްރިންޗަމް މަގުންނެވެ. އޭރު އޭނާ ދުއްވަމުން ދިޔައީ ކަޅު ވީޑަބްލިއު ބީޓަލް ބްރޭންޑުގެ ކާރެކެވެ.

އުމުރުން 31 އަހަރުގެ ރޫނީގެ މައްޗަށް ފުލުހުން އުފުލާފައިވާ ދައުވާ އަކީ މަސްތުގެ ހާލަތުގައި ހުރު ދުއްވަން ޖެހޭ ލިމިޓަށް ވުރެ ބާރަށް ދުއްވި ކަމުގެ ދައުވާ އެވެ.

ރޫނީ ހައްޔަރު ކުރި ނަމަވެސް ކާފަލާގެ ދަށުން މިހާރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އަދި އެ މައްސަލައިގެ އަޑު އެހުމަށް މި މަހުގެ 18 ވަނަ ދުވަހު ސްޓޮކްޕޯޓް މެޖިސްޓްރޭޓު ކޯޓަށް ހާޒިރުވާން ރޫނީ އަށް ވަނީ އަންގައިފަ އެވެ.

އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް ފުޓުބޯޅަ ކުޅުން ހުއްޓާލާފައިވާ ރޫނީ އަކީ އެ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ އެވެ.

ރޫނީ ވަނީ މި ޓްރާންސްފާ މާކެޓުގައި 13 އަހަރަށް ފަހު މެންޗެސްޓަ ޔުނައިޓެޑް ދޫކޮށް އޭނާ ފުޓުބޯޅަ ކެރިއަރު ފެށި ކްލަބު ކަމަށްވާ އެވަޓަންއަށް ބަދަލުވެފަ އެވެ.

މައުލޫމާތު: ބީބީސީ