26 Jul 2011, 10:53
ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުވުމަށް ފަހު ފުރަތަމަ ވެރިކަން ކުރެއްވި މުހައްމަދު އަމީން ދީދީގެ ވެރިކަމުގެ ވައްޓަފާޅިއާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ބުނާކަށް ނެތީމެވެ؛ ތަފާތު ސަބަބުތަކާ ހުރެ އެވެ. ނަމަވެސް އޭގެ ފަހުގެ ތިން ވެރިންގެ ޕޮލިސީއާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާލާނަމަވެ.
ފުރަތަމަ އިބްރާހީމް ނާސިރެވެ. ވޯރާ ވިޔަފާރިވެރިންގެ އަތުން ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށްދެއްވީ، 1965 ވަނަ އަހަރު އިނގިރޭސިންގެ އަތުން ރާއްޖެ މިނިވަންކޮށްދެއްވި ނާސިރެވެ. ކޮންޓްރޯލް ކުރެވިފައިވާ މާހައުލެއްގައި އަދި ނާސިރު ވެސް ވިޔަފާރި ކުރައްވަމުން އޭނާ ގެންގުޅުއްވީ ވައްތަރެއްގެ އޯޕަން މާކެޓް އެކޮނަމީއެއް ކަމަށް ބައެއް ފަރާތުން ބުނެފާނެ އެވެ. ނަމަވެސް އެއީ މުޅިން ފްރީމާކެޓް އެކޮނަމީއެއް ކަމަށް ބުނުމަކީ ހަމަ ޔަގީނުން ވެސް ކުށް ބަހެކެވެ. އެކަމަކު ނާސިރަކީ ވިޔަފާރިއަށް ލޯބި ކުރައްވާ، ދިވެހިންގެ އިގްތިސާދު ދިވެހިންގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް ލޯބި ކުރެއްވި ބޭފުޅެއްކަމާ މެދު ދެބަސްވާނެ މީހަކު ހުންނާނެ ހެނެއް ހިއެއް ނުވެ އެވެ. ބޮޑު ވަޒީރުކަމާއި ރައީސް ކަމާ އެކު ނާސިރު ރާއްޖޭގެ ވެރިކަން 20 އަހަރު ކުރެއްވުމަށް ފަހު ވެރިކަމުން ފައިބައިވަޑައިގަތް އިރު، ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރައްވައި، އިގްތިސާދީ މިނިވަންކަމުގެ ބިންގާ އަޅުއްވައި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވައިފައިވެ އެވެ.
އެއަށް ފަހު ފެށުނީ މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމެވެ. މައުމޫން ވެސް ރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ޓޫރިޒަމްގެ މައްޗަށް ފުޅާކުރައްވައި ރާއްޖޭގެ އިގްތިސާދު ދިވެހިންގެ އަތްމަތީގައި ބޭއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި ދިވެހި އިގްތިސާދުގެ ތެރެއަށް ކޮންޓްރޯލެއް ނެތް ވަރަކަށް ބޭރުގެ ނުފޫޒުތަކަށް ތޮރުފުމުގެ ފުރުސަތެއް ނުދެއްވި އެވެ. ނާސިރުގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ އަމިއްލަ ބަހަށް ލިބިފައިވާ ހީނަރުކަން އަނބުރާ އިޔާދަ ކުރެއްވުމަށް މަސައްކަތްތަކެއްކުރައްވައި ގައުމިއްޔަތު ދިރުވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި އިސްލާމީ ތަރަހައެއްގެ ތެރޭގައި ސޯޝަލިޒަމާއި ފްރީމާކެޓް އެކޮނަމީގެ މަސްހުނި ނިޒާމެއްގެ ތެރެއިން ރާއްޖެއަކީ ފަގީރު ގައުމުތަކުގެ ލިސްޓުން ތަރައްގީވެފައިވާ ގައުމެއްގެ އުސްމިނަށް ރާއްޖެ އުފުލާލެއްވި އެވެ. މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުނު އިރު، ރާއްޖޭގެ ރައްޔިތުންގެ އަތުން ސިޔާސީ އަދި އިގްތިސާދީ މިނިވަން ކަމެއް ނުގެއްލެ އެވެ. އަދި އެ މިނިވަންކަމަށް ބޭރުބަޔަކަށް އަރައިގަތުމުގެ ފުރުސަތެއް ވެސް ނުދެއްވި އެވެ. މައުމޫންގެ ވެރިކަން ނިމުނު އިރު އާ ގާނޫނު އަސާސީ އަކާ އެކު، ދިވެހިންނަށް ވަނީ ފުރިހަމަ އަށް ފަރުދީ މިނިވަންކަން ހޯދައިދީފަ އެވެ.
މީގެ ދޭއްބައި އަހަރު ކުރިން މުހައްމަދު ނަޝީދުގެ ވެރިކަން ފަށައިގަތީ ޑިމޮކްރަޓިކް ވެރިކަމެއްގައި ހުރި ފޮނި މީރުކަން ދިވެހިންނަށް ދައްކުވައިދެއްވާނެ ކަމުގެ ފޮނި ވައުދާ އެކު އެވެ. ނަމަވެސް އެކަން އަދި ޖެހޭނީ ތަޖުރިބާ ކުރާށެވެ. ނަޝީދުގެ އިގްތިސާދީ ސިޔާސަތަކީ ސެންޓަރައިޓް ސިޔާސަތެއް ކަމަށް ފާޅުގައި އިއުލާން ކުރެއްވި އެވެ؛ މާނައަކީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްގެ މައްޗަށް، އެކަމަކު ސަރުކާރުން ވިޔަފާރިނުކޮށް، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ސިޔާސަތެއް ބިނާ ކުރުމެވެ. ނަޝީދުގެ ކެމްޕެއިން ސުޕީޗެއްގައި އެމަނިކުފާނުގެ ވެރިކަމެއްގައި، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ ނޯންނާނެ ކަމަށް ވިދާޅުވި އެވެ. ނަޝީދުގެ ސިޔާސަތަކީ ސޯޝަލިޒްމްގެ އުސޫލުން ހިންގާ ވެރިކަމެއްތޯ ނޫނީ އެކިޔާ ސެންޓަރައިޓް ސިޔާސަތެއްތޯ އަދި އޮޅުން ފިލާވަރެއް ނުވެ އެވެ. ބޮޑަށް ވައްތަރީ މައުމޫން ގެންގުޅުއްވި މަސްހުނި، އަދި ސޯޝަލިސްޓް އުސޫލަކާ އެއްގޮތަށް ހިންގާ ނިޒާމަކާ އެވެ.
ރަނގަޅު ވާހަކަ އެކެވެ. ނަޝީދުގެ ވެރިކަމަށް އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. ނަމަވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެއްކަމެއް ވަރަށް ރަނގަޅަށް އެބަ ސާބިތުވެ އެވެ. އެއީ ނާސިރު ހޯއްދަވައިދެއްވި އަދި މައުމޫންގެ 30 އަހަރުގެ ތެރޭގައި ވެސް ދިވެހިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ވިޔަފާރި ސިޔާސަތު- ހަރުދަނާ ފިޔަވަޅެއް ނޭޅިއްޖެ ނަމަ- ބޮލާ ފޮށާއެޅި ދިވެހިންގެ ކޮންޓްރޯލް ގެއްލުމުގެ ހުރިހާ ކޮޅުމައްޗެއް އެބަފެނެ އެވެ.
ސަރުކާރަކަށް ރައްޔިތުންނަކަށް ކޮންމެ ފަހަރަކު ކާންބޯންދޭން ވިސްނުމަކީ މޮޔަ ވިސްނުމެއް ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ބުނެ އެވެ. އަދި ސުނާމީ ފަދަ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަބަދު ކާން ދިނުމުގެ ބަދަލުގައި އެފަދަ ފަރާތްތަކަށް، މަހަށް ދިޔުމަށް ދޮއްޓެއް ދިނުން ވެސް އެ އަށްވުރެ ބޮޑަށް ރަނގަޅުވާނެ ކަމަށް އިގްތިސާދީ މާހިރުން ބުނަނީ އެހެންވެގެންނެވެ. އެ ސަބަބުތަކާ ހުރެ ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ހޯދައި ދިނުމަށް، މިނިވަން ވިޔަފާރިއެއް އެކަމަކު އެ ވިޔަފާރި ދިވެހިންގެ އަތްމަތީގައި ބޭއްވުމަށް ބާރު އަޅަން ޖެހެ އެވެ. އަދި އެ ސިޔާސަތު ކުރިއަށް ނެރޭ ފަރާތްތަކަށް އިސްކަންދޭން ޖެހެ އެވެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތަކީ ވަކި ބަޔަކަށް މަންފާވާ ގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތެއް ނަމަ އޭގެ ހިތި ރަހަ އެންމެންގެ ކަރުބުޑުގައި ލާނެކަން ހަނދާން ކުރަން ޖެހެ އެވެ. ގައުމުގެ އިގްތިސާދީ ސިޔާސަތަކީ ކުޅޭކުޅޭ އެއްޗެއް ނޫނެވެ؛ އެ އަށް ޓެސްޓް ކުރުމަށް ޖާގަދެވޭކަށް ނެތެވެ. އަނގަޔާއި އަތާ ދިމާނުވެ ޑިމޮކްރަސީ އަށަނުގަންނާނެކަން ހަނދާން ކުރަން ޖެހެ އެވެ.