01 Sep 2017, 18:44
ފެހި ގާނޫނުއަސާސީ އައި ފަހުން ކްރިމިނަލް ކޯޓުގައި ބަންދު މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ދުވަހަކަށް މިއަދު ވެއްޖެ އެވެ.
ފުލުހުން ހައްޔަރު ކުރާ މީހުންނާއި، ފުލުހުންގެ ބަންދުގައި ތިބެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މީހުން ކޮންމެ ދުވަހަކުވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރެ އެވެ. ނަމަވެސް މިއަދު މިވީ ކްރިމިނަލް ކޯޓަށް ބަންދު ދުވަހަކަށެވެ.
މިއަދު ބަންދުގެ މުއްދަތަށް އެއްވެސް މީހަކު ކޯޓަށް ނުގެންނަކަން 'ސަން' އަށް ވަނީ ކަށަވަރުވެފަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުކޮށް 40 ނުވަތަ 25 މީހުން ކޮންމެ ދުވަހަކު ކްރިމިނަލް ކޯޓަށް ހާޒިރުކުރެއެވެ. ނަމަވެސް އިޖުރާއަތު ގާނޫނު އައިފަހުން އާންމުކޮށް ހާޒިރު ކުރަނީ 10 ނުވަތަ 12 މީހުންކަން އެނގިފައިވެ އެވެ.
ބަންދުގެ މުއްދަތަށް ހާޒިރުކުރާ މީހުން މަދުވާ ސަބަބެއް ކަމަށް ބެލެވެނީ އިޖުރާއަތު ގާނޫނު އައި ފަހުން ބަންދުގެ މުއްދަތު ޖަހަން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަދަލު އައުމެވެ. އެގޮތުން ކުދި ކުށްތައް ކުރާ ފަރާތްތައް ޝަރުތުތަކާއެކު ދޫކޮށްލުމުގެ ފުރުސަތު ފަހިވުމާއި ކަފާލާތުގެ ދަށުން މީހުން މިނިވަން ކުރުމުގެ ފުރުސަތު އިޖުރާއަތު ގާނޫނުން ފަހިވެފައި އޮތްކަން ފާހަގަކޮށްލަން ޖެހެ އެވެ.
އަދި ބޮޑެތި ކުއްތަށް ކުރާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޚްތިޔާރު އިޖުރާއަތު ގާނޫނުން ކޯޓުތަކަށް ލިބިގެންވެ އެވެ.