01 Sep 2017, 20:00
ދިވެހި ވާހަކަތައް ކިޔުމަކީ އަބަދުވެސް ދިވެހިން ވަރަށް ޝައުގުވެރިކަމާއެކު ކުރަމުން އަންނަ ކަމެކެވެ. އޮންލައިން ވާހަކަ ވެބްސައިޓްތަކަށް ބަލައިލި ކަމުގައި ވިޔަސް މިކަން ވަރަށް ރަގަޅަށް ހާމަވެގެން ދެއެވެ.
ވާހަކައިގެ އެޕިސޯޑް ގެންނަން އޮންނަ ދުވަހު އެ ވާހަކަގައިގެ ބައި ނުގެނެސް ދިނުމުން ވަރަށް މައްސަލަވެސް ގޯސްވެއެވެ. ނުނިދާ ތިބެ ވާހަކައިގެ އާ ބަޔަކަށް އިންތިޒާރު ކުރުމަކީ މިއަދު ގިނަ ބައެއްގެ ގައިގައި އަށަގަނެފައިވާ އާދައެކެވެ.
ދިވެހި ލިޔުންތެރިކަމަކީ ވަރަށް މުއްސަނދި އެއްޗެކެވެ. ދިވެހި ވާހަކަ ކިޔަން ގިނަ ބަޔަކު ފޯރި ހިތްޕާލާފައި ވީނަމަވެސް ހިތާމައަކީ ކިޔުންތެރިންނާ ހަމައަށް އެ ވާހަކަތައް ގެނެސްދޭނެ ލިޔުންތެރިން މަދުކަމެވެ. ނަމަވެސް ވެބްސައިޓުތަކުން ވާހަކަ ކިޔުންތެރިންގެ އިތުރުން ވާހަކަ ލިޔަން ބޭނުން މީހުންނަށް ވެސް އޮންނަނީ ފުރުސަތު ހުޅުވާލެވިފަ އެވެ. ވާހަކަ ކިޔާ މީހުންގެ ކިބައިގައިވެސް ކޮންމެވެސް ވަރަކަށް ވާހަކަ ލިޔުމުގެ ހުނަރު ހުންނާނެ ކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. އަޖުމަ ބަލައިލަމާތޯއެވެ.
ދެހާސް އެގާރަ ވަނަ އަހަރު ދިވެހި ވާހަކަ ކިޔުންތެރިންނަށް ހާއްސަކޮށް އުފެއްދި "ވާހަކަޑޮޓްކޮމް" ވެބްސައިޓަކީ މިހާރުވެސް އޭގެ ވާހަކަ ދިވެހިން ދައްކާ ވެބްސައިޓެކެވެ. ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ވެބްސައިޓް އޭރު ހުއްޓުމަކަށް އައި ނަމަވެސް މިއަދު މިއޮތީ އެ ވެބްސައިޓް އާންމުންނާ ހިސާބަށް އައިސްފައެވެ. މިއީ ދިވެހި ވާހަކަ ލިޔުންތެރިންނާއި ކިޔުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ބޮޑު އީދުގެ އުފަލާއެކީ ލިބުނު ހަދިޔާ އެކެވެ.
މުޅިން އާ ބަދަލު ތަކަކާ އެކީ ކިޔުންތެރިންނަށް މިހާރު އެ ސައިޓުން އެކި ކަހަލަ ވާހަކަ ކިޔުމުގެ ފުރުސަތު ލިބިއްޖެއެވެ. ލޯބީގެ އަސަރުގަދަ ވާހަކަ ތަކެވެ. ބިރުވެރި ވާހަކަތަކެވެ. އިބުރަތުން ފުރިގެންވާ ވާހަކަ ތަކެވެ. ހަމަ ކޮންމެ މީހަކު ވެސް ވާހަކަ.ކޮމް އަށް ވަދެ ބޭނުން ވާހަކަ އެއް ކިޔާލުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. އަދި މިވަރުން ނިންމާލީ އެއް ނޫނެވެ. ވާހަކަ ލިޔަން ޝައުގުވެރިވާ ކޮންމެ މީހަކަށްވެސް އެ ފުރުސަތު އެބޮއޮތެވެ. ސައިޓަށް ލޮގިން ވެގެން ވާހަކަ ލިޔަންވީ އެވެ.
ވާހަކަ.ކޮމްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވާހަކައާއި އަދަބީ ދުނިޔެއަށް ޝައުގުވެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ އިހުސާސްތައް ވާހަކަތަކުގެ ސިފައިގައި އާންމުންނަށް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށްވުމެވެ. އަދި ހަމަ އެފަދަ ފަރާތްތަކުން ކިޔާލަން ބޭނުންވާ ވާހަކަތައް އެފަރާތްތަކަށް ވާސިލްކޮށްދޭ ފާލަމަކަށްވެ ހުސްވަގުތުގެ މުނިފޫހިފޫލުވުމާއި ދިވެހި އަދަބީ ޖައްވު ގުޅުވައިދޭ ނާރަށް ވެގެން ދިޔުމެވެ. ހަމަމިއާއެކު އަދި ދިވެހިބަހުގެ ލިޔުންތެރިކަމުގައި ހިމެނޭ މުހިންމު ބާވަތެއް ކަމުގައިވާ ވާހަކަތައް ލިޔެ ކިޔުންތެރިންނަށް ހިއްސާކުރާނެ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ.
އަދި މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. މި ޓީމަކީ ވަރަށް ވަރުގަދަ ޓީމެކެވެ. އެ ސައިޓުން ވާހަކަ ލިޔުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ. ވާހަކަ ލިޔަން ޝައުގުވެރިކަން ހުންނަ ޒުވާނުން އަވަހަށް އަމިއްލަ ޕްރޮފައިލެއް ތައްޔާރުކޮށް ވާހަކަ ލިޔަން ފަށާށެވެ. ފޭސްބުކް އެކައުންޓު މެދުވެރިކޮށްވެސް ޕްރޮފައިލެއް ހެދޭނެކަމަށް ވެސް އެ ޓީމުން ބުންޏެވެ.
"ކަވާ ހަދަން ބޭނުންވާ ފޮޓޯ ޓީމާ ހަވާލުކޮށްލުމުން ވާހަކަ އާއި ގުޅޭ ރީތި ކަވާއެއް ގްރެފިކްސް ޓީމުން ތައްޔާރުކޮށްދޭނެ. ވާހަކަތައް ޕްރިންޓްކޮށްގެން ނެރުމުގެ ފުރުސަތުވެސް ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ. ހަމަމިއާއެކު ސައިޓުގެ މޯބައިލް އެޕްލިކޭޝަން އެއްވެސް ވަރަށް އަވަސް މުސްތަގްބަލެއްގަ ލޯންޗް ކުރާނެ." ވާހަކަ.ކޮމް ގެ ޓީމުން ބުންޏެވެ.
މިއަދު ދިވެހި ލިޔުންތެރިކަމުގެ ބަގީޗާއަށް ފޮޅިގެންދާ މަލަކީ ލިޔުންތެރިނާ ކިޔުންތެރިންގެ ޖައްވު މީރު ހުވަނދު ވަހުން ފުރާލާނެ މަލެއްކަން ގައިމެވެ.