ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިވީ ހަތަރު ވަރަކަށް އަހަރު ތެރޭގައި ބައެއް ފަރާތްތަކުން އެމަނިކުފާނު ލޭބަލްކުރަނީ، އާންމުނާ ވަރަށް ދުރުގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އާންމު ގޮތެއްގައި އެމަނިކުފާނު އާންމުންގެ ތެރެއަށް ނުކުމެވަޑައިގެނެއް ނޫޅުއްވައެވެ. ނަމަވެސް ޚާއްސަ މުނާސަބާތަކުގައި އެމަނިކުފާނު އާންމުންނާވެސް ބައްދަލުކުރައްވައެވެ. އެމަނިކުފާނު ފިއްލަވައިގެން އުޅުއްވާ ކަމަށާއި އެއީ ތާއިދު ނެތުމުގެ ސަބަބުން ކުރައްވާ ކަމެއް ކަމަށްވެސް ބަޔަކު ބުނެއެވެ.

ރައީސް ޔާމީނާ ގުޅުވައިގެން ސިޔާސީ ގޮތުން އިދިކޮޅު މީހުން ތަކުރާރުކޮށް ދައްކާވާހަކައެއް އޮވެއެވެ. އެއީ ރައީސް ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ބާއްވާ އާންމު ބައްދަލުވުންތަކުގައި ސަރުކާރުގެ މުވައްޒަފުން ގަދަ ކަމުން އެތަންތަނަށް ގެންދާ ވަހަކައެވެ. އެވާހަކަ ތަކުގައި އަސްލެއް އޮތުމަކީވެސް އެކަށިގެންވާ ކަމެކެވެ. ނަމަވެސް މިދިޔަ ހަތަރު އަހަރު ތެރޭ ބޭއްވި ހުރިހާ ބައްދަލުވުން ތަކަށްވެސް މީހުން ގެންދަނީ މިބީދައިންތޯ މިއީ ސުވާލެކެވެ.

އަޟްހާ އީދު ނަމާދަށްފަހު ރައީސް އަބްދުﷲ ޔާމީން އާންމުންނާ ސަލާމް ކުރައްވަނީ--ފޮޓޯ/ ރައީސް އޮފީސް

މާޒިއަށް ބަލަމާ ހެއްޔެވެ. ސަރުކާރަށް ތިން އަހަރު ފުރިގެން ބޭއްވި "ހަބޭސް 3" ޖަލްސާގައި އެތައް ހާސް ބަޔަކު ބައިވެރިކަމަށް ސަރުކާރުން ބުނެއެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ބައިވެރިވި މީހުންގެ އަދަދު ހާހަކަށްވެސް ނާރާނެ ކަމަށެވެ. އަދި ޖަލްސާއަށް ދިޔަ މީހުންނަށް ފައިސާ ބެހި ވާހަކައަކީވެސް ބަޔަކު ދައްކާ ވާހަކައެވެ. އެއީ ހަގީގަތަކަށް ވާނަމަ އެކުރައްވަނީ ވަރަށް ގޯސް ކަމެކެވެ. ނަމަވެސް އެއީ ބުހުތާނު ދޮގެއް ނަމަ އިދިކޮޅު މީހުން އެ ހިންގަނީ ފިނޑި އަމަލެކެވެ.

އަޟްހާ އީދު ނަމާދަށްފަހު ރައީސް އަބްދުﷲ ޔާމީން އާންމުންނާ ސަލާމް ކުރައްވަނީ--ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން މީގެ ކުރިންވެސް އަދި މި އަހަރުވެސް ވަނީ އީދު ފަދަ ބޮޑެތި މުނާސަބަތު ތަކާ ގުޅުވައިގެން ރައްޔިތުންނާ ސަލާންކޮށް، އެ ރައްޔިތުންގެ ހާލު އޮޅުންފިލުއްވާފައެވެ. ގިނަ ބަޔަކު މި ފަދަ ސަލާން ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާއިރު ސުވާލަކީ އޭގެ ތެރެއިންވެސް ބޮޑު އިންސައްތައެއްގެ މީހުން ބައިވެރިވަނީ މަޖުބޫރުންތޯއެވެ. އެމީހުންނަށްވެސް ހަމަ ފައިސާ ދެނެތޯއެވެ. ދޭ ނަމަ އެއީ ހާދަހާ ރަނގަޅަކަށް އިންތިޒާމް ކުރެވިގެން ބަހާ ފައިސާއެއްތާއެވެ. އީދު ނަމާދަށް ދާ ކޮންމެ މިހަކަށް ރައީސްއާ ބައްދަލުވެ، ސަލާންކޮށް ފޮޓޯއެއް ނަގާލަން ފައިސާ ދޭނީ ހާދަ ފައިސާއެއް އޮތީމަތާއެވެ.

ހަގީގަތަށް ބަލަމާ ހެއްޔެވެ. އީދާ ގުޅުވައިގެން އަންނަ މުނާސަބަތުތަކާއި އަދި އެހެނިހެން ގައުމީ މުނާސަބާތަކުގައި ރައީސް އާ ސަލާން ގަލާންކޮށް ސެލްފީ ނަގަންދާ މީހުން އެކަން ކުރަނީ ފައިސާ ދީގެން ނުވަތަ މަޖްބޫރުން ކަމީ ބުއްދިއަށް ގަބޫލު ކުރެވޭ ވާހަކައެއް ނޫނެވެ. އެތާ އެތިބީ ވަޒީފާ ގެއްލިދާނެތީ ބިރުން ތިބި ސަރުކާރު މުވައްޒަފުން ކަމީވެސް ގަބޫލު ކުރެވޭނެ ވާހަކައެއް ބާއެވެ. ނުވަތަ އެތަނަށްދާ ކޮންމެ މީހަކީ ރައީސް، މަތީ ވަޒީފާއެއް ދެއްވައި ފަނެތީ ދެއްކެންދާ ބައެއްބާވެސް މިއީ ސުވާލެކެވެ.

އަޟްހާ އީދު ނަމާދަށްފަހު ރައީސް އަބްދުﷲ ޔާމީން އާންމުންނާ ސަލާމް ކުރައްވަނީ--ފޮޓޯ/ ރައީސް އޮފީސް

މާދުރުގެ މާޒީއަކަށް ނޫނެވެ. މިއަދު ހިނގި ކަމެކެވެ. ރައީސް ޔާމީން މިއަދި އީދު ނަމާދު ކުރައްވާފައިވަނީ އިސްލާމީ މަރުކަޒުގައި އާންމުންނާ އެއް ޖަމައާތެއްގައެވެ. އެ ޖަމައަތަށް މީހުންވެއްދީ މެޓަލް ޑިޓެކްޓަރު އަޅައިގެނެއްވެސް ނޫނެވެ. އަދި ބޮޑު ގޭޓެއް ބަހައްޓައި ފަހަރަކު މީހަކަށް ވަދެވޭ ގޮތަށް ސެކިއުރިޓީ ހައިކޮށްގެންނެވެސް ނޫނެވެ. ނަމަވެސް ރައީސަކަށް އޮންނަންވާނެ ސެކިއުރިޓީ ފިޔަވައި އިތުރު ސެކިއުރިޓީއެއް ނެތެވެ. އަދި ނަމާދު ނިންމާލުމަށް ފަހު އާންމުންނާ ބައްދަލުކޮށް ކުޑަ ކުދިންނާ މައްލަަވަ ކުރެއްވީ އެއްވެސް ބޮޑާކަމެއް ކިބުރުވެރިކަމެއް ނެތިއެވެ. ތިމާގެ ޒިންމާގެ ދަށުގައި ތިބި ބައެއް ކަމަށް ދެކި އޯގާތެރިކަމާ އެކުއެވެ.

އަޟްހާ އީދު ނަމާދަށްފަހު ރައީސް އަބްދުﷲ ޔާމީން އާންމުންނާ ސަލާމް ކުރައްވަނީ--ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން މިއަދު އާންމުންނާ ސަލާމް ކުރައްވަން ފެއްޓެވުމާ އެކު މިސްކިތުގައި ތިބި ގިނަ އަދެއްގެ ބަޔަކު ސަފަކަށް އެތުރި އެމަނިކުފާނާ ސަލާން ކުރުމަށް ކިޔުޖެހުނެވެ. އެކި ދިމާ ދިމާލުން ސަލާމަށް މީހުން އަތްދިއްކުރިއިރު ރައީސް އެ އެންމެންނާ ސަލާމް ކުރައްވައި ފޮޓޯ ނަންގަވައި ހެއްދެވިއެވެ. އަދި މި ސަލާން ކުރުން ގިނަ ވަގުތު ތަކަކަށް ދިގު ދެމިގެން ދިޔައެވެ.

ސުވާލަކީ އެއްވެސް ތާއިދެއް ނެތް އަދި އިދިކޮޅު ސިޔާސީ މީހުން ފާހަގަކުރައްވާ ގޮތަށް ރައްޔިތުން ރުޅި އަންނަ ރައީސަކާ ބައްދަލު ކުރަން މިހާ ގިނަ ބަޔަކު ޖަމާވެ ދާނެބާއެވެ. އަދި ތާއިދު ނެތް ރައީސަކާ އެތައް ބައިވަރު ބަޔަކު ސަލާން ކުރަން އެހާ ގިނަ އިރު މަޑުކުރާނެބާއެވެ. ޖަވާބު އަމިއްލައަށް އިންސާފުކޮށްލެވޭހާ ސާދާއެވެ.