މުސްލިމުންނަށް އަންނަ އެންމެ ބޮޑު ދެ ޢީދަކީ، ރަމަޟާން މަހާ ގުޅިގެން އަންނަ ފިތުރު ޢީދު ދުވަހާއި ހައްޖުގެ މާތް އަޅުކަމާ ގުޅިގެން އަންނަ އަޟްޙާ ޢީދު ދުވަހެވެ. މި ދެ ޢީދުވެސް އަހަރެމެން ފަށަނީ، ޢިީދު ނަމާދުންނެވެ. ދެން އޮތީ ހަފްތާއަކު އެއްފަހަރު މުސްލިމުން ކުރިމަތިލާ ޢީދެވެ. އެއީ ހުކުރު ދުވަހެވެ. އެދުވަހު އޮންނަނީ ހުކުރު ނަމާދެވެ. މިއީ ކުރުން ވާޖިބު ނަމާދެކެވެ.

ޢީދާއި ހުކުރު އެއް ދުވަހަކަށް ވެއްޖެ ނަމަ، އެދުވަހު އީދު ނަމާދަށް ޙާޒިރުވި މީހާ އެދުވަހުގެ ހުކުރު ނަމާދު ކުރުމާ ބެހޭގޮތުން ދީނުގައި އޮންނަނީ ކިހިނަކުންތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ.

ސެޕްޓެމްބަރ 1، 2017: މާލެގައި ބޮޑު ޖަމާއަތުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިކަމާ ގުޅޭގޮތުން ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް ވިދާޅުވީ، ޢީދާއި ހުކުރު އެއްދުވަހަކަށް ވެއްޖެ ހާލަތުގައި އެދުވަހުގެ ޢީދު ނަމާދު ކުރި މީހާގެ މައްޗަށް ހުކުރު ނަމާދު ކުރުން ކޮންމެހެން ލާޒިމް ނޫންކަމަށް ރަސޫލާ (صَلَّى اللّٰهُ عَلَيْهِ وَسَلَّم)ގެ ޙަދީސްފުޅުތަކުން އެނގޭ ކަމަށެވެ.

"ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمގެ ޒަމާނުގައި ވަނީ އެފަދަ ހާދިސާއެއް ހިނގާފައި. ޢީދު ދުވަސް ހުކުރު ދުވަހަކަށް ދިމާވެއްޖެ ނަމަ ކަންތައްތައް ކުރާނޭ ގޮތް ޙަދީޘްފުޅުތަކުންނާއި ސަހާބީންގެ ފަރާތުން އައިސްފައިވޭ،" ޑރ. އިޔާޒް ވިދާޅުވިއެވެ.

މާތް ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. "މިއަދު މިވަނީ ތިޔަބައިމީހުންނަށް ދެ ޢީދު އައިސްފައެވެ. ބޭނުން ވެއްޖެ މީހަކަށް ހުކުރު ނަމާދު ފުދިއްޖެއެވެ. އަހަރެމެން ހުކުރު ނަމާދަށް ޖަމާވާ ހުށީމެވެ."

މީގެ އިތުރުން މާ ﷲ ރުއްސުން ލެއްވި އިބުނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمގެ ޒަމާނުގައި އެއްދުވަހެއްގައި ދެ ޢީދު އައެވެ. އެކަލޭގެ ފާނު މީސްތަކުންނާއިގެން ނަމާދުކުރެއްވުމަށް ފަހު ހަދީސްކުރެއްވިއެވެ.

"ހުކުރު ނަމާދަށް އަންނަން ބޭނުންވާ ބަޔަކު އަންނާށެވެ. ނައިސް މަޑުކުރާން ބޭނުން މީހަކަށް އެ ފުރުސަތުވެސް އެބަ އޮތެވެ."

އެހެންކަމުން ޢީދު ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެ ނަމަ، އެދުވަހު ޢީދު ނަމާތުކުރި މީހާއަށް ރުކުސަތު (ލުއިގޮތް) ބޭނުންކުރުމުގެ އިހްތިޔާރު އެބައޮތްކަން އެނގެއެވެ.

ސެޕްޓެމްބަރ 1، 2017: މާލެގައި ބޮޑު ޖަމާއަތުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ. އިޔާޒް ވިދާޅުވީ، އެދުވަހުގެ ހުކުރު ނަމާދަށް ދާން ބޭނުންވާ ބަޔަކަށް އެކަން ފަހިކޮށްދޭން ޖެހޭނޭ ކަމަށެވެ. އެއީ އެދުވަހު އީދު ނަމާދަށް ހާޒިރު ނުވެވޭ މީހުންނަށް ހުކުރު ނަމާދުކުރުމުގެ ފުރުސަތު ދިނުމަށެވެ.

"އެފަދަ މީހުން އިސްވެ ބަޔާންކުރެވުނު ރުޚުސަތުގެ ތެރެޔަށް ނުވަންނާނެ. އިމާމު މީހާގެ މައްޗަށް ލާޒިމްވެގެން ވަނީ އެދުވަހުގައި ހުކުރު ނަމާދުގެ ޖަމާއަތް ގާއިމްކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

މާތް ﷲ ރުއްސުން ލެއްވި އަބޫ އަތާޢު ބިން އަބޫ ރަބާޙްގެ ކިބައިން ރިވާވެގެން ވެއެވެ.

"ތިމަންމެންނާ އެކުގައި ޒުބައިރު ހުކުރު ދުވަހެއްގެ ހެނދުނު ކޮޅުގައި ޢީދު ނަމާދުކުރެއްވިއެވެ. އެދުވަހު ހުކުރު ނަމާއަށް ދިޔައިރު އިބުނު ޒުބައިރު ނުކުމެވަޑައި ުގަންނަވައެވެ. އެހެންވެ އަހަރެމެން ހުކުރު ނަމާދުކުރީ އެކަލޭގެ ފާނު ނުލައެވެ."

އެވަގުތު އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވަޑައިގެންވީ ޠާއިފުގައެވެ. އެކަލޭގެފާނު އެނބުރި ވަޑައިގަތުމުން އެވާހަކަ ދެންނެވުމުން ވިދާޅުވިއެވެ. "އިބުނު ޒުބައިރު ކަންތައްކުރެއްވީ ސުންނަތާ އެއްގޮތަށެވެ."

އެހެންކަމުން އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވެއްޖެ މީހާ ޢީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވުން ލާޒިމެއް ނޫނެވެ. އެހެން ނަމަވެސް މީސްތަކުންނާ އެކު ހުކުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެއްޖެ ނަމަ އެކަން އައުލާކަން ބޮޑުކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ސެޕްޓެމްބަރ 1، 2017: މާލެގައި ބޮޑު ޖަމާއަތުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީދު ދުވަހާއި ހުކުރު ދުވަސް ދިމާވުމުން އެދުވަހުގެ ޢީދު ނަމާދުކޮށްފި މީހާއަށް ހުކުރު ނަމާދު ކުރުން ލާޒިމް ނޫން ކަމުގައި ވީ ނަމަވެސް އެމީހާގެ މައްޗަށް އެދުވަހުގެ މެންދުރު ނަމާދުކުރުން ވާޖިބުވާނެއެވެ.

"އީދު ދުވަހާއި ހުކުރު ދުވަސް ދިމާވުމުން އެދުވަހުގެ ޢީދު ނަމާދުކޮށްފި މީހާ ހުކުރު ނަމާދު ކުރާން ނުޖެހޭ ފަދައިން މެންދުރު ނަމާދު ކުރާން ނުޖެހޭ ކަމަށް ބައެއް މީހުން ވާހަކަދައްކާ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫން،" ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް ވިދާޅުވިއެވެ.