މިއަދަކީ އަހަރު ތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. ޙައްޖުގެ މާތް އަޅުކަމާ ގުޅިގެން ކުރިމަތިލާ އުފާވެރިކަމުގެ ދުވަހެވެ. މުސްލިމުން ފާހަގަކުރާ ބޮޑު އީދު (އަޟްޙާ ޢީދު) ދުވަހެވެ. މިއަދަކީ ޒިކްރު ކުރުމާއި ޝުކުރު ކުރުމުގެ ދުވަހެވެ. އެހެންކަމުން އެންމެހާ މުސްލިމުން މިދުވަސް ފަށައިގަންނަނީ ޛިކްރާއި ތަކްބީރުތަކުން ފުރިގެންވީ ޢީދު ނަމާދުންނެވެ. އެއަށް ފަހު އޮންނާނީ އުޟްޙިޔާ ކަތިލުމެވެ.

އަޟްޙާ ޢީދު 1438: މާލޭ ސިނާއީ ސަރަހައްދުގައި އުޟްޙިޔާ ކަތިލުން ކުރިއަށް ދަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

އުޟްޙިޔާ އަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގެ ތެރޭގައި ނަޢަމް ޞޫފީގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. ޒަމާންތަކަކަށް ފަހު، އުޟްހިޔާ ކަތިލުމުގެ ފޯރި އަނެއްކާވެސް މިވަނީ ރާއްޖޭގައިވެސް ގަދަވެފައެވެ. މާލެއާއި ހުޅުމާލެއާއި އަދި ރާއްޖެތެރޭގައި ވެސް މިއަދުގެ ޢީދު ނަމާދަށް ފަހު ވަނީ އުޟްޙިޔާ ކަތިލުމުގެ ކަންކަން ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފައެވެ.

މާފަންނު ސްޓޭޑިއަމްގައި މިއަދު ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދަށްފަހު، އަލަށް ހަދާފައިވާ ސިނާއީ ސަރަހައްދުގައި ވަނީ އުޟްޙިޔާ ކަތިލުން ކުރިއަށް ގެންގޮސްފައެއެވެ. ހަމަ އެހެންމެ ހުޅުމާލޭ ޔޫތު ސިޓީގެ ސެންޓްރަލް ޕާކްގައި، ބޮޑު ޖަމާއަތުގައި ކުރި މިއަދުގެ ޢީދު ނަމާދަށް ފަހު އެ ޕާކްގައިވެސް ވަނީ އުޟްހިޔާ ކަތިލުން ކުރިއަށް ގެންގޮސްފައެވެ.

އަޟްޙާ ޢީދު 1438: މާލޭ ސިނާއީ ސަރަހައްދުގައި އުޟްޙިޔާ ކަތިލުން ކުރިއަށް ދަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

މާލޭގައި އުޟްޙިޔާ ކަތިލުމުގެ ކަންކަން ކުރިއަށް ގެންދިޔައީ، އަމިއްލަ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްއާއި ޢަޤީޤާ އެމްވީ ގުޅިގެންނެވެ. އެގޮތުން ސިނާއީ ސަރަހައްދުގައި މިއަދު މި ދެފަރާތާއި އަދިވެސް ހެޔޮ އެދޭފަރާތްތަކުގެ އެހީތެރިކަމާއެކު ގާތްގަނޑަކަށް 600 އެއްހާ ބަކަރި ކަތިލާފައި ވެއެވެ.

"އަޅުގަނޑުމެން 100 ބަކަރި ކަތިލީ. އެހެން ނަމަވެސް ހެޔޮއެދޭ ފަރާތްތަކުން ކޮށްފައިވާ ހަދިޔާތަކާއި، އަދި އެހެނިހެން ފަރާތްތަކުންވެސް މިތަނުގައި ކަތިލި ބަކަރިތަކާއެކު ޖުމުލަ 600އެއްހާ ބަކަރި ކަތިލާފައި ވާނެ،" އިސްލާމިކް ފައުންޑޭޝަންގެ އޮފިޝަލަކު ސަންއަށް ވިދާޅުވިއެވެ.

އަޟްޙާ ޢީދު 1438: މާލޭ ސިނާއީ ސަރަހައްދުގައި އުޟްޙިޔާ ކަތިލުން ކުރިއަށް ދަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

މީގެ އިތުރުން އިސްލާމިކް ފައުންޑޭޝަނުން ވަނީ ރާއްޖެތެރޭގެ ބައެއް ރަށްރަށަށްވެސް އުޟްހިޔާ ކަތިލުމަށްޓަކައި ބަކަރި ޞަދަގާތްކޮށްފައެވެ.

"ރަށްރަށުގައި ކަތިލުމަށްވެސް 50 ވަރަކަށް ބަކަރި ވާނީ ފޮނުވާފައި،" އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ޔޫތު ސިޓީގައި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދިޔައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ހެޔޮއެދޭ އެކިއެކި ފަރާތްތައް ގުޅިގެންނެވެ. އެގޮތުން އީދު ނަމާދަށް ފަހު ސެންޓްރަލް ޕާކްގައި ވަނީ ގެރިއަކާއި 20އަށް ވުރެ ގިނަ ބަކަރި ކަތިލައިފައެވެ.

އުޟްޙިޔާ ކަތިލުމަށް ފަހު، ދެން އޮންނާނީ އެ ތަކެތި ޞަދަގާތްކުރުމެވެ. މިއީ އިސްލާމީ ރިވެތި އުޞޫލްތަކުގެ ތެރޭންވެސް މިކަން އޮންނަ ގޮތެވެ. މާލޭގައި ވެސް އަދި ހުޅުމާލޭގައި ވެސް މީގެ އިތުރުން ރާއްޖެތެރޭގައި ވެސް މިއަދު އުޟްޙިޔާއަށް ކަތިލި ނަޢަމް ޞޫފިތައް ޞަދަގާތް ކުރުމުގެ މަސައްކަތް މިހާރު އެ ސަރަހައްދުތަކުގައި ކުރިއަށް ދަނީއެވެ.

"އަޅުގަނޑުމެން ހަމަ މިތަނަށް އަންނަ ކޮންމެ ބޭފުޅަކަށްވެސް މިތަކެތިން ޞަދަގާތްކުރުން އޮންނާނެ،" އިސްލާމިކް ފައުންޑޭޝަނުން، އަދި އެޑީސީން ވާހަކަ ދެއްކި އޮފިޝަލުން ވިދާޅުވިއެވެ.

އެޗްޑީސީން ކަތިލި އުޟްހިޔާގެ ތަކެތިން ބައެއް ވަނީ، ހުޅުމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާއަށް ވެސް ޞަދަގާތްކޮށްފައެވެ.

ޢީދު ނަމާދު ނިމުމާއެކު އުޟްޙިޔާ ކަތިލުމުގެ ވަގުތު ފެށުނު ކަމުގައި ވީ ނަމަވެސް ޙައްޖުމަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް (ޢީދުދުވަހާއި އައްޔާމުއް ތަޝްރީގު ތިންދުވަސް) މިކަން ކުރިއަށް ގެންދެވޭނެއެވެ. އެހެން ނަމަވެސް އެންމެ މޮޅުއިތުރު ގޮތަކީ އަޟްޙާ ޢީދު ނަމާދު ނިމުމާ އެކު ވީހާވެސް އަވަހަކަށް ކަތިލުން ކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ.