01 Sep 2017, 12:44
މިޔަންމާގެ މުސްލިމު ރެފިއުޖީން ގޮވައިގެން ދަތުރުކުރަމުންދިޔަ ތިން ބޯޓު ބަންޑުންޖަހާލުމުގެ ސަބަބުން 26 މީހުން މަރުވެއްޖެއެވެ.
އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން 15 އަންހެނުންނާއި އަދި 11 ކުޑަކުދީންގެ ހަށިގަނޑުތައް ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ސަރަހައްދުން މިހާރު ވަނީ ފެނިފައެވެ. އެ ހާދިސާ ހިނގިއިރު ރެފިއުޖީން މަސައްކަތްކުރަމުންދިޔައީ މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތަކުން ސަލާމަތްވުމަށް ބަންގްލަދޭޝަށް ދެވޭތޯއެވެ.
ކޮކް ބާޒާރުގެ އޮފިޝަލެއް ބުނިގޮތުގައި ފެނުނު ހަށިތަކާ އެއްވެސް ބަޔަކު ހަވާލުވެފައިނުވާތީވެ އެ ހަށިތައް ވަޅުލުމަށް ވަނީ ހަމެޖެހިފައެވެ.
ބަންގްލަދޭޝާ މިޔަންމާއާ ގުޅޭ ކޯރެއް ކަމަށްވާ ނަފް ކޯރު ހުރަސްކުރުމަށް ރޮހިންޔާއިން ދަނީ ކުދިކުދި އަދި އެއްވެސް ރައްކާތެރިކަމެއް ނެތް ބޯޓްތައް ބޭނުންކުރަމުން ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުން ބުނެއެވެ.
އެހިސާބުގައި ދިރިއުޅޭ ރައްޔިތުންނާއި އަދި އެކްޓިވިސްޓުން ބުނާގޮތުގައި މިޔަންމާގެ ސިފައިން ދަނީ އަންހެނުންނާއި އަދި ކުޑަކުދިންނަށް ހަމަލާދީ އަދި ތަންތަނުގައި ރޯކުރަމުންނެވެ.
އެހެންނަމަވެސް މިޔަންމާ ސަރުކާރުން ބުނާގޮތުގައި ރޮހިންޔާގެ "ޓެރެރިސްޓުން" ދަނީ އެގައުމުގެ ސިފައިންނަށް ހަމާލާދީ ތަންތަނުގައި ރޯކުރަމުންނެވެ. އަދި ދާދި ފަހުން ރޮހިންޔާ އިން އުފެއްދި "އަރަކާން ރޮހިންޔާ ސެލްވާޝެން އާމީ" އިން ދިން ހަމަލާތަކެއްގައި މިއަންމާގެ ސަތޭކާ ސިފައިން މަރުވިކަމަށްވެސް މިއަންމާ ސަރުކާރުން ބުންޏެވެ.
އދ. އާ ހަވާލާދީ ރޮއިޓާސް އިން ބުނިގޮތުގައި މިޔަންމާގެ ސިފައިންނާއި އަދި ބުޑިސްޓުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް 27400 ރޮހިންޔާ މީހުން ބަންގްލަދޭޝަށް މިހާތަނަށް ވަނީ އެތެރެވެފައެވެ.
މިޔަންމާގެ މުސްލިމުން ދިރިއުޅޭ ސަރަހައްދުގައި އަލިފާންޖަހާތަން ސެޓެލައިޓް ފޮޓޯތަކުން ފެންނަކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ، އެމެރިކާގެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.
މިޔަންމާގެ ރޮހިންޔާ މުސްލިމުން ދިރިއުޅެމުންދަނީ ރާކިން ސްޓޭޓްގައެވެ. ރޮހިންޔާ މުސްލިމުންނަށް ރައްޔިތުކަން އެގައުމުގައި ނެތްއިރު ރައްޔިތުންގެ ގޮތުގައި ލިބެން ޖެހޭ އަސާސީ ހިދުމަތްތަކުން ވެސް އެމީހުން ވަނީ މަހުރޫމުވެފައެވެ.
ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެންމެ ފުރަތަމަ ހަރުކަށި ބުޑިސްޓުން ހަމަލާދޭން ފަށައިފައިވަނީ 2012 ވަނަ އަހަރުއެވެ.