ގއ. މާމެންދުއަށް އުފަން އިބްރާހީމް ނިސާލް (21 އަހަރު) އަކީ ހަރަކާތްތެރިކޮށް އުޅުނު ޒުވާނެކެވެ. އެންމެނާ ގުޅިގެން އުޅޭ، ރައްޓެހިންގެ ގާތް އެކުވެރިއެކެވެ. ހިތްހެޔޮ ކަމާއެކީގައި އެހީތެރިވެ އުޅުނު ކުއްޖެކެވެ. ސަކަރާތާއި މަޖާކޮށް އުޅުމަކީ އޭނާގެ މިޒާޖެވެ.

ފަސް މެމްބަރުންގެ އާއިލާއަކަށް ނިސްބަތްވާ ނިސާލް އަކީ އެ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. ވަރަށް ކުޑައިރުގައި ރަށުން މާލެ ބަދަލުވެ، ސާނަވީ ގްރޭޑާ ހަމައަށް މާލޭގެ ސްކޫލަކުން އޭނާ ވަނީ ތައުލީމް ހާސިލް ކޮށްފައެވެ. ފަހަކާ ޖެހެންދެން ވެސް އުޅުނީ ރާއްޖޭގެ ނަން މަޝްހޫރު ކުންފުންޏެއްގެ ވަޒީފާއެއްގަ އެވެ. އުޅެމުންދިޔައީ ހިތްހަމަޖެހުމާ އުފަލުގައެވެ.

ނަމަވެސް ނިސާލްގެ އެ ދިރިއުޅުން ބަދަލު ކޮށްލީ މިދިޔަ ޖޫން މަހުގެ ތެރޭގައި ކުއްލިއަކަށް ރޯގާޖެހި ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ޖެހުނު ހިސާބުންނެވެ.

"ނިސާލް ކުރިން ހުންނާނީ ތަންކޮޅެއް ސިއްހަތު ރަނގަޅުކޮށް. ނަމަވެސް ކުއްލިއަކަށް ރޯގާޖެހި ކެއްސަން ފެށީ. ދެން ދެ ދުވަހެއް ވަންދެން ހުން އައިސް މީހާ އެއްކޮށް ހިކެން ފެށީ. އޭރު ހުންނަނީ ވެސް ވަރަށް ވަރު ދެރަކޮށް،" ފިރިއެއްނެތި އުމުރުން އެންމެ އަށް އަހަރުން ފެށިގެން ނިސާލް ބަލައިބޮޑުކުރި އާސިޔަތު އާދަމް ކިޔައިދިނެވެ.

އިބްރާހިމް ނިސާލް ---

ނިސާލް ޑޮކްޓަރަށް ދެއްކީ އާދައިގެ މޫސުމީ ހުމެއް ކަމަށް ހީކޮށެވެ. އުޅެމުންދިޔަ އުފާވެރި ދިރިއުޅުމަށް އައިސްދާނެ ބަނަކަމަކަށް ކުޑަކޮށް ވެސް ވިސްނައިގެންނެއް ނޫނެވެ. އާދައިގެ މަތިން ހޮސްޕިޓަލުން ދިން ޓެސްޓުތައް ވެސް ހެދިއެވެ. ނަމަވެސް ޓެސްޓުތަކުގެ ރިޕޯޓްތައް ދެއްކި ގޮތުން ނިސާލްގެ ދެ ކިޑްނީ ވަނީ ފެއިލްވެ އޭނާގެ ދިފާއީ ނިޒާމް ބަލިކަށިވެފައެވެ.

މިކަން ވެގެން ދިޔައީ މުޅި އާއިލާއަށް ވެސް ލިބިގެންދިޔަ ކުއްލި ހައިރާން ކަމަކަށެވެ. ގަބޫލުކުރަން ފުރަތަމަ ދަތިވެސް ވިއެވެ. ނަމަވެސް ޓެސްޓު ތަކަށްފަހު ނިސާލްގެ ހާލު އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުން ދާތީ، އާއިލާއިން ނިންމީ އެކަން ޔަގީން ކުރަން ރާއްޖޭން ބޭރަށް ނިސާލް ގެންދިއުމަށެވެ.

އެތައް ބައެއްގެ ދީލަތި އެހީއާއެކު އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ނިސާލް ގެންގޮސް ފަރުވާ ދޭން ފެށީ އެމަޖެންސީގައެވެ. ކިމްސް ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ ނިސާލްގެ މަންމަ ބުނީ، ނިސާލްގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ ކަމަށާއި ފުރަތަމަ ނިސާލް ރަނގަޅު ވާނެ ކަމުގެ އުއްމީދު ވެސް ކަނޑާލި ކަމަށެވެ. އަދި ނިސާލްގެ ދެ ކިޑްނީ ފެއިލްވެ، ވީހާވެސް އަވަހަށް ޓްރާންސްޕުލާންޓް ހަދަންޖެހޭ ކަމަށް ބުންޏެވެ.

"ނިސާލްގެ ހާލަތު ހުރި ގޮތުން ޑޮކްޓަރުން ލަފާދެނީ އުމުރަށް ބަލާފަ ވީހާވެސް އަވަހަކަށް ކިޑްނީ ޓްރާންސް ޕުލާންޓެއް ހަދަން. ނިސާލްގެ އެމްބަނޑު އެއްބަފާ ހަތަރު ކުދިން ތިބިއިރުވެސް އެއިން އެއްވެސް ކުއްޖަކު ނިސާލްގެ ކިޑްނީއަކާ ނުގުޅޭ. ގުޅުނު ނަމަވެސް އަޅުނގަޑުގެ އެއްވެސް ތަނަވަސް ކަމެއްނެތް،" ހިތްދަތިކަމާއެކު އާސިޔަތު ކިޔައިދިނެވެ.

ގއ. މާމެންދޫއަށް އުފަން އިބްރާހިމް ނިސާލް، އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި --- ފޮޓޯ/ އާއިލާ

ކަށީގައި ޒުވާންކަމުގެ ހިތްވަރާ ބުންވަރު ހުރި ދުވަހު މިއަދު ނިސާލް އަކީ ހަފްތާއަކު ދެ ދުވަހު ޑައިލިސިސް ހަދަމުންދާ ކުއްޖެކެވެ. ޑައިލިސިސް ހަދަންދާ ކޮންމެ ދުވަހަކު ފަސް ގަޑިއިރު އޮންނަން ޖެހެނީ ހޮސްޕިޓަލުގައެވެ. އެކަމުގެ ސަބަބުން ވަރުބަލިވެ ގައިގެ ވަރު ނުހުންނާތީ ނިސާލް އަކީ މިއަދު އަދާކުރާނެ ވަޒީފާއެއް ވެސް ނެތް ކުއްޖެކެވެ.

ނިސާލްއަށް އާއިލާއާ ރައްޓެހިންގެ ފަރާތުން އަޅާލުމާއި ލޯބި ލިބުނު ނަމަވެސް މިއަދު ނިސާލް އެދެނީ އެންމެންގެ އެހީތެރިކަމެވެ. ހިތްވަރު ހުރި ނަމަވެސް ބޭނުންވަނީ ޒުވާން އުމުރުގައި އުފުލަންޖެހިފައިވާ ހިތްދަތި ދިރިއުޅުމުން އަރައިގަތުމަށް މަދަދުވެރިވާނެ ބަޔެކެވެ.

ނިސާލްގެ ނިކަމެތި މަންމަގެ އާދޭހަކީ ވެސް އެއީ އެވެ. އެންމެ ދަތިހާލުގައި ބަލާބޮޑުކުރި ދެލޯފަދަ ނޫރަށް އެހީތެރިވެދިނުމެވެ. އާސިޔަތު މިއަދު އެދަނީ، ޑޮކްޓަރުން ބުނާ ގޮތަށް ނިސާލް އަށް ކިޑްނީ ޑޯނަރަކާއި ކިޑްނީ ޓްރާންސްޕުލާންޓް ހެދުމަށް ދީލަތި އެހީތެރިކަމަކަށް ސަލާމް ޖަހަމުންނެވެ.

ނިސާލްއާ ގުޅެނީ "ބީ" ނުވަތަ "އޯ" ގްރޫޕްގެ ލޭ ހުންނަ މީހެއްގެ ކިޑްނީ އެވެ. އަދި ސަރުކާރުގެ ހެލްތު ސްކީމް އާސަންދައިން ކިޑްނީ ޑައިލިސިސް ހެދުމަށާއި ކިޑްނީ ޓްރާންސްޕްލާންޓަށް އާސަންދަ ކަވަރު ކުރި ނަމަވެސް، ކިޑްނީ ޑޯނަރަށް އޭގެން ހަރަދެއް ނުކުރެވެ އެވެ.

"އަޅުގަނޑަކީ އެކަނިވެރި މަޔަކަށްވެފައި އާއިލާގެ އެފަދަ ތަނަވަސް ކަމެއް ނެތުމުގެ ސަބަބުން ކިޑްނީއެއް ހޯދުމަށް އެހީތެރިކަން ދެއްވުން އެދި ދިޔަ އެންމެހާ ބޭފުޅުންގެ އަރިހުގައި އާދޭހާއެކު ދަންނަވަން،" ނިސާލްގެ މަންމަ ބުންޏެވެ.

ނިސާލްއަށް އެހީތެރިވާން ބޭނުންވާ ބޭފުޅުން ގުޅުއްވާނީ

  • 7475050 – އާސިޔަތު އާދަމް (ނިސާލްގެ މަންމަ)
  • 7990822 އަހުމަދު ނިމާލު (ނިސާލްގެ ބޭބެ)
  • 7721666 މަރިޔަމް ނީޒާ (ނިސާލްގެ ދައްތަ)

ފައިސާގެ އެހީތެރިކަމެއް ވެދެއްވަން ބޭނުންވާ ބޭފުޅުންނަށް ނިސާލްގެ މަންމަ އާސިޔަތުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

ދިވެހި ރުފިޔާ އެކައުންޓް: 7715117025101

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.