އަޟްހާ ޢީދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވަރަށް ފޯރިއާއެކު ފާހަގަކުރާ އީދެކެވެ. މި އީދާ ދިމާކޮށް ކޮންމެ ރަށެއްގައިވެސް ތަފާތު ކުޅިވަރުތައް ކުޅެއެވެ. ބައެއް ކުޅިވަރުތަކަކީ އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެއް ގޮތަކަށް ކުޅޭ "ބޮޑު ސަގާފަތުގެ" ތެރެއިން އަންނަ ކުޅިވަރު ތަކެކެވެ. ނަމަވެސް ބައެއް ރަށްރަށުގައި އެ ރަށްރަށަށް ޚާއްސަ ކުޅިވަރު ތައް ކުޅެއެވެ. އެއީ އެ ރަށުގެ އަމިއްލަ ކުޅިވަރު ތަކެވެ.

މ. މުއްޔަކީ މިފަދަ ސަގާފީ ކުޅިވަރު ތަކަށް މަޝްހޫރު ރަށެކެވެ. ރަށުގެ ކުދި ބޮޑު އެންމެންވެސް ބައިވެރިވާ ގޮތަށް ތަފާތު ކުޅިވަރުތައް މުލީގައި ކުޅޭއިރު އެ ރަށު މީހުން މިފަހަރުގެ ބޮޑު އީދަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.

މ. މުލީގައި ކުޅޭ ބޮޑު ނަގިލި ނެގުމުގެ ތެރެއިން-- ފޮޓޯ/ ހުސައިން އަޝްހަދު

ކޮންމެ އަހަރަކުވެސް އީދު ނަމާދާއެކު މުލީގެ އީދު " ޖަނަރޭޓަރު" އިސްޓާޓް ވެގެންދާއިރު އެއިން މުޅިންވެސް އުފެދިގެން ދާނީ ތަފާތު އުފެއްދުންތެރި، ކުޅިވަރު ތަކެވެ. މީގެ ތެރެއިންވެސް ޒަމާނުއްސުރެ މުލީގައި ނުނެގޭ ނަގިއްޔެއްގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ކޮންމެ އަހަރަކުވެސް އެ ރަށުގެ ހިތްގައިމު ފަޅުތެރެއަށް އާގުބޯޓެއް ބީހެއެވެ. އަދި އެ ބޯޓުގެ ފަޅުވެރިން ނަގިއްޔެއް ނެގުމަށް އުޅޭތަން ފެނިގެންދެއެވެ. މި ކުޅިވަރަށް މުލީ މީހުން ކިޔަނީ " ބޮޑު ނަގިލި" ނެގުމެވެ.

ބޮޑު ނަގިލި ނަގާތާ ވީ ދުވަހެއް ބުނަން އެނގޭ މުލީ މީހަކު ނެތް ނަމަވެސް އެ ކުޅިވަރުގެ ވާހަކަތަށް ވަރަށް ރަނގަޅަށް ދަންނަ ބަޔަކު އެރަށުގައި އަދިވެސް އެބަތިއްބެވެ. އެ ކުޅިވަރު އިހު ކުޅުނު ގޮތަށް ކުޅެން އެނގޭ އޭގެ އާޖުފާޖު ދަންނަ މީހުން ބުނާ ގޮތުން އެއީ މުލީ މީހުންނަށް ހާއްސަ ކުޅިވަރެކެވެ. އެ ނަގިލި ނުނަގާ ނަމަ އީދު ފުރިހަމަ ނުވާކަމަށް މުލީ މީހުން ބުނެވެ.

މ. މުލީގައި ކުޅޭ ބޮޑު ނަގިލި ނެގުމުގެ ތެރެއިން-- ފޮޓޯ/ ހުސައިން އަޝްހަދު

މުލިން ވާހަކަ ދެއްކި މުހައްމަދު ސައީދު ބޮޑު ނަގިލި ނަގާގޮތް ކިޔައިދިނެވެ.

" މިވާގޮތަކީ މިރަށު ފަޅުތެރެއަށް ވަންނަ ބޮޑު އާގު ބޯޓެއްގައި ތިބޭ ބަޔަކު މިއުޅެނީ ނިކަން ބޮޑު ނަގިއްޔެއް ނަގަން ވެގެން. ދެން އެ ނަގިލި ނަގަން މިދަނީ އަންބާ ކިޔައި، ލަވަ ކިޔައި ނިކަން ގިނަ ސަކަރާތް ޖަހަމުން. ނަގިލި ނަގަން މި އޮންނަނީ ދެ ވާ އަޅާފައި އެއިން ކޮންމެ ވަލެއްގައި ތިބޭނެ މަދުވެގެން އަށް މީހުން،" ބޮޑު ނަގިލި ނަގާގޮތް ސައީދު ކިޔައިނެވެ.

މުލީ މީހުން މިނަގާ ބޮޑު ނަގިލި ނެގުމަށް ނިކަން ދިގު އެއް ލަވަ ފުރަތަމަ ކިޔާނެ އެވެ. ނަމަވެސް ނަގިއްޔަށް ހަމަހިލާ އަސަރެއް ނުކުރާނެއެވެ. އަނެއްކާވެސް ދެވަނަ ލަވައަކުން ކަށިން ހިތްވަރު ނެރެގެން ނަގިލި ނަގަން މަސައްކަތް ކުރާން ފަށައެވެ. ދެވަނަ ފަހަރުންވެސް ނަގިއްޔަށް ހަމަ ހިލަމެއްވެސް ނުވާނެއެވެ.

ދެން އޮންނާނީ ފަހު "ފަހު އެތިފަހަރު" އެޅުމެވެ. ތިންވަނަ ފަހަރަށް އަންބާ ކިޔައި ނަގިލީގައި ހިފާއިރަށް އެ އޮތްތަނުން ހިލަމެއް ވާހެން ހީވަނެ އެވެ. އެ ލަވަ ނިމެން ވާއިރަށް ނަގިލި ނަގައި ނިމޭނެއެވެ.

ސައީދު ކިޔައިދިން ގޮތުގައި މި ކުޅިވަރުގައި ބައިވެރިވާ ހުރިހާ މީހުންވެސް ތިބޭނީ ނިކަން ނަލަހެދިލައިގެންނެވެ. ކޮންމެ މީހަކުވެސް ހުންނާނީ އެމީހަކު އަދާ ކުރާ ރޯލާ ގުޅޭ ހެދުން އަޅައިގެންނެވެ.

މ. މުލީގައި ކުޅޭ ބޮޑު ނަގިލި ނެގުމުގެ ތެރެއިން-- ފޮޓޯ/ ހުސައިން އަޝްހަދު

މުލީ މީހުންގެ ބޮޑު ނަގިލި ނެގުމަކީ އެއްބައިވަންތަ ކަމާއި ގުޅުން ދައްކުވައިދޭ މުހިއްމު ކުޅިވަރެކެވެ. އެ ރަށު މީހުން ބޮޑު ނަގިލި ނަގަނީ އެ ގުޅުން ދައްކުވައިދިނުމަށެ އަދި ގިނަ ބަޔަކަށް މި ކުޅިވަރު ކަމުދާކަމަށް ރަށު މީހުން ބުނެއެވެ.

މިއީ ކޮންމެ އީދެއްގައިވެސް މުލީގައި ނަގާ " ބޮޑު ނަގިލި" ނެގުން ކުޅޭ ގޮތެވެ. މުއްޔަށް ޒިޔާރާތްކުރާ މެހެމާނުންނަށް މެހެމާންދާރީ އަދާ ކުރުމުގެ ގޮތުން މި އަހަރުވެސް "ބޮޑު ނަގިލި" ނެގުމަށް މުލީ ރައްޔިތުން އަންނަނީ ތައްޔާރު ވަމުންނެވެ.