ރާއްޖެއަކީ މިނިވަން ގައުމެކެވެ. މިއަދަކީ ރާއްޖޭގެ މިނިވަން ދުވަހެވެ. ރާއްޖޭގެ މިނިވަން ކަމުގެ ކަލަންޑަރުން 46 އަހަރު ކެނޑިގެން ދާއިރު ރާއްޖެގެ މިނިވަން ކަމުގެ ދިގު "ހިނގައިލުމު"ގެ މިލިޔަން ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅު މަތީގައި ހުއްޓި މަޑުޖެހިލުމަކީ ކުރަން ޖެހޭ ކަމެކެވެ. މި ރިޕޯޓްގައި މި ހުއްޓިލަނީ އޭގެ ތެރެއިން ހަމަ އެންމެ ފިޔަވަޅެއް މަތީގަ އެވެ.

އޮކްޓޯބާ 17، 1959)ނިއު ޔޯކް ޓައިމްސް(: ދިވެހިންނަކީ މުސްލިމުންނެވެ. ދިވެހިންގެ ޒުވާނުންނަކީ މިސުރުން ކިޔަވައިގެން ތިބި ބައެކެވެ. ދިވެހިނާއި ދިވެހި ސަރުކާރުން، އިނގިރޭސި ވިލާތާ މެދު ދެކޭ ގޮތް ބަދަލުވީ ސުއޭޒް ކެނެލްގެ ހާދިސާގެ ފަހަށެވެ. މިދެންނެވި ހިސާބުން ލައްވައިލަނީ 1956 އަށެވެ. އެހެން ކަމުން ސްއޭސް ކެނެލް ހާދިސާއަށް ފަހުން ދިވެހިންގެ ޒުވާން ވިސްނުމުގެ ބާރު ދަގަނޑު މުށުތެރެއިން ވީއްލި ގަތުމަށް ތެޅިގަތުމަކީ އެކަށީގެންވާ ކަމެކެވެ؛

އިނގިރޭސި ދިވެހި ލޯބި ކަނުވެ، ދެކުނުގެ ތިން އަތޮޅު، މައި ސަރުކަރާ ވަކިވުމުން ބޮޑުވަޒީރު ނާސިރު އިސްލާމީ ގައުމުތަކުގެ ތާއީދާއި މަދަދު ހޯދަން މަސައްކަތް ކުރެއްވި އެވެ. މިސުރުގެ ރައީސް ޖަމާލް އަބްދުއް ނާސިރާ ބައްދަލުކުރެއްވުމަށް އިބްރާހިމް ޝިހާބު ފޮނުއްވި އެވެ. އަދި އެހެން ވަފުދުތައް ޕާކިސްތާނާއި އިންޑިއާ އަށް ވެސް ފޮނުއްވާފައިވެ އެވެ.

ވިޔަފާރީގައި ރާއްޖެ އެންމެ ބޮޑަށް ގުޅިފައިވަނީ ސްރީ ލަންކާ ކަމަށް ވިޔަސް ސިޔާސީ ގޮތުން އަތް ދަންމާލަނީ މެދުއިރުމައްޗަށާއި އިސްލާމީ ގައުމުތަކަށެވެ. މި ސަބަބުތައް މިހެން ހުރުމާއެކު ރާއްޖެއާ އިނގިރޭސީންނާ ދެމެދު 1953 ގައި ކޮށްފައިވާ އެއްބަސްވުމާ ކުޅެން ވިޔަސް ބަދަލެއް ގެންނަން ވިޔަސް ދިވެހި ލީޑަރުން މަސައްކަތް ކުރަން ފެށީ ސުއޭޒް ކެނެލްގެ ހާދިސާ އަށް ފަހު ކަމަށް ބަލާނެ ޖާގަ ހަންޏެއް ނޫނެެވެ. އެއީ އެންމެ ރަނގަޅު ޕްރިޑިކްޝަނެކެވެ.

އިނގިރޭސީންނާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއް ވިއެވެ. އެއީ 19 ވަނަ ގަރުނުގެ ފަހުކޮޅެވެ. އޭގެ މާއްދާތަކުގެ ދަށުން އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔައީ އެވެ. މީގެ މާނައަކީ ރާއްޖޭގެ ޚާރިޖީ ހުރިހާ ކަންތައްތަކެއްގެ ބަލަދުވެރިއެއްގެ ސިފަޖެހިގެން ޒިންމާ ނެގީ އިނގިރޭސިންނެވެ. އެއިން ދިވެހި ރާއްޖެ "ދަނގަނޑުން ބަނދެފައި" އޮތް އޮތުން ފުނޑުފުނޑު ކޮށްލި ލީޑަރަކީ ނާސިރެވެ. ނާސިރަކީ ކާކުކަން ދިވެހިންނަށް އޮޅެން ނުޖެހޭ ސަބަބަކީ އެއީ އެވެ.

"ދަގަނޑުން ބަނދެފައި" ބާއްވައިގެން އިނގިރޭސިން ދިޔައީ ރާއްޖޭގެ މައްޗަށް ބަދަވިކަން ދައްކަމުންނެވެ. އެކި ގޮތަށެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒުތައް ގާއިމްކުރި އެވެ. އެ ހަނގުރާމައަށް ފަހު، އައްޑު އަތޮޅުގައި އިނގިރޭސިންނަށް އަސްކަރީ މަރުކަޒެއް ހެދުމުގެ ހުއްދަ އެންމެ ފުރަތަމަ ދިނީ 1953 ގައިވި އެއްބަސްވުމުގަ އެވެ. އަދި 1950 ގެ ފަހުކޮޅު، އައްޑު އަތޮޅުގައި ރޯޔަލް އެއާފޯސްގެ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ވެސް އޭރު ފެށިއްޖެ އެވެ. އެއީ އިނގިރޭސީން "ހުއްޖަހައިގެން" ގެންގުޅުއްވި ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއެކު ސްރީލަންކާގައިވި ނުރަސްމީ އެއްބަސްވުން ނުވަތަ މަޝްހޫރު އިނީޝިއަލް އެގްރިމެންޓްގެ ދަށުނެވެ. އެއީ 1956 ގަ އެވެ.
އިނގިރޭސި އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމްކުރުމާއި ރާއްޖޭގެ ދިފާއީ އަދި ޚާރިޖީ ކަންތައްތައް ބެލެހެއްޓުމުގެ ބާރު 1956 ގެ އެއްބަސްވުމުގެ މާއްދާތަކުން ލިބެ އެވެ. ފަހުން 1956 ގެ ނުރަސްމީ އެއްބަސްވުމާ ދެކޮޅަށް އާންމުންނާއި ސަރުކާރުގެ އިސް ލީޑަރުން ދެކޮޅު ހެދުމުން 1957 ގެ ޑިސެމްބަރުގައި ފާމުލަދޭރި ކިލެގެފާނު ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވީ އެވެ. )އެ އިސްތިއުފާގެ ވާހަކައަކީ އަދި މުޅިން އެހެން ވާހަކަ އެކެވެ(

އެހިސާބުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ ނާސިރެވެ. ދިވެހިންނަށް ވެލާނާގޭ އިބްރާހިމް ނާސިރާ ބެހޭ ގޮތުން ބުނެދޭން ޖެހޭ އެއްވެސް އެއްޗެއް ނޯންނާނެ އެވެ؛ ޑިސެމްބަރު7، 1978ގައި ނާސިރު ސިންގަބޫރަށް ވަޑައިގަތެވެ؛ އެއީ ވެރިކަމުން ވަކިވެވަޑައިގެންނެވުމަށް ފަހު ސިންގަޕޫރުގައި ދިރިއުޅުއްވަން ބޭނުންފުޅުވެގެނެވެ. ސިޔާސީ ގޭހާއި އެމަނިކުފާނުގެ ކިޑްނީގެ އާލާސްކަން ފުޅު ވެސް އެކަމަށް ބާރު އެޅީ އެވެ. އޭގެ ފަހުން ކެނެޑާ އަށް ވަޑައިގެން އެ ގައުމުގައި ވެސް ދިރިއުޅުއްވި އެވެ. އެއަށް ފަހު އަނެއްކާވެސް ހޭދަ ކުރެއްވެވީ ސިންގަޕޫރުގަ އެވެ. ނާސިރު ވަޑައިގަތް ދުވަސްވަރު ސިންގަޕޫރުގައި އެ މަނިކުފާނު ހުންނަވާ ގެކޮޅު ކައިރި އަށް ނޫސްވެރިން ފުނިޖެހޭ ކަމަށްވެ އެވެ. ރައީސް ނާސިރު އަރިހުގައި ވަޑައިގެންނެވި އޭރުގެ އަނބިކަނބަލުން ނަސީމާ މުހައްމަދުގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެއިން އެއްވެސް ނޫސްވެރިޔަކާ ކުރިމަތިލައްވަން ނާސިރު ބޭނުންފުޅުވެ ވަޑައި ނުގެންނެވި އެވެ. ދިފާއުގައި ކޮންމެވެސް ވިދާޅުވާށޭ ނަސީމާ ދެންނެވި ކަމަށް ވެއެވެ. ޖަވާބުގައި ނާސިރު ވިދާޅުވަނީ "ނާސިރަކީ ކާކުކަން ދިވެހިންނަކަށް ނޯޅޭނެ" ކަމަށެވެ. "ދިވެހިންނަށް ނާސިރާ ބެހޭ ގޮތުން ބުނެދޭން ޖެހޭ އެއްޗެއް ނޯންނާނެ" ކަމަށެވެ. "ކޮންމެވެސް ދުވަހަކުން ދިވެހިން ވެލާނާގޭ އިބުރާހިމް ނާސިރުގެ ހިދުމަތްތައް ދަންނާނެ" ކަމަށެވެ.

މިވާހަކަ އަޅުގަނޑު ކުރިން ވެސް ލިޔެފައި ވާނެ އެވެ. ނަސީމާ ވެސް އަދިވެސް ދުނިޔޭގައި އެ އިންނެވީ އެވެ. ދޮގު ކުރައްވައިފަ އެއް ނުވެއެވެ.

އޭރު ރާއްޖެއަށް ދިމާވެފައި އޮތް ގޮތުގެ މައްޗަށް ތަފާތު ލޮލަކުން ބަލައިލުމުން ރާއްޖޭގެ ޚާރިޖީ ގުޅުން އެހެން ގައުމުތަކާ އެކު އަމިއްލައަށް ގާއިމްކޮށް ދެމެހެއްޓޭފަދަ މިނިވަންކަ ކަމަށް މަސައްކަތް ކުރެއްވުމަކީ ނާސިރުގެ މަސައްކަތުގެ ޕްލޭން އަސްލު ހަގީގަތުގައި ފެށޭ ހިސާބެވެ. މިނިސްޓަރުންގެ ފެންވަރުގައި އެތަކެއް ބައްދަލުވުމެއް ލަންޑަނުގައި ބޭއްވި އެވެ. އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އައްޑު އަތޮޅުގައި ގާއިމްކުރުމާ ދެކޮޅަށް ދުނިޔޭގެ ތާއީދު ހޯދަން ތެދުވެ ވަޑައިގަތެވެ. ސްރީލަންކާގައި ބޭއްވި ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ޝިހާބު އިންޑިއާ އަދި ސިލޯނު ސަރުކާރަށް ގޮވައިލެއްވެވީ އިނގިރޭސިންގެ އަސްކަރީ މަޝްރޫއުއާ ދެކޮޅަށް ނުރުހުން ފާޅު ކުރުމަށެވެ. އެއީ އެޕްރިލް 1، 1958 ގަ އެވެ. މިއީއަކީ އާދައިގެ ނުރުހުމެއް ނޫނެވެ.

ނާސިރުގެ ޕްްލޭން ފެށުނީ އިނގިރޭސިންނާއި ދިވެހި ސަރުކާރާ ދެމެދު މައްސަލަތައް އުފެދި އަތްލާން ނުކުރޭވަރަށް ގޯސްވެފައި އޮއްވަ އެވެ. ގޯސްވެފައި އޮތް މިންވަރު ވަޒަން ކޮށްލެވެނީ ހުވަދު އަތޮޅު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ގެންނަން "މޯލްޑިވް ސްޓާ" ގައި އަސްކަރީ ބާރާއެކު ޖުލައި 1959 ގައި ސީދާ ނާސިރު ވަޑައިގެން ބަޑިޖެހި ހާދިސާ އިނގިރޭސި ވިލާތުން ކުށްވެރިކޮށް ދިވެހި ސަރުކާރަށް އިންޒާރު ދިނުމުންނެވެ. ހުވަދު އަތޮޅާއި ފުވައް މުލަކާއި އައްޑު އަތޮޅު މައި ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރުމަކީ އިނގިރޭސިންގެ ދަގަނޑު އަތްދަށުން ވީއްލެން ނާސިރު ރޭއްވި ޕްލޭން މެކުހަށް ޖެއްސެވުމެވެ.

ދެކުނުގެ ފުރަތަމަ ބަޣާވާތް ފެށީޖެނުއަރީ1، 1959 ގަ އެވެ. އަދި މާޗް 1959 ގައި އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅިގެން ވަކި ސަރުކާރެއް ހިތަދޫ ފިނިފެންމާގޭ އަބްދުﷲ އަފީފު އިއުލާން ކުރެއްވި އެވެ.

"ހުވަދު އަތޮޅުގައި ދިވެހި ސަރުކާރުގެ ބާރުގެ ދަށުން ހަތިޔާރު ބޭނުންކޮށްގެން ހިންގި ހަރަކާތުގައި މީހުން މަރުވެފައި ވާތީ އެކަން ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރަމު އެވެ. އަދި މިފަދަ ފިޔަވަޅުތަކެއް، އައްޑު އަތޮޅުގައި އަޅައި ލޭއޮހޮރުވުމަކީ އެކަމާ މެދު ވަރަށް ކަންބޮޑުވާ ކަމެކެވެ." ސްރީލަންކަގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން އޯގަސްޓް7، 1959 ގައި ނެރުނު ބަޔާނުގައި ވެއެވެ. އިންޒާރު އެކަންޏެއް ނޫންވެ. ސިޔާސީ ގޭހުގައި އަބަދުވެސް ބުނެ އުޅޭ "ވައިގެ ހަރަކާތްތަކުގެ ތަމްރީނެއް" ކަމަށް ބުނެ، ހަތިޔާރާއި ހަތިޔާރު އެޅި ސިފައިން ގަމަށް އޮއްސައިލި އެވެ. މިކަންކަކަން ކުރީ ނާސިރު އެކަމާ ދެކޮޅު ހައްދަވަމުން ދަނިކޮށެވެ.

ބޮޑުވަޒީރުކަން 11 އަހަރު، ރައީސްކަން 10 އަހަރު ކުރެއްވި ނާސިރަކީ ބަސްމަދު ބޭފުޅެކެވެ. ގޮތެއްގައި ވެރިކަން ކުރެއްވި އަމިއްލަ ސިފަތަކެއްގައި ދިރިއުޅުއްވި ބޭފުޅެއްކަން އެނގެ އެވެ. އެކަމަކު ރާއްޖެއަށާއި ދިވެހިންނަށް ފިޔަވަޅުތަކެއް ކުރިޔަށް އެޅިފައިވާ ނަމަ، ހާއްސަކޮށް ވިޔަފާރި އާއި އިގުތިސާދުގައި ކުރިޔަށް އެންމެ ފިޔަވަޅެއް އަޅާފައިވާ ނަމަ، އެ ހުރިހާ ކުރިއެރުމެއްގައި ވެސް ނާސިރުގެ ހިއްސާ ބޮޑެވެ.

ދިވެހިންގެ ތަރައްގީގެ ބައެއް ހިމެނިގެންދަނީ ރައީސް ނާސިރު ބޮޑުވަޒީރުކަން ކުރެއްވި 11 ވަރަކަށް އަހަރާއި ރައީސުކަމުގެ 10 އަހަރުގެ ތެރެއަށެވެ. ސިޔާސީ އިޖްތިމާއީ، އިގްތިސާދީ ދާއިރާތަކާއި ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާތަކެވެ. އިނގިރޭސި ތައުލީމު ފެތުރުމާއި އެންމެންނަށް ފުރުސަތު ތަނަވަސްކޮށްދެއްވުމާއި އެފަދަ އެތައް ރޮނގެއްގެ މައްޗަށެވެ.

އެ ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑު ކަމެއްގެ ގޮތުގައި ރައީސް ނާސިރު ކޮށްދެއްވި އެންމެ ބޮޑުވެގެންވާ ހިދުމަތަކީ 26 ޖުލައި 1965 ފަހަތަ ހޯއްދެވި މިނިވަން ކަމުގެ "ހަނގުރާމަ" އެވެ. ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ހިންގެވި ދިގު ހިނގައިލުމެވެ. އަދި ރާއްޖޭގެ ވިޔަފާރިއަށް ގަދަވެ ކައި ހުސްކުރަމުން ދިޔަ ވޯރާ ވިޔަފާރިވެރިންގެ އިގުތިސާދީ އަޅުވެތިކަމުން މިނިވަންކަން ހޯއްދަވައި ދެއްވުމެވެ. ވޯރާ ވިޔަފާރިވެރިންގެ ކަންތައް ނާސިރު ނިންމަވާލެއްވީ 1 އޮގަސްޓް 1962 ގަ އެވެ.
ރައީސް ނާސިރުގެ ވެރިިކަމުގައި އެންމެ ކުރިއަރައިގެން ދިޔަ އެއް ކަމަކީ ޝިޕިންގެ ދާއިރާ އެވެ. އޭރު ރާއްޖޭގައި އޮތް ޝިޕިން ލައިނަކީ، މުޅި އޭޝިޔާގެ އެންމެ ވަރުގަދަ އެއް ޝިޕިން ލައިނެވެ. ހުޅުލޭ އެއާޕޯޓް ހެދީ ނާސިރުގެ ބޮޑުވަޒީރު ކަމުގަ އެވެ. ޓޫރިޒަމް ސިނާއަތު ފެށީ ނާސިރުގެ ރައީސްކަމުގައި 1972 ގަ އެވެ. މިއީ އަސްލު ހަގީގަތެވެ.